ބޭރު ކުޅިވަރު

މޮރީނިއޯގެ މެންޗެސްޓާ ޖެހިޖެހިގެން ތިން ވަނަ މެޗުން ބަލިވެއްޖެ

ވޮޓަފޯޑް އަތުން 3-1އިން ޕްރެމިއާ ލީގުގައި ބަލިވެ ހަފުތާއެއްގެ ތެރޭގައި ކޯޗު ހޯސޭ މޮރީނިއޯގެ މެންޗެސްޓާ ޔުނައިޓެޑް ތިން ބަލިވެއްޖެ އެވެ.

ޔުނައިޓެޑް މީގެ ކުރިން ބަލިވެފައިވަނީ ވާދަވެރި މެންޗެސްޓާ ސިޓީ އަތުންނާއި ޔޫރޮޕާ ލީގުގައި ފޭނޫޑް އަތުންނެވެ.

ވޮޓްފޯޑަށް މިއަދުގެ މެޗުގައި ލަނޑު ޖަހައިދިނީ 34 ވަނަ މިނިޓްގައި އެޓެއިނޭ ކަޕޯއީ އެވެ. މި ލަނޑަށް ފަހު މާކަސް ރަޝްފޯޑް 62 ވަނަ މިނިޓްގައި އެއްވަރުކޮށްދީފައިވަނިކޮށް ޔުނައިޓެޑް ހާސްކޮށްލީ މެޗު ނިމެން ހަ މިނިޓަށްވެފައިވަނިކޮށް ހުއާން ޒުނިގާ ޖެހި ގޯލުންނެވެ. އަދި ފަހު މިނިޓްގައި ޓްރޯއީ ޑީނޭ ވަނީ އިތުރު ލަނޑެއްގައި ފަރަގުބޮޑުކޮށްފަ އެވެ.

މިއީ ޔުނައިޓެޑުގެ ކޯޗުކަމާ ޗެލްސީ އާއި ރެއާލް މެޑްރިޑުގެ ކުރީގެ ކޯޗު މޮރީނިއޯ ހަވާލުވި ފަހުން ޓީމު ބަލިވި ތިން ވަނަ މެޗުވެސްމެ އެވެ.

ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާ ޕައުލް ޕޮގްބާއާއެކު އަގުބޮޑު ސްކޮޑެއް އޮތް ޔުނައިޓެޑަށް ވަނީ މި މެޗުން ބަލިވުމުން ފާޑުކިއުން އަމާޒުވާން ފަށައިފަ އެވެ. މި ބައްޔާއެކު ޔުނައިޓެޑް މިވަގުތު އޮތީ ލީގު ތާވަލުގެ ހަ ވަނާގައި ނުވަ ޕޮއިންޓާއެކީގަ އެވެ. އެއްވަނާގައިވަނީ މޮރީނިއޯއާ ވާދަވެރި ކޯޗު ޕެޕް ގާޑިއޯލާ ކޯޗުކޮށްދޭ މެންޗެސްޓާ ސިޓީ އެވެ. އެއީ 15 ޕޮއިންޓާއެކީގަ އެވެ.