ލިވަޕޫލްގެ ނުރައްކާ އިހުސާސް ނުކުރެވި ފުރަތަމަ ހާފުގައި ޓީމު ނިދާފައި އޮއްވާ ބައިކޮޅަށް ވަނީ ތާކުންތާކު ނުޖެހޭ ދެ ގޯލު ކަމަށް ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނެފި އެވެ.
އިޓަލީގެ ކޯޗު މިހެން ބުނީ ޕްރެމިއާ ލީގުގައި ރޭ ލިވަޕޫލް އަތުން 2-1 އިން ބަލިވި މެޗުގަ އެވެ. މި މެޗުގައ ލިވަޕޫލްގެ ދެ ގޯލު ވެސް ޖެހީ ފުރަތަމަ ހާފުގަ އެވެ.
"އަހަރުމެންނަށް ނުރައްކާ އިހުސާސްނުވި. އަހަރުމެންނަށް ފުރަތަމަ ހާފުގައި ތިބެވުނީ. ފަހުހާފުގައި އަހަރުމެން ދިން ޕްރެޝަރ ރަނގަޅު. އެކަމަކު މިފަދަ ނުރައްކާ އަހަރުމެން އެބަޖެހޭ ދެނެގަންނަން. މިދިޔަ ސީޒަންފަދަ ދެރަ ސީޒަނެއް ތަކުރާރުނުކުރުމަށް ނުރައްކާ ދެނެގަތުމަކީ މުހިންމު ކަމެއް،" އިޓަލީގެ ކުރީގެ ގައުމީ ކޯޗު ބުންޏެވެ.
އޭނާ ބުނީ ބައެއް ފަހަރު ޓީމުގެ ގޯސްކަންކަން ހޯދައިގަތުމަކީ އުނދަގޫ ކަމެއް ކަމަށެވެ.
"ބައެއް ފަހރު އެކަން ފަސޭހަވާނެ. އަނެއް ބައި ފަހަރު އުނދަގޫވާނެ. މޮޅަށް ކުރިކަންކަން ވެސް ދެނެގަތުމުގައި މިދެ ގޮތް ކުރިމަތިވާނެ. އަހަރުމެން ކޮޅަށް މިރޭ ވަނީ ދެ ގޯލަކީ ވަރަށް ހައިރާންވާހާ ތާކުންތާކު ނުޖެހޭ ދެ ގޯލު. މިކަން ބަދަލުވާންޖެހޭނެ،" ކޯޗު ބުންޏެވެ.
ތިން އަހަރު ފަހުން އެނބުރި ޗެލްސީއާ ގުޅުނު ބްރެޒިލްގެ ޑިފެންޑަރު ޑޭވިޒް ލުއިސް މި މެޗުގައި ފުރަތަމަ ފަހަރަށް ކުޅުނެވެ. މެޗަށް ފަހު އޭނާ ބުނީ ފުރަތަމަ ހާފުގައި ނުކުޅެވުނަސް ދެ ވަނަ ހާފުގައި ގޭމް ކޮންޓްރޯލް ކުރެވުނު ކަމަށާއި މައްސަލައަކީ ލަނޑު ނުޖެހުން ކަމަށެވެ.
"އަހަރެން ވަރަށް އުފަލުން މިހުރީ ޗެލްސީގައި ކުޅެވޭތީވެ. އަހަރުމެން މިރޭ ބަލިވިޔަސް ކުރިއަށްހުރި މެޗުތައް ރަނގަޅު ކުރެވިދާނެ. އަހަރުމެން ފަހުހާފުގައި ރަނގަޅު. އެކަމަކު އަހަރެން މިހުރީ ދެރަވެސްވެފައި. އެއީ އަހަރެން ބޭނުންވި ގޮތަށް ފަށައިނުގަނެވުމުން،" ޗެލްސީ ދޫކޮށް ފްރާންސްގެ ޕީއެސްޖީ އަށް މީގެ ތިން އަހަރު ކުރިން ބަދަލުވި ޑިފެންޑަރު އެނބުރި އައިސް ކުޅުނު ފުރަތަމަ މެޗަށް ފަހު ބުންޏެވެ.