އިނގިރޭސި ޕްރެމިއާ ލީގުގައި ރޭ ޗެލްސީ 2-1އިން ބަލިކޮށް ލިވަޕޫލް ހަމަޖެހިލައިފި އެވެ.
މެޗުގެ ފުރަތަމަ ދެ ލަނޑު ފުރަތަމަ ހާފުގައި ޖެހީ ޑެޖާން ލޮވްރެން އާއި ކެޕްޓަން ޖޯޑަން ހެންޑަސަން އެވެ. ޗެލްސީ އަށް ސުންކަނޑުވާލަދިނީ ފަހު ހާފުގައި ޑިއެގޯ ކޯސްޓާ އެވެ.
މި މެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅުނީ ލިވަޕޫލެވެ. ނަމަވެސް ފަހު ހާފު ކޮންޓްރޯލް ކުރީ ޗެލްސީ އެވެ. އެކަމަކު ލަނޑު ޖަހަން އެ ޓީމަށް ހުސް ފުރުސަތުތަކެއް ލިބިފައިނުވެ އެވެ.
އަނިޔާގެ ސަބަބުން ޗެލްސީގެ ކެޕްޓަން ޖޯން ޓެރީ އާއި ލިވަޕޫލްގެ ފޯވަޑް ރޮބާޓޯ ފިރްމީނޯ ނުކުޅެތިބި މި މެޗަށް ފަހު ހެންޑަސަން ބުނީ މިއީ ވަރަށް މުހިންމު މޮޅެއް ކަމަށެވެ.
"އަހަރުމެންނަށް މިލިބުނީ ވަރަށް މުހިންމު މޮޅެއް. ޗެލްސީ އަކީ އުނދަގޫ ޓީމެއްކަން އަހަރުމެންނަށް އެނގޭ. އަހަރުމެން ޓްރޭނިންގައި ވަރަށް ސީރިއަސްކޮށް މަސައްކަތް ކުރީ. މެޗަށް ދިޔައީ ވެސް ވަރަށް ތައްޔާރުވެގެން. މިއީ ވަރަށް ރަނގަޅު ފެށުމެއް. އަހަރެން ޖެހި ގޯލަށްވުރެ މުހިންމު ޓީމު މޮޅުވުމުން. އެއީ އެންމެ އުފާވާ ކަމަކީ. އަހަރުމެން މި މެޗުގައި ވަރަށް ރަނގަޅަށް ޑިފެންސްކުރިން،" ހެންޑަސަން ބުންޏެވެ.
މެޗަށް ފަހު ލޮވްރެން ބުނީ މެޗުގެ ފުރަތަމަ ހާފަކީ ލިވަޕޫލް މި ސީޒަނުގައި އެންމެ މޮޅަށް ކުޅުނު ފަހަރު ކަމަށެވެ. އަދި އެންމެ މުހިންމީ ތިން ޕޮއިންޓް ކަމަށާއި އެކަންކުރެވުމުން އުފާކުރާ ކަމަށެވެ.
ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނީ ޗެލްސީ އަކީ ފަހު ވަގުތު މި ސީޒަނުގައި ގޯލު ޖަހާ ޓީމެއް ނަމަވެސް ލަނޑުޖަހަން އެ ޓީމަށް ފުރުސަތު އޭނާގެ ޓީމުން ދީފައިނުވާ ކަމަށެވެ.
"މިއީ ހައްގު މޮޅެއް. އަހަރުމެން ފުރަތަމަ މިނިޓުން ފެށިގެން ވަރަށް މަސައްކަތް ކުރިން. މިއީ އަހަރުމެން މޮޅުވާންޖެހޭ މެޗެއް. އަހަރެން މިހުރީ ވަރަށް އުފަލުން ތިން ޕޮއިންޓް ލިބުނީމަ،" ކޯޗު ބުންޏެވެ.
މި މެޗުން މޮޅުވުމުން ލިވަޕޫލަށް ވަނީ 10 ޕޮއިންޓާއެކު ޓޭބަލުގެ ހަތަރުވަނަ ލިބިފަ އެވެ. 10 ޕޮއިންޓާއެކު ފައިދާ ގޯލުގެ ތަފާތުން ތިން ވަނާގައިވަނީ ޗެލްސީ އެވެ. އެއްވަނާގައިވަނީ 12 ޕޮއިންޓާއެކު މެންޗެސްޓާ ސިޓީ އެވެ.