ތ. އަތޮޅު ދިޔަމިގިލީގައި ހުންނަ، ދިޔަމިގިލީ ގަނޑުވަރަކީ މީލާދީން 1704 ން 1757 ހަމަޔަށް ރަސްކަން ކުރި ދިޔމިގިލީ ދަރިކޮޅުގެ ރަސްކަމުގެ އާސާރުތަކުގެ ތެރެއިން މިހާރު ފެންނާންހުރި، އެ ރަސްކަމުގެ އެންމެ މުހިންމު ރަމްޒެވެ.
އެ ރަސްކަމުގައި ދިޔަމިގިލީ ގަނޑުވަރަށާއި ދިޔަމިގިއްޔަށް ހާއްސާ އިމްތިޔާޒުތަކެއް ދެއްވާފައިވާކަން ތާރީހީ ދިރާސާތަކުން ހާމަވެފައިވެއެވެ. މިރަށުގެ ދުވަސްވީ މީހުންނާއި ރަށުގެ ތާރީހާ ބެހޭގޮތުން އެނގިފައިވަނީ ދިޔަމިގިލީ ގަނޑުވަރު ހުރި ބިމަކީ، ދިޔަމިގިލީ ރަސްކަމުގެ އެންމެ ފުރަތަމަ ރަސްކަލުން މުޒައްފަރު މުހައްމަދު އިމާދުއްދީން ނުވަތަ ދޮށީ ކަލޯގެ ބައްޕާފުޅު ތޮށަލި ކަލޯގެ އާއިލާ ދިރިއުޅުނު ގޯތި ކަމެވެ.
ދިޔަމިގިލީ ގަނޑުވަރަކީ ދިޔަމިގިލީ ދަރިކޮޅުގެ ތާރީހީ އެންމެ މުހިންމު ރަމްޒަށްވާއިރު، ރަށަށްދާ ފަރާތްތައް އެ ގަނޑުވަރަށް ޒިޔާރަތް ކުރެ އެވެ. އެހެން ނަމަވެސް އެ ގަނޑުވަރުގެ އެއީ މިހާރު ވީރާނާވާން ދޫކޮށްލެވިފައިވާ ތަނެކެވެ. ނޫނީ އެއީ ވީރާނާވެފައިވާ ތަނެކެވެ. ހިމާޔަތެއް ނެތެވެ. ގަނޑުވަރު ކުރިން ހުރިގޮތް ވަނީ ނެތި ގޮސްފައެވެ. ރީތި ފާހަގަ ތަކާއި ކުރެހުންތައް ހުރި ފާރުތައް ވަނީ ވީރާނާވެފަ އެވެ. ކުރީގެ ފަންގިފިލާ އާއި ފުރާޅެއް ނެތެވެ.
ދިޔަމިގިލީގެ ދުވަސްވީ މީހުން ބުނާ ގޮތުގައި ގަނޑުވަރުގެ ގޯތި ވަށައިގެން އަތްތެރި މަސައްކަތްތުގެ ހުނަރުވެރިކަން ފެންނާންހުރި ފާރެއް ވެސް ހުއްޓެވެ. އެފާރުގައި ވޮށް ހަރުކުރެވޭ ގޮތަށް އުވައިން ކަނޑާނަގާފައި ހުރި ގޮޅިއެއް ވެސް ހުރެއެވެ. މިފާރުގެ ބައެއް ވަކި ހިސާބެއްގައި ފެންނަން އެބަހުއްޓެވެ. ވަށައިގެން ހުރި ފާރު ބޮޑު ބައެއް މީގެ އެތައް އަހަރެއް ކުރިން ވަނީ ތަޅާލައި އާ ފާރެއް ރާނާފައެވެ.
ގަނޑުވަރު އިމާރާތުގައި ރަށު އޮފީސް ހިންގި ދުވަސްވަރެއް ވެސް ދިޔައެވެ. ރަށު އޮފީސް މިހާރު ހިނގަމުންދާ އިމާރާތައް ބަދަލު ކުރެވުނީ 1993 ގައެވެ. އެއަށްފަހުވެސް ގަނޑުވަރުގައި ބައެއް އެހެން ކަންކަމަށް ބޭނުން ކޮށްފައިވެއެވެ. ޖަމްއިއްޔާގެ އޮފީސް ހިންގުމަށާއި ގުދަނުގެ ގޮތުގައެވެ. ގަނޑުވަރުގެ ގޯތީގައި މިހާރުވެސް އެކި ބޭނުންތަކަށް އިމާރާތްކޮށްފައިވާ ތަންތަން އެބަހުއްޓެވެ. އެކަމަކު ގަނޑުވަރަށް އެއްވެސް ހިމާޔަތެއް ނެތެވެ.
