ދީން

ފިތުނަވެރި މާހައުލެއްގައި ދިރިއުޅުން ކާމިޔާބުކުރާނީ ކިހިނެތް؟

Sep 21, 2016

މީހަކު ބުނި ވާހަކައަކުން ފަށައިގަންނާނަމެވެ.

މީގެ 15 ވަރަކަށް އަހަރު ކުރިން އެ މީހަކަށް ދިރިއުޅުމަކީ ކޮބައި ކަމެއް ނުވިސްނުނެވެ. އޭގެ ޖަވާބު އޮތީ ނުލިބި އެވެ. އެކަމަކު މިއަދު އެ ހިތަށް ވަނީ ނޫރުގެ އަލިކަން ވަދެ ދިއްލިފަ އެވެ. ހުރިހާ ވެސް ޝުކުރެއް މާތް ރަސްކަލާނގެއަށެވެ.

އޭނާ އަށް ދިރިއުޅުމުގެ ހަގީގީ މާނަ ދަސްވެ އިހްސާސްކުރެވެން ފެށީ ކީރިތި ގުރުއާނުގެ މާނަ ދިރާސާކޮށް، އެ ފޮތުގައި އަންގަވާފައިވާ ގޮތަށް ދިރިއުޅުން އިސްލާހުކުރަން ފެށި ހިސާބުންނެވެ.

އެކަމަކު އަދިވެސް ގިނައީ، ދިރިއުޅުމުގެ މި ހަގީގީ މާނަ ބުނެދޭން ނޭނގޭ ނުވަތަ އިހްސާސް ވެސް ނުވާ މީހުންނެވެ. ހިތަށް އެރި ގޮތަކަށް ބައެއް މީހުން ދިރިއުޅެނީ މި ސަބަބާ ހެދި ކަމަށް ވެސް ވެދާނެ އެވެ.

ބައެއްމީހުން އުޅެނީ މައިން ބަފައިން ދަސްކޮށްދޭ ގޮތަކަށެވެ. ބައެއް މީހުން އުޅެނީ އެމީހަކު އުޅޭ މުޖުތަމައެއްގެ ގިނަމީހުން އުޅޭ ގޮތަކަށެވެ. ދިރިއުޅެންވީ ގޮތް އެނގެނީ އިންސާނާ ހެއްދެވި ފަރާތުން ދިރި އުޅެންވީގޮތް ބަޔާން ކޮށްދީފައި ފޮނުއްވި ކީރިތި ޤުރުއާން އުގެނިގެންނެވެ.

އަޅުގަޑަށްވެސް ދިރި އުޅެންވީގޮތް އެގުނީ ޤުރުއާނުގެ މާނައާ އެކު ވިސްނައިގެން ކިޔަން ފެށުމުން ނެވެ. މިދުނިޔޭގައި ދިރިއުޅުމަކީ އިމްތިހާނެކެވެ.

ކަހުފް ސޫރަތުގެ 7 ވަނަ އާޔަތުގެ މާނައިގައި ވަނީ "ހަމަކަށަވަރުން ތިމަންރަސްކަލާނގެ ބިންމަތީގައިވާހާ ތަކެއްޗެއް އެބިމުގެ ޒީނަތެއްކަމުގައި ލެއްވީމެވެ. (އެއީ) އެއުރެންކުރެ އެންމެ ޢަމަލު ރަނގަޅީ ކާކުތޯ އިމްތިޙާނު ކުރެއްވުމަށެވެ."

މުލްކު ސޫރަތުގެ 2 ވަނަ އާޔަތުގެ މާނައިގައި ވަނީ " އެކަލާނގެއީ ތިޔަބައިމީހުން ކުރެ އެންމެ ޢަމަލު ރަނގަޅީ ކާކުތޯ އިމްތިޙާނު ކުރެއްވުމަށްޓަކައި މަރުވުމާއި، ދިރިހުރުން އުފެއްދެވި ރަސްކަލާނގެ އެވެ. އަދި އެކަލާނގެއީ ޢަޒީޒް ވަންތަ، ގިނަގިނައިން ފާފަ ފުއްސަވާ ރަސްކަލާނގެ އެވެ."

ދިރިއުޅުމުގެ އިމްތިޙާނުން މި ފާސް ވުމަކީ ގިނަބަޔަކަށް އުދަނގޫ ކަމެކެވެ. އެކަމަކު އެންމެން ގުޅިގެން މި އިމްތިޙާނުން ފާސްވާން މަސައްކަތް ކުރާނަމަ އެއީ މާ އުދަގޫ ކަމަކަށް ނުވާނެކަން ކަށަވަރެވެ. މި އިމްތިހާނުން ފާސްވާން ކުރަންވީ ކަމަކީ ދީން އުގެނި އެގޮތަށް ޢަމަލުކުރުމެވެ. ހުރިހާ މީހުން ވެސް އިމްތިޙާނު ކުރެވެއެވެ. ނުކުރެވޭ ހަމަ އެކަކުވެސް ނުވެ އެވެ.

ބައެއްމީހުންނަށް އިމްތިޙާނާއި ކުރިމަތިވުމުން އެއީ އިމްތިޙާނެއްކަން ނޭގޭމީހުންވެސް އުޅެ އެވެ. އެއީ ދީން ނުކިޔަވާ ދީނަށް ޢަމަލު ނުކުރާ މީހުންކަމުގައި ނޫނީ ނުމެވެ އެވެ. ނޫނީ ޖާހިލު ކަންމަތީގައި އުޅޭ މީހުންނެވެ. ދުނިޔޭގެ އަރާމާއި މަޖަލުގައި އުޅޭ މީހުންނެވެ.

ދީނަށް ޢަމަލު ކުރުމުން ބައެއްމީހުންނަށް އެބޭފުޅުