ރިޕޯޓް

އީދު ފެސްޓިވަލް: ޓޫރިޒަމް ކަލަންޑަރަށް ލެވިދާނެ ތަ؟

  • އީދު ޕްރޮމޯޓް ކޮށްގެން ޓޫރިޒަމް ބޫސްޓް ކުރެވޭނެ
  • ފެސްޓިވަލްތަކާ ދިމާކޮށް ގިނަ ބަޔަކު ދަތުރުކުރޭ
  • ގައުމީ ފެންވަރުގައި މަސައްކަތް ކުރަން ޖެހޭ

"މައިސް ޓޫރިޒަމް" މިއީ ދުނިޔޭގެ ދުނިޔޭގެ ޓޫރިޒަމްގެ އެންމެ މަގުބޫލު އެއް ރަހަ އެވެ. މި ބާވަތުގެ ޓޫރިޒަމަށް ދަތުރުކުރާ އެތައް މިލިއަން ބަޔަކު ދުނިޔޭގައި އުޅެ އެވެ. މި މީހުންނަކީ ދުނިޔޭގެ އެކި ހިސާބުތަކުގައި ބާއްވާ ފެސްޓިވަލް ތަކަށް ޒިޔާރަތް ކުރެ އެވެ. އެފަދަ ކަންކަމަށް ޝައުގުވެރިކަން ހުންނަ މީހުންނަށް ހާއްސަކޮށް ގައުމު ޕްރޮމޯޓް ކުރުމަކީ ދުނިޔޭގެ އެހެން ގައުމުތަކުގައި ވަރަށް އާއްމު ކަމެވެ. ނަމަވެސް ރާއްޖޭގައި މިކަން އަދި ކުރަމަކުން ނުދެ އެވެ. ސުވާލަކީ އިވެންޓް ޓޫރިޒަމްގެ ގޮތުގައި "އީދު ފެސްޓިވަލް" ރާއްޖެ އިޝްތިހާރު ކުރާ ޓޫރިޒަމް ކަލަންޑަރުގައި ނުހިމެނޭނެ ހެއްޔެވެ؟ އެކަމަށް އޮތީ ކިހާވަރެއްގެ ފުރުސަތެއް ބާ އެވެ؟

"ރާއްޖެއަކީ އިވެންޓް ޓޫރިޒަމް ވަރަށް ރަނގަޅަށް ޖެއްސިދާނެ ގައުމެއް. މީގައި ބޭނުންވަނީ ދުރާލާ ތައްޔާރުވުން. މިގޮތަށް ތައްޔާރު ވެވިއްޖެނަމަ، އީދު ފެސްޓިވަލަކީވެސް ޓޫރިޒަމްގެ ބޮޑު އިވެންޓަކަށް ހެދިދާނެ،" ޓްރެވަލް އެޖެންޓުންގެ ޖަމިއްޔާ، މަޓާޓޯގެ ރައީސް އަބްދުﷲ ގިޔާސް ވިދާޅުވި އެވެ.

ފެސްޓިވަލްތަކަށް ގިނަ ބަޔަކު ދަތުރުކުރޭ

ފެސްޓިވަލްތަކާއި މުނާސަބަތު ތަކަށް އިޝްތިހާރު ކުރުމަކީ ވަރަށް އާއްމު ކަމެވެ. މިގޮތުން އެންމެ އާއްމު އެއް ފެސްޓިވަލްއަކީ ކްރިސްމަސް އެވެ. މި ދުވަސްވަރަށް މުޅި ދުނިޔޭގެ އެކި ހިސާބުތަކަށް ގިނަ ބަޔަކު ދަތުރުކުރެ އެވެ. މީގެ އިތުރުން އިންޑިޔާގައި އޮންނަ "ހޯލީ" އަކީ ވެސް މި ފަދަ ހަރަކާތެވެ. އަދި ތައިލޭންޑުގައި ބާއްވާ "ސޮންކްރާން ވޯޓާ ފެސްޓިވަލް" ވެސް މި ލިސްޓުގައި ހިމަނަން ޖެހެ އެވެ. މި ފެސްޓިވަލް ތަކަށް ދުނިޔޭގެ އެކި ހިސާބުތަކުން އެތައް މިލިއަން ބަޔަކު އެ ގައުމުތަކަށް ދަތުރުކުރެ އެވެ.

އީދު ޕްރޮމޯޓްކުރުމުގެ ފައިދާމާ ބޮޑު!

އީދު ފެސްޓިވަލްއެއްގެ ގޮތުގައި ދުނިޔެއަށް ޕްރޮމޯޓްކޮށް، ގައުމީ ފެންވަރުގައި ފާހަގަ ކުރުމުން އޮތީ ކޮން ފައިދާއެއް ހެއްޔެވެ؟ ރާއްޖެއަކީ ޒަމާނުއްސުރެން ފެށިގެން އީދުގައި ތަފާތު ސަގާފީ ކުޅިވަރުތައް ކުޅެމުން އަންނަ ގައުމެކެވެ. އީދުގެ އުފަލުގައި ހުރިހާ ދިވެހިން ބައިވެރިވަމުންދާއިރު، މިކަމުގެ މަޖާ މުޅި ރާއްޖޭގައި ނަގަ އެވެ. މިގޮތުން އީދާއެކު ބޮޑު މަސް ނެރުމާއި މާލިނެރުން ފަދަ ކުޅިވަރުތައް ކުޅެ ހަދަ އެވެ. މީގެ އިތުރުން ދިވެހިންގެ ހަގީގީ ރަހަ ދައްކުވައިދޭ މީރު ކެއުންތައް ހަދަ އެވެ. މި ހުރިހާ ކަމަކީ ވެސް ދުނިޔެ އަށް އިޝްތިހާރު ކުރުމަށް ރާއްޖޭގައި ހުރި ޕޮޒިޓިވް ކަންތައް ތަކެވެ. އަނެއް ކަމަކީ އިސްލާމް ދީނުގެ ރިވެތި އާދަކާދަތައް ރާއްޖެ އަށް އަންނަ ޓޫރިސްޓުންނަށް ފުޅާ ދާއިރާއެއްގައި ދައްކާލަން ލިބޭ ފުރުސަތެވެ. މިއާއެކު ރާއްޖޭގެ މުއްސަނދި ސަގާފަތް މުޅި ދުނިޔެ އަށް ދައްކާލެވިދާނެ އެވެ. ހާއްސަކޮށް އީދާ ދިމާކޮށް ބޭރުގެ މީޑިޔާތައް ރާއްޖެ ގެނެސް ފޭމް ޓްރިޕް ތަކެއް ރޭވިއްޖެނަމަ ލިބިގެންދާނީ ބޮޑު ޕްރޮމޯޝަނެކެވެ.

މަޓާޓޯގެ ރައީސް އަބްދުﷲ ވިދާޅުވީ އިވެންޓް ޓޫރިޒަމްއަކީ މުޅި ދުނިޔޭގައި ވެސް ފުޅާކޮށް ބާއްވާ ހަރަކާތްތަކެއް ކަމަށެވެ.

"ސްރީލަންކަން އެއާލައިނުން ދަތުރުކުރާ ބޭފުޅުންނަށް ފެންނާނެ އެ ބޭފުޅުންގެ ޓޫރިޒަމް ކަލަންޑަރު. އޭގައި ހުންނާނެ އިވެންޓްތައް. އެގޮތަށް ދުރާލާ ރާވާލަން ޖެހޭނީ. މިގޮތަށް ކުރެވިއްޖެނަމަ ޔަގީނުން ވެސް ކާމިޔާބު ކަމަށް ވާނެ،" އަބްދުﷲ ވިދާޅުވި އެވެ.

އީދު ފެސްޓިވަލް ޓޫރިޒަމާ ގުޅުވާލައިގެން ގެންދިއުމުގެ ވާހަކަ ދައްކާއިރު މިހާރު ވެސް ރިސޯޓު ތަކުން މިކަން ކުރާކަން ފާހަގަ ކުރަން ޖެހެ އެވެ. ނަމަވެސް މިއީ އިންޑިވިޖުއަލް ވަކިވަކި ރިސޯޓުތަކުގެ މަސައްކަތެވެ. މި ކަމަށް ބޭނުންވަނީ ގައުމީ ފެންވަރުގައި މަސައްކަތް ކުރަން ޖެހެ އެވެ.

މޯލްޑިވްސް ހޮލިޑޭ ކަލެކްޝަންސްގެ ޑިރެކްޓަރު ސޭލްސް އެންޑް މާކެޓިން ޝައުޝާން ޝަފީގު ވިދާޅުވީ ތައިލެންޑް ފަދަ ގައުމުތަކުގައި ވެސް އެ މީހުންގެ ފެސްޓިވަލް ބާއްވާ ކަމަށާއި، މިހެންވެ ރާއްޖޭގައި ވެސް އީދު ފެސްޓިވަލް ފާހަގަ ކުރެވޭނެ ކަމަށެވެ.

"ބޮޑު މަސް ނެރުމާއި މާލި ނެރުން މިހާރު މިއޮތީ ހަމައެކަނި ދިވެހިން ބަލާ ކަމެއްގެ ގޮތުގައި. އެކަމަކު މިކަން އިޝްތިހާރު ކޮށްފިނަމަ ޓޫރިސްޓުން އަންނާނެކަން ޔަގީން. މިއީ ކުރެވިދާނެ ވަރަށް ރަނގަޅު ހަރަކާތަކަށް ވާނެ،" ޝައުޝާން ވިދާޅުވި އެވެ.

ރާއްޖޭގެ ގެސްޓް ހައުސް ޕްރޮމޯޓް ކުރުމަށް ހަރަކާތެރިވާ ޕީއާރު ކުންފުންޏެއް ކަމަށްވާ މޯލްޑިވްސް ގެޓްވޭސްގެ ބިޒްނަސް ޑިވެލޮޕްމަންޓް ޑިރެކްޓަރ ޑރ. ހުސެއިން ސަނީ އުމަރު ވިދާޅުވީ އީދު ފެސްޓިވަލްއެއްގެ ގޮތުގައި ޕްރޮމޯޓް ކުރެވިއްޖެނަމަ، މިއީ ރާއްޖެއަށް ލިބޭނެ ބޮޑު ކުރިއެރުމަކަށްވާނެ ކަމަށެވެ.

"އީދަށް މުސްލިމުން ނޫން އެހެން ގައުމުތަކުގެ މީހުން ވެސް އަންނާނެ. މީގައި މުހިންމީ ޕްރޮމޯޓް ކުރުން ޑެސްޓިނޭޝަން. އީދަކީ އަރަބިން ބޮޑު ޗުއްޓީއެއް ނަގާ ދުވަސްވަރެއް. މިހެންވެ މިކަމުން ކުރިއެރުން ތަކެއް ހޯދިދާނެ،" ސަނީ ވިދާޅުވި އެވެ.

އީދު ފެސްޓިވަލް ޓޫރިޒަމްގެ ބައެއްގެ ގޮތުގައި ފާހަގަ ކުރާނަމަ ދުރާލާ މަސައްކަތްތަކެއް ކުރަން ޖެހެ އެވެ. މިގޮތުން އީދު ޕްރޮމޯޓް ކުރުމަށް މަސައްކަތް ތަކެއް ވެސް ކުރަން ޖެހެ އެވެ. މި މަސައްކަތް ކުރެވިއްޖެނަމަ އީދަކީ ވެސް ޓޫރިޒަމް ކަލަންޑަރުގެ ކާމިޔާބު އެއް ހަރަކާތައް ނުހެދެންވީ ސަބަބަކީ ކޮބައި ހެއްޔެވެ؟