ގަނޑުވަރު ކުރިން ހުރި ގޮތަށް ހަދައި، ތާރީހީ އިމާރާތަކަށް ހެދުމުގެ ވާހަކަތައް ދައްކާފައިވަނީ 2009 ވަނަ އަހަރުއެވެ. އޭރުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ގަނޑުވަރު ކުރިން ހުރި ގޮތައް އިމާރާތްކޮށް ތާރީހީ މުހިންމު އާސާރަކަށް ހައްދަވައި ދެއްވާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ.
އޭގެ ފަހުން ވެސް ގަނޑުވަރުގެ އާބާތުރަ ފިލުވައި ކުރިން ހުރި ގޮތަށް ބަދަލު ކުރުމުގެ ވާހަކަތައް ދެކެވުނެވެ.
"އޭގެފަހުން ހެރިޓޭޖް ޑިޕާޓްމެންޓުން އަޅުގަނޑުމެންނަށް އެންގި، ގަނޑުވަރު މަރާމާތު ކުރުމުގެ މަސައްކަތުގެ ޕްރޮޕޯސަލްއެއް ހެދުމަށް، އޭރުން އެކަމަށް ހޭދަވާ ހަރަދުގެ ދެބައި ކުޅަ އެއްބައި ދެއްވާނެ ކަމަށް ވިދާޅުވެފައި އޮތީ އަޅުގަނޑުމެންވަނީ އެމްއެންޑީއެފްގެ ޓީމާ ގުޅިގެން އެކުލަވާލި ޕްރަޕޯސަލް ހެރިޓޭޖް ޑިޕާޓްމެންޓަށް ފޮނުވާފަ،" ދިޔަމިގިލީ ކައުންސިލްގެ ރައީސް ނާހިދު އައްބާސް ވިދާޅުވި އެވެ.
ދިޔަމިގިލީ ގަނޑުވަރު ކުރިން ހުރި ގޮތަށް ބަދަލު ގެނައުމަކީ ދިޔަމިގިލީ ރައްޔިތުންގެ އެކަނި އުންމީދެއް ނޫނެވެ. އެއީ ރާއްޖޭގެ ތަރިކަ ހިމާޔަތް ކުރުމަށް އެޅޭނެ ފިޔަވަޅެކެވެ. ރިސޯޓްތަކުގެ ލަގަޒަރީ ހިދުމަތް ދޫކޮށް، ފަތުރުވެރިން މީހުން ދިރިއުޅޭ ރަށްރަށުގެ ގޮނޑުދޮއްތަކާއި އާސާރީ ތަންތަނަށް ޒިޔާރަތް ކުރާއިރު، ދިޔަމިގިލީ ގަނޑުވަރަކީވެސް ރަށަށް ޒިޔާރަތްކުރާ ފަތުރުވެރިންނާއި މެހެމާނުންގެ މުހިންމު މަންޒިލަކަށްވާނެ އެވެ.
ނާހިދު ވިދާޅުވި ގޮތުގައޮ އެކަމަށް ކައުންސިލުން ކުރަންޖެހޭ މަސައްކަތް ފުރިހަމަކޮށް ހެރިޓޭޖް ޑިޕާޓްމެންޓަށް ފޮނުވާފައިވާނެ އެވެ. އަދި ހެރިޓޭޖް ޑިޕާޓްމެންޓުން ރަށުގެ ދުވަސްވީ މީހުންނާ އިންޓަވިއުކޮށް ކުރިން ގަނޑުވަރު ހުރި ގޮތަށް ވަނީ ކުރާހާފަ އެވެ. ގަނޑުވަރު ކުރިން ހުރިގޮތަށް ބަދަލު ކުރުމަށް ހަމަޖެހިފައިވަނީ ރަށުގެ ދުވަސްވީ މީހުންގެ ލަފާގެ މަތިން ހެރިޓޭޖް ޑިޕާޓްމެންޓުން ކުރެހި ޗާޓާ އޮގޮތަށެވެ.
"އެމަސައްކަތްވެސް ވަނީ ކޮށްފައި. ބަޖެޓް ހަމަޖެއްސުމަށް ހެދި ޕްރަޕޯސަލް މިހާރު ފިނޭންސްއަށް ފޮނުވާފައިވާ ކަމަށް ވަނީ،" ނާހިދު ވިދާޅުވިއެވެ.