ރާއްޖެ ކުޅިވަރު

ކުޅުންތެރިން އުޅެނީ ޕްރެޝަރ ހޭންޑްލް ނުކުރެވިގެން: މޮރީނިއޯ

މެންޗެސްޓާ ޔުނައިޓެޑަށް ދިމާވެފައިވާ މައްސަލައަކީ ކުޅުންތެރިންނަށް ޕްރެޝަރ ހޭންޑްލް ނުކުރެވުން ކަމަށް ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.

އޭނާ މިހެން ބުނީ ޕްރެމިއާ ލީގުގައި މިރޭ ވަޓްފޯޑް އަތުން ބަލިވި މެޗަށް ފަހު އެވެ. މިއީ ހަފުތާއެއްގެ ތެރޭގައި ޔުނނައިޓެޑް ޖެހިޖެހިގެން ބަލިވި ތިން ވަނަ މެޗެވެ.

"ކުޅުންތެރިންނަށް ޕްރެޝާރ ހޭންޑްލް ނުކުރެވޭ. ވަކިވަކި ކުޅުންތެރިންނަށް ވެސް ޓީމެއްގެ ގޮތުގައި ވެސް ޕްރެޝަރާއި ޒިންމާތަކެއް ވެސް އެބައޮތް. އެހެންވީމަ އެކަން ނުކުރެވިގެން މިއުޅެނީ،" ޗެލްސީ އާއި އިންޓަމިލާން އަދި ރެއާލް މެޑްރިޑުގެ ކުރީގެ ކޯޗު ބުންޏެވެ.

މޮރީނިއޯ މިހެން ބުނިއިރު 100 މިލިއަން ޕައުންޑް ހަރަދުކޮށް ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާގެ ގޮތުގައި މި ސީޒަނުގައި ޓީމަށް ގެނައި ޕައުލް ޕޮގްބާ އަށް އަދި ފެންނަނީ ވަރަށް ފަނޑުކޮށެވެ. ފޯވަޑް ޒްލަޓާން އިބްރަހިމޮވިޗް ވިދަމުން އައި ނަމަވެސް ރޭގެ މެޗުގައި ޓީމުގެ ކުރިއަށް ކުޅުނު އެކަކަށް އެއްކަމެއް ވެސް ޓީމު މޮޅުކޮށްދޭން ނުކުރެވުމެވެ.

އޭނާ އަދި ބުނީ ސީޒަން ފެށީ ރަނގަޅަށް ކަމަށާއި ނަމަވެސް މިހާރު ދިމާވެގެން އުޅޭ މައްސަލަ ރަނގަޅު ކުރުމަކީ އޭނާގެ ޒިންމާއެއް ކަމަށްވެ.

"އަހަރުމެން ސީޒަން ފެށީ ވަރަށް ރަނގަޅަށް. ފުރަތަމަ ތިން މެޗުން ވެސް މޮޅުވީ. މިއީ އާ ކޯޗަކަށް މެންޗެސްޓާ ޔުނައިޓެޑުގައި ނެރެވުނު އެންމެ ރަނގަޅު ނަތީޖާ. އެހެން ނަމަވެސް މިހާރު އޮތް މައްސަަލަ ހައްލު ކުރަންޖެހޭނީ މީހަކީ އަހަރެން،" މި ސީޒަނުގައި ޓީމާ ހަވާލުވި ކޯޗު ބުންޏެވެ.

އޭނާ އަދި ބުނީ ޔުނައިޓެޑް ބަލިވުމުގައި ރެފްރީންގެ މިސްޓޭކް ވެސް އެކުލެވޭ ކަމަށާއި އެވާހަކަ ދައްކާ ވަރަށް އޭނާ ކުށްވެރިވެދާނެތީ ޖެހިލުންވާ ކަމަށެވެ.

ވަޓްފޯޑް އަތުން ބަލިވުމުން ޔުނައިޓެޑް ވަނީ ވާދަވެރި ހުރިހާ ޓީމަކަށްވުރެ ފަހަތަށް ގޮސްފަ އެވެ. އެ ޓީމަށް ލިބިފައިވަނީ ނުވަ ޕޮއިންޓާއެކު ހަ ވަނަ އެވެ. މިއީ އެއްވަނާގައިވާ ވާދަވެރި މެންޗެސްޓާ ސިޓީ އަށްވުރެ ހަ ޕޮއިންޓް މަދު އަދަދެކެވެ.