އަވަސް ވީކެންޑް

މަސީހުގެ ވިޔަފާރި ޖެޓު ދުވެލީގައި!

  • މެރިން އިންޑަސްޓްރީއަށް ހިދުމަތް ކުރުމުގައި
  • ގިނަ އަދަދެއްގެ މީހުން ތަމްރީން ކުރުމުގެ މުގުލުގައި
  • މެރިން އިންޖިނިއަރިން ކިޔަވައިދިން ޓީޗަރެއް

ރާއްޖޭގެ މެރިން އިންޑަސްޓްރީ އަށް މި އަށް ވުރެ މުހިންމު މީހަކީ ކޮބައި ހެއްޔެވެ؟ މިއީ ރާއްޖޭގެ ކަނޑު ދަތުރުފަތުގައި ބޭނުންކުރާ އުޅަނދު ފަހަރުގެ އިންޖީނަށް މީހުންގެ "ލޯ ހުޅުވައިދިން" އެއް ފަރާތައް ވާނެ އެވެ. އިންޖީނު ކިޔަވައިދިން މުދައްރިސެވެ. ކުރީގެ ވީޓީސީގައި ކިޔަވައި ދެއްވުމުގައި އުޅުއްވި މަސީހު އިމާދު، އާއްމު ނަމުން މަޝްހޫރު "މަސީހު" ގެ ދަރިވަރުން މިވަނީ މުޅި ރާއްޖެ އަށް ފެތުރިފަ އެވެ. ނަމަވެސް މިހާރު މަސީހުގެ ދާއިރާ ތަފާތެވެ. އަމިއްލަ ވިޔަފާރި ޑީޓެކް ކުންފުޏާއެކު މިވަނީ ޖެޓް ދުވެލީގައި ކުރިއަށް ދުއްވައިގެންފަ އެވެ.

މަސީހުގެ ހިދުމަތުގެ ރެކޯޑަށް ބަލާނަމަ ވޮކޭޝަނަލް ޓްރެއިނިން ސެންޓަރު (ވީޓީސީ) ގެ އިންސްޓްރަކްޓަރުގެ މަގާމާއި ޗީފް އިންސްޓްރެޓަރު އަދި ޑިރެކްޓަރުގެ މަގާމު ވެސް ފުރުއްވި އެވެ. އޭގެ ފަހުން ގައުމީ ޔުނިވާސިޓީގެ ހިއުމަން ރިސޯސް ޑިޕާޓްމަންޓުގެ ޑިރެކްޓަރު ޖެނެރަލްގެ މަގާމު ވެސް ފުރުއްވި އެވެ.

"ކުރިން މި އުޅުނީ ކިޔަވައި ދިނުމުގައި ނަމަވެސް މިހާރު އިސްތިއުފާ ދީފިން. އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި އަޅުގަނޑުގެ ދަށުން މީހުން ނުކުންނަން ޖެހޭނެ. އެ ބޭފުޅުންނަށް ފުރުސަތު ދީފައި ނުކުތީ،" ކިޔަވައި ދިނުމުގައި 20 އަށްވުރެ ގިނަ ދުވަސް ހޭދަ ކުރެއްވި މަސީހު ވިދާޅުވި އެވެ.

"އެންމެ ކުރިންވެސް ކުރާ ހިތްވާ ކަމެއް އިންޖިނިއަރިންއަކީ. އަޅުގަނޑު ހުންނާނެ ފުދޭވަރެއްގެ ގިނަ މީހުން ތަމްރީން ކޮށްފަ. އަޅުގަނޑުމެން ދަށުން ތަމްރީން ކުރި މީހުން މިހާރު އުޅޭނެ ޕޮލިސް އާއި ޑިފެންސް ފޯސްގައި ވެސް. އެއާޕޯޓްސް އާއި މިފްކޯގައި. އެކަމަށްޓަކައި ވަރަށް އުފާކުރަން."

މަސީހު މަގުބޫލުކަން ހޯދާފައިވަނީ މެރިން އިންޖީނުގެ ދާއިރާއިން ނެވެ. އެހެންވެ މި ދާއިރާ ދުރަށް ވަޑައިގަތުމަކީ އެއްގޮތަކަށް ވެސް ހިތަށް ކެތްވާނެ ކަމަށް ނުވީކަމަށް ވެސް ވެދާނެ އެވެ. އެހެންވެ މިހާރު މަސީހު ކުރައްވާ ވިޔަފާރި ވެސް ގުޅުވާލާފައިވަނީ މި ދާއިރާއާ އެވެ.

އަމިއްލަ ކުންފުނި "ޑީޓެކް" 1998 ގައި އުފެއްދުމާއެކު މި ވިޔަފާރީ ވަނީ ފެން ކަފާގައި ދުއްވައި ގެންފަ އެވެ. މިގޮތުން މަސީހުގެ ޑީޓެކް ވިޔަފާރީގެ މަގުބޫލު ވެފައިވަނީ މަގުބޫލު މަރުކާތައް ވިއްކާ ތަނެއްގެ ގޮތުގަ އެވެ. ޑީޓެކުން އޮތޮރައިޒް ނަގައިގެން ވިއްކާ ބޮންބާޑިއާ ރެކްރިއޭޝަން ޕްރޮޑަކްޓް (ބީރާއުޕީ) ގެ އުފެއްދުންތައް މިވަނީ ދިވެހިންގެ ހިތްތަށް ފަހަތަކޮށްފަ އެވެ. ހާއްސަކޮށް މި ބްރޭންޑުގެ ދަށުން ވިއްކާ "ސީޑޫ ޖެޓް-ސްކީ" އަކީ ރާއްޖޭގެ ޓޫރިޒަމް ދާއިރާ އަށް އެންމެ ބޭނުންތެރި އެއް އުފެއްދުމަށް މިއަދު ވަނީ ވެފަ އެވެ.

"އަބަދު ވެސް ވިސްނުން ހުރޭ މި ދާއިރާ އަށް މަސައްކަތް ކުރަން. އަމިއްލަ ކަމެއް ފެށިނަމަ ވެސް. އެހެންވެ ފެށީ ޑީޓެކް. ފުރަތަމަ ފެށިއިރު ހުރިހާ ރަށަކު ކަރަންޓެއް ނުހުރޭ. އެހެންވެ ރަނގަޅު ޖަނަރޭޓަރެއް ހޯދުމުގެ މަގުސަދުގައި ގެންދިޔައީ 'ޑޮއިޓްސް' އިންޖީނު. އޭރު މީހުނަނަށް ނޭނގެ. އަޅުގަނޑުމެން މި މުޅި ރާއްޖެ އަށް ފަތުރާލީ،" ޑީޓެކް ވިޔަފާރިއާ ބެހޭ ގޮތުން މަސީހު ވިދާޅުވި އެވެ.

"އޭގެ ފަހުން އަޅުގަނޑު ހިތައް އެރީ އެބަ ޖެހެއޭ ވިޔަފާރި ދެމިހުންނަ ގޮތެއްގައި ކުރިއަށް ގެންދާނަމަ ޑައިވާސިފިކޭޝަނެއް އޮންނަން. އެގޮތުން ވިސްނީ ވޯޓާ ސްޕޯޓްސްގެ ދާއިރާ. މީގެ ތެރޭގައި އުޅެނީ ވަރަށް ގިނަ ދާއިރާތައް. އެހެންވެ ބީއާރުޕީ [ބޮންބާޑިއާ ރެކްރިއޭޝަން ޕްރޮޑަކްޓް] ގެންނަން. މި ބްރޭންޑުގެ އިންޖީނު މި ހުންނަނީ އެތެރޭގައި މި ބޭނުންކުރާ އެއާލައިންތަކުގައި ވެސް. އަޅުގަނޑުމެން މި ހޯދީ އެ ބޭފުޅުންގެ ރެކްރިއޭޝަނަލް ޕްރޮޑަކްޓް. މި މީހުންގެ ޖެޓްސްކީ އާއި އައުޓް ބޯޑް އިވެންޓްރޫޑް މި ގެނައީ،" މަސީހު ވިދާޅުވި އެވެ.

މަސީހު ވިދާޅުވީ މި ދެ ބްރޭންޑަކީ ވެސް މިހާރު ދިވެހިންގެ މަގުބޫލު ދެ ބްރޭންޑް ކަމަށާއި، ހާއްސަކޮށް ކުރި އަރަމުން އަންނަ ޓޫރިޒަމް މާކެޓުގައި ޖެޓްސްކީގެ މަގުބޫލުކަން އުފުލިފައިވާ ކަމަށެވެ.

"މިހާރު ރިސޯޓުތަކާއި ގެސްޓް ހައުސްތަކުގެ 75-80 ޕަސެންޓް ވަނީ ސީޑޫ ޖެޓްސްކީ އަށް ބަދަލުވެފަ. މިހާރު އަޅުގަނޑުމެންގެ ސާވިސް މުޅި ރާއްޖެ އަށް އެ ބަދެން. ޑީލާސް މެދުވެރިކޮށް. މުވައްޒަފުން ރާއްޖެ އާއި ރާއްޖޭން ބޭރުންވެސް ތަމްރީން ދެން،" މަސީހު ވިދާޅުވި އެވެ.

"ސީޑޫ ކުރިން ވެސް ބޭނުންކުރި. ނަމަވެސް އޭރު ގެންގުޅުއްވި ބޭފުޅުންގެ ފަރާތުން ކުދި ކުދި މައްސަލަތައް ދިމާވެގެން ދިޔައީ. ނަމަވެސް މިހާރު މި ބްރޭންޑަކީ އެންމެ މަގުބޫލު އެއް ބްރޭންޑް. މިހާރު ސްޕެއާ ހުންނާނެ."

މަސީހު ގަބޫލު ކުރައްވާ ގޮތުގައި ޑީޓެކްގެ ކާމިޔާބުގެ ސިއްރަކީ ޓީމެއްގެ ގޮތުގައި މަސައްކަތް ކުރުމެވެ. މިކަމުގެ ހުރިހާވެސް ޝުކުރެއް އޮތީ މުވައްޒަފުންނަށެވެ.

"ކުންފުންޏަކީ ހަތަރު ފާރެއް ނޫން. ޑީޓެކް ރަނގަޅު ވުމުގެ ސިއްރަކީ މުވައްޒަފުން. މުވައްޒަފުން ރަނގަޅަށް ތަމްރީން ކޮށްފައި ތިބުން. މިއީ އެންމެ ބޮޑު ކުރިއެރުމަކީ،" ހަށާވީހަށް ވުރެ ގިނަ މުވައްޒަފުންގެ އެމްޑީ މަސީހު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބީއާރުޕީ އިން ވެސް ބޭނުންވަނީ ރާއްޖެ އަށް އަންނަ ތަރައްގީއާ އެއްވަރަށް ތަފާތު އުފެއްދުންތައް ރާއްޖެ އަށް ނެރުން ކަމަށެވެ.

"މިސާލަކަށް ބްރިޖު، ބްރިޖާއެކު ވެސް މި ބްރޭންޑުގެ ޕްރޮޑަކްޓަ ތަކެއް ނެރެވޭނެ އެބަހުރި. ރާއްޖެއަށް މި އަންނަ ކޮންމެ ތަރައްގީއަކާ އެކު އެބަޖެހޭ އިޖާބަދެން. އެގޮތަށް އަޅުގަނޑުމެން މިތިބެނީ،" މަސީހު ވިދާޅުވި އެވެ.

ރާއްޖޭގެ މެރިން އިންޑަސްޓްރީއާއި ރާއްޖެއަށް ހިދުމަތް ކުރުމުގައި މަސީހު ހުންނެވީ އަތުކުރި އަޅާލައިގެންނެވެ. ކުރިން ކިޔަވައި ދިނުމުގައި ބެހެއްޓެވި ޝައުގުވެރިކަން މިދަނީ އަމިއްލަ ވިޔަފާރީގައިވެސް ދައްކަވަމުންނެވެ. މިއާއެކު ޑީޓެކްގެ ވިޔަފާރި މިވަނީ ސީޑޫޖެޓް ސްޕީޑުގައި ދުއްވައިގެންފަ އެވެ.