ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު

ކޮފީ މޭޒެއްގައި ދެއްކި ވާހަކައެއް އަދީބާ ދެކޮޅަށް ހެކީގެ ގޮތުގައި

ރައީސް އަބްދުﷲ ޔާމީން އަވަހާރަ ކޮށްލުމަށް ރޭވި ކަމަށް ބުނެ ދައުވާ އުފުލާފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވިދާޅުވެގެން ގ. އޮއިވާލި، އިސްހާގު ހުސެއިން (އޮއިއްޓޭ ކޮއްކޮ) ފައިސާތަކެއް އެކި މީހުންނަށް ބެހި ކަމަށް މިއަދު ޝަރީއަތުގެ މަޖިލީހުގައި ސިއްރު ހެކިވެރިޔަކު ބުނެފި އެވެ. މިކަން އޭނާއަށް އެނގުނީ ކޮފީ މޭޒެއްގައި ދެކެވުނު ވާހަކަތަކެއްގެ ތެރެއިންނެވެ.

ސުނައިޕަރު ގެނައި މައްސަލާގައި އަދީބާއި އިސްހާގުގެ އިތުރުން ދެން ދައުވާކޮށްފައިވަނީ މ. ލިލީޕާކް ފަޒީލު ހަމީދާއި ސްރީ ލަންކާގެ ސްނައިޕަރެއް ކަމަށް ބުނާ ލަހިރު މަދޫޝަންކާގެ މައްޗަށެވެ.

މި މައްސަލާގައި ދައުލަތުން ހުށަހެޅި ސިއްރު ފަސް ހެކީގެ ތެރެއިން މިއަދު އޮތް އަޑުއެހުމުގައި ދެ ހެކިވެރިޔަކު ވަނީ ހެކި ބަސް ދީފަ އެވެ. ސިއްރު ހެކި ބަސް ދިން ފުރަތަމަ ހެކިވެރިޔާ ބުނީ، ރައީސް އަބްދުﷲ ޔާމީން ދަތުރުކުރެއްވި ލޯންޗުކޮޅު ގޮއްވާލި ދުވަހު އެނޫން އަނެއް ދުވަހު "އެއް ޝޮޓުން ނިންމާލިނަމަ މިކަން ނިމުނީހޭ،" ފަޒީލް ބުނި އަޑުއެހިން ކަމަށެވެ. އެހެން ފަޒީލް ބުނީ އެއްކޮށް ތިބި ހަތަރު މީހުންނާއެކު ދެކެވުނު ވާހަކައެއްގެ ތެރެއިން ކަމަށް ހެކިވެރިޔާ ބުންޏެވެ. އިތުރު އެއްވެސް ކަމެއް ހެކިވެރިޔާއަށް ނޭނގޭ ކަމަށް އޭނާ ބުންޏެވެ.

ދެވަނަ ސިއްރު ހެކިވެރިޔާ ބުނީ، އޭނާއަކީ އިސްހާގުގެ ވަރަށް ގާތް ރައްޓެއްސެއް ކަމަށެވެ. އަދި އިސްހާގު ވަނީ ގިނަ ވާހަކަތަކެއް އޭނާއާ ހިއްސާކޮށްފައި ކަމަށެވެ. ހެކިވެރިޔާ ބުނީ، އަދީބު ވިދާޅުވެގެން އިސްހާގު އެކި ފަހަރު މަތިން އެކި މީހުންނަށް ފައިސާ ބެހި ވާހަކަ އޭނާ ގާތު އިސްހާގު ބުނި ކަމަށެވެ. ނަމަވެސް އެއީ ކިހާ ފައިސާއެއް ކަމެއް އަދި ފައިސާ ބެހީ ކޮން ބަޔަކަށް ކަމެއް ނޭނގޭ ކަމަށް އޭނާ ބުންޏެވެ.

އޭނާ އިތުރަށް ބުނީ، ބަހަނީ އަދީބުގެ ފައިސާ ކަމަށް އިސްހާގު ބުނި ކަމަށާއި ނަމަވެސް އެ ބަހާ ސަބަބެއް އޭނާ ގާތު ނުބުނާ ކަމަށެވެ.

ހެކިވެރިޔާ ބުނީ، މި މައްސަލާގައި ދައުވާ ލިބޭ ފަޒީލަށް 20،000 ޑޮލަރު އިސްހާގު ދިން ކަން އޭނާއަށް އެނގޭ ކަމަށެވެ. އެކަން އޭނާއަށް އެނގުނީ އިސްހާގު އޭނާގެ ރައްޓެހިންތަކަކާއެކު ރެސްޓޯރެންޓެއްގައި ދެއްކެވުނު ވާހަކަތެއްކެއް އަޑު އިވިގެން ކަމަށް އޭނާ ބުންޏެވެ. އޭނާ ބުނީ، ފަސް މީހެއްގެ ދެމެދު ދެކުނު އެ ވާހަކަތަކުގައި އިސްހާގު، ފަޒީލަށް އަދީބުގެ ފައިސާތަކެއް ދިން ވާހަކަ ދެއްކި ކަމަށެވެ. ނަމަވެސް އެއީ ކޮން ކަމެއް ކުރުމަށް ދިން ފައިސާއެއް ކަމެއް އޭނާއަކަށް ނޭނގެ އެވެ. އަދި އެ ދުވަހެއް ވެސް އޭނާ ހަނދާނެއް ނެތެވެ. ކޮފީ މޭޒުގައި ފަސް މީހުން ތިބިކަން ހެކިވެރިޔާއަށް އެނގުނު ނަމަވެސް އެއީ ކޮން ބައެއް ކަމެއް އޭނާއަށް ނޭނގޭ ކަމަށް ބުންޏެވެ.

ހެކިވެރިޔާ ބުނީ، ފަޒީލަށް އިސްހާގު ފައިސާ ދޭތަނެއް ނުފެންނަ ކަމަށާއި އިސްހާގު އަތުން ވެސް ފައިސާއެއް އޭނާ ނުދެކޭ ކަމަށެވެ. އަދި އަދީބު، އިސްހާގަށް ފައިސާއެއް ދޭތަން ވެސް އޭނާއަށް ނުފެންނަ ކަމަށް ބުންޏެވެ.

މި މައްސަލާގެ ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނީ ދައުލަތުން ހުށަހެޅި ހެކިންގެ ތެރެއިން ދެން ތިބި ހެކިވެރިންގެ ހެކި ބަސް ނެގުމެވެ.

މި މައްސަލާގައި އަދީބާއި ފަޒީލުގެ މައްޗަށް ދައުވާ ކުރަނީ، މިދިޔަ އަހަރުގެ އޮކްޓޯބަރު މަސް ތެރޭގައި މި ދެ މީހުން އިތުރު ބަޔަކާ ގުޅިގެން ރައީސް ޔާމީނަށް ހަމަލާދީ އަވަހާރަ ކޮށްލުމަށްޓަކައި ބަޑިޖަހާ މީހަކު ހޯދުމަށް ރާވާފައިވާތީ އެވެ. އަދި މަޑުޝަންކާއަށް ދައުވާކޮށްފައިވަނީ ރޭވިފައިވާ ގޮތުގެ މަތިން މި އަމަލު ފުރިހަމަކުރުމަށްޓަކައި އެކަމަށް އެއްބަސްވެގެން އޭނާ ރާއްޖެއަށް އައިސްފައިވާތީ އެވެ.

މި ތިން މީހުންގެ މައްޗަށް އުފުލާފައިވަނީ ގާނޫނުލް އުގޫބާތުގެ 110 ވަނަ މާއްދާގެ (ހ) އާއި 82 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ 86 ވަނަ މާއްދާގެ (ހ) ގެ ދަށުން އެނގިހުރެ މީހަކު މަރަން ރޭވުމުގެ ދައުވާ އެވެ.

އިސްހާގު ހުސެއިންއަށް ދައުވާ ކޮށްފައިވަނީ މި އަމަލުގެ މައުލޫމާތު އެނގިހުރެ މި އަމަލުގައި ބައިވެރިވުމުގެ ގޮތުން އަދީބު ވިދާޅުވެގެން އެކަމަށް ބޭނުންވާ ފައިސާ އަދީބު ވިދާޅުވި ފަރާތަކަށް ފޯރުކޮށްދީފައިވާތީ އެވެ. އޭނާގެ މައްޗަށް އުފުލާފައިވަނީ އެނގިހުރެ މީހަކު މަރަން ރޭވުމުގައި ބައިވެރިވުމުގެ ދައުވާ އެވެ.