ބޭރުގެ ގައުމުތަކާއި ބޭރުގެ އެކު ފަރާތްތަކުގެ އަމުރުތަކަށް "ކުޑަކަކޫޖަހާ" ސަރުކާރަކަށް އެއްވެސް ގޮތަކަށް ޖާގަދީ ތާއީދު ނުކުރެވޭނެ ކަމަށާއި ސްރީލަންކާގެ ސަރުކާރު ހިންގުމުގައި މިހާރު އޮތް ކޯލިޝަން ސަރުކާރު މަގުން ކައްސާލާފައިވާ ކަމަށް ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ ވިދާޅުވެއްޖެ އެވެ.
ރާޖަޕަކްސަ ވިދާޅުވީ ސަރުކާރު ހިންގަންޖެހޭނީ ދެ ބޭފުޅުން "މަސްހުނި މޮޑެގެން" ނޫން ކަމަށާއި އެކަން ކުރަން ޖެހޭނީ ރައީސް މައިތްރިޕާލާ ސިރިސޭނާ ނޫނީ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހާ ކަމަށެވެ. އަދި އެއީ ބޭރުގެ ފަރާތްތަކުން އެދޭ ގޮތަށް ކުރެވޭ ކަމަކަށް ވެސް ވެގެން ނުވާނެ ކަމަށެވެ.
މިހާރު ކުރުނޭގަލަ ދާއިރާގެ މެންބަރުކަން ކުރައްވާ ރާޖަޕަކްސަ މިހެން ވިދާޅުވީ ކޮލަމްބޯ ޕަބްލިކް ލައިބްރަރީގައި އޮތް ރަސްމިއްޔާތެއްގަ އެވެ.
ރާޖަޕަކްސަ ވިދާޅުވީ ގައުމުގެ ހިންގުމުގައި ރައީސް، ބޮޑު ވަޒީރު އަދި ކެބިނެޓް މެމްބަރުން ވާހަކަފުޅު ދައްކަވަނީ ތިން ގޮތަށް ކަމަށެވެ. އޭގެން ސަރުކާރު ހިންގުމުގައި ކޯލިޝަން ސަރުކާރުން ނުކުޅެދިފައިވާ ކަން ފެނިގެންދާ ކަމަށާއި މިއީ ވަރަށް ނުރައްކާތެރި ހާލަތެއް ކަމަށްވެސް އޭނާ ފާހަގަކުރެއްވި އެވެ. އަދި، ޔުނައިޓެޑް ނެޝަނަލް ޕާޓީ (ޔޫއެންޕީ) އާއި ސްރީލަންކާ ފްރީޑަމް ޕާޓީ (އެސްއެލްއެފްޕީ) ކޯލިޝަން ހަދާފައި ވަނީ ހަމައެކަނި ވެރިކަމަށް އައުމަށް ކަމަށާއި ގައުމަށް ހިދުމަތް ކުރުމަށް ނޫންކަމަށް ރާޖަޕަކްސަ ތުހުމަތު ކުރެއްވި އެވެ.
މެމްބަރު ރާޖަޕަކްސަ ވިދާޅުވީ ބައިނަލްއަގްވާމީ މައިދާނުގައި ބޭރުގެ ފަރާތްތަކުގެ އަމުރުތަކަށް "ކުޑަކަކޫޖަހާ" ސަރުކާރަކަށް އެއްވެސް ގޮތަކަށް ތާއީދު ނުކުރާނޭ ކަމަށެވެ. ރާޖަޕަކްސަ ވަނީ ޔޫއެންޕީ އާއި އިދިކޮޅު އިއްތިހާދާއެކު އެއްބަސްވުމެއް އެކުލަވާލެވިފައިވާ ކަމަށް ދެކެވޭ ވާހަކަތައް ދޮގުކޮށްފަ އެވެ.
ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ދައުރު ނިމުމަކަށް އައިސްފައި ވަނީ ޖެނުއަރީ 2015 ގައެވެ. މިހާރުގެ ރައީސް މައިތްރިޕާލާ ސިރިސޭނާ އަކީ ރާޖަޕަކްސަގެ ދައުރުގައި ހެލްތް މިނިސްޓަރގެ މަގާމް އަދާކުރެއްވި ބޭފުޅެކެވެ.