ރިޕޯޓް

ސައިކަލު ޓެކްސީ އަށް 10ރުފިޔާ: މި އަގު ރަނގަޅުތަ؟

ރާއްޖޭގައި ފުރަތަމަ ފަހަރަށް ސައިކަލު ޓެކްސީގެ ހިދުމަތް ފަށަން ދެން މާކަ ގިނަ ދުވަހެއް ނެތެވެ. އެންމެ ގިނަ ދިވެހިން ބޭނުން ކުރާ އެއް އުޅަނދުން ޓެކްސީގެ ހިދުމަތް ދޭން ވިސްނުމާ އެކު ގިނަ ބައެއްގެ ތެރޭގައި ތަފާތު ހިޔާލުތައް އުފެދި އުތުރު އެރި އެވެ. އެއްބަޔަކު އެކަމަކަށް އިންތިޒާރުކޮށް ސައިކަލު ޓެކްސީއަކީ ވަރަށް ފުރިހަމަ ނިޒާމެއް ގޮތަށް ދެކޭ އިރު އަނެއްބަޔަކަށް މިކަން ވެސް ކަމަކު ނުދެ އެވެ.

ކޮންމެއަކަސް އެ ބަހުސްތައް އެއް ފަރާތެއްގައި ބާއްވާފައި މިހާރު މި އޮތީ އެ ހިދުމަތުގެ އަގާ މެދު ކުރެވޭ ބަހުސެކެވެ. އިކޮނޮމިކް މިނިސްޓްރީ އިން ހަމަޖައްސާފައި ވަނީ އެ ހިދުމަތުން އަގެއްގެ ގޮތުގައި ދަތުރަކަށް 10 ރުފިޔާ ނަގާށެވެ. މިކަމާ މެދު އާންމުން ދެކެނީ ކިހިނެތް ހެއްޔެވެ؟

"އަވަސް" އިން ވާހަކަ ދެއްކި އާންމުންގެ ހިޔާލުތައް މިކަމުގައި އޮތީ ދެކަފިވެފަ އެވެ. އެއްބަޔަކަށް ބުނާ ގޮތުގައި ސައިކަލް ޓެކްސީ އިން ދަތުރަކަށް 10 ރުފިޔާ ނެގުން ހަމަ އެންމެ ރަނގަޅެވެ. އަނެއް ބަޔަކު މި ހިދުމަތް އަޅާ ކިޔަނީ ޓެކްސީ ދަތުރުތަކުގެ އަގާ އެވެ. އެ މީހުން ބުނަނީ ޓެކްސީގައި މާ ގިނަ މީހުންނަށް، ސައިކަލަށް ވުރެ އަރާމުގައި 25 ރުފިޔާއަށް އުފުލައިދޭ އިރު، ސައިކަލްގައި އެންމެ މީހަކު އުފުލަން 10 ރުފިޔާ މާ ބޮޑު ކަމަށެވެ. އެ ހިޔާލުގައި ތިބި މީހުން ބުނަނީ ފަސް ރުފިޔާ އެންމެ ރަނގަޅު ކަމަށެވެ.

މި ގޮތަށް ހިޔާލުތައް ދެކަފިވެފައިވާ އިރު، މި ހިދުމަތް ދިނުމަށް މަސައްކަތް ކުރާ އެއް ކުންފުނި، ރައިޑް އެމްވީގެ ވިސްނުމަކީ 10 ރުފިޔާ އެންމެ ރަނގަޅު ކަމަށެވެ. އެ ކުންފުނިން ބުނަނީ، މި ހިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި، އޭގެ އެންމެ ރަނގަޅު ފެންވަރުގައި ދެވޭނީ އެ ހިދުމަތުގައި އުޅޭ މީހުންނަށް ރަނގަޅު އާމްދަނީ އެއްވެސް ލިބިގެންނެވެ.

"އަޅުގަނޑުމެން ރާއްޖޭގައި މި މަސައްކަތް ކުރާ ނަމަ ޑްރައިވަރުންވެސް ބޭނުންވާނެ. ކުޑަ މުސާރައއް ލިބެންޔާ ކާކު މިކަން ކޮށްދޭނީ. ޑްރައިވަރުން ނެތީއާ ހިދުމަތް ކިހިނެތް ފެށެނީ. 10 ރުފިޔާ ކަސްޓަމަރަކަށް ތަންކޮޅެއް ބޮޑުވެދާނެ. ނަމަވެސް ރާއްޖޭގެ މިހާރުގެ ކޮންޑިޝަންއަށް ބަލާފަ 10 ރުފިޔާއަށް މިކަން ކުރަން ފަށާގެން ނޫނީ ވަރަށް އުނދަގޫވާނެ މި ހިދުމަތް ދޭން،" ރައިޑް މޯލްޑިވްސްގެ ހިންގުމުގައި އިސްކޮށް އުޅުއްވާ އިބްރާހިމް ވަހީދު ވިދާޅުވި އެވެ.

އިކޮނޮމިކް މިނިސްޓްރީ އިން ބުނަނީ، 10 ރުފިޔާ ކަނޑައެޅީ ހިދުމަތް ދޭން ތިބި ކުންފުނިތަކާއި ތަޖުރިބާ ހުރި ބޭފުޅުން އަދި އާންމުންގެ ހިޔާލަށް ވެސް ބެލުމަށް ފަހުގައި ކަމަށެވެ. އިކޮނޮމިކް މިނިސްޓްރީގެ ޑިރެކްޓާ އަހުމަދު އައިމަން ޝަރީފް ވިދާޅުވީ، އިކޮނޮމިކް މިނިސްޓްރީ އިން ކަނޑައެޅީ އެންމެ މަތީ އަގު ކަމަށާއި، 10 ރުފިޔާއަށް ވުރެ އަގު ކުޑަ ކުރުމުގެ އިހްތިޔާރު ހިދުމަތް ދޭ ފަރާތަކަށް އޮންނާނެ ކަމަށެވެ.

ކޮންމެއަކަސް މި ހިދުމަތުގެ އަގު ހަމަ ގައިމުވެސް ޓެކްސީގެ ހިދުމަތަށް ވުރެ ކުޑަވެފައި ހިދުމަތް ހޯދަން ވެސް ފަސޭހަވެފައި، އެހާމެ އަވަސް ވާނެ އެވެ. މިއީ ދިވެހިންނަށް ތަފާތު ހިދުމަތަކަށް ވާނެ އެވެ. ތިރީގައި މި އޮތީ، މި ހިދުމަތުގެ އަގާ މެދު ބައެއް އާންމުންގެ ހިޔުާލުތައް ހިމެނޭ ކުރު ވީޑިއޯއެކެވެ.