ޖަޕާނުގެ ވެރިރަށް ޓޯކިޔޯގެ މުސްލިމުންނަށް އަލަށް ޒަމާނީ މިސްކިތެއް ލިބިއްްޖެ އެވެ. ޓޯކިޔޯގައި ގާއިމުކޮށްފައިވާ މި މިސްކިތަކީ ޖަޕާނުގައި އޮންނަ މުސްލިމުންގެ ޖަމިއްޔާއަކުން ގާއިމްކުރި މިސްކިތެކެވެ. މި މިސްކިތް ހުޅުވުމަށްފަހު މިސްކިތުގައިވަނީ ޖަމާއަތުގައި ހުކުރު ނަމާދުކޮށްފަ އެވެ.
މި މިސްކިތުގައި އިސްލާމް ދީނާ ބެހޭގޮތުންނާއި ޖަޕާނުގެ ސަގާފީ ކަންތައްތައް އަދި އާންމުކޮށް މުސްލިމް ގައުމުތަކުގައި ވާހަކަ ދައްކާ ބަސްތައް ދަސްކޮށްދޭ ކްލާސްތައް ކުރިއަށް ގެންދާނެ އެވެ.
ނަވާރަ ސަތޭކަ ފަންސާސް ދެވަނަ އުފެދުނު މި ޖަމިއްޔާއިން މިސްކިތް އެޅުމަށް ފަންޑްރެއިޒިން ޕްރޮގްރާމްތައް ފަށާފައިވަނީ 2003 ވަނަ އަހަރު އެވެ. މި މިސްކިތް ހުޅުވީ އެ ޖަމިއްޔާއަށް 50 އަހަރު ފުރުން ފާހަގަކުރަން ކުރިއަށް ގެންދިޔަ ހަރަކާތްތަކުގެ ތެރެއިންނެވެ. ފަސްސަތޭކައަށްވުރެ ގިނަ މެމްބަރުން ހިމެނޭ މި ޖަމިއްޔާއިން މީގެ ކުރިން ނަމާދުކުރަން ބޭނުންކުރީ ކޮޓަރިއެއް ކަމަށްވެ އެވެ.
މި މިސްކިތް ހުޅުވި ޖަމިއްޔާއިން ބުނީ މިސްކިތް ބޭނުންކުރާ މީހުންގެ އަދަދު އަދި ވަރަށް މަދު ކަމަށާއި ނަމަވެސް ދުވަސް ވާވަރުން އެ އަދަދު އިތުރުވާނެ ކަމަށެވެ.
ތިން ބުރިއަށް ހެދި މި މިސްކިތަކީ 240 މިލިއަން ޔެން ހަރަދުކޮށްގެން ގާއިމްކޮށްފައިވާ މިސްކިތެކެވެ. މި މިސްކިތް ގާއިމްކުރުމަށް ސައުދީއަރަބިއާ އާ ތުރުކީ އަދި ޔޫއޭއީ އިން ވެސް އެހީތެރިކަން ފޯރުކޮށްދީފައިވެ އެވެ. މި މިސްކިތް މިހާރުވަނީ އާންމުކޮށް ހުރިހާ މުސްލިމުންނަށް ހުޅުވާލާފަ އެވެ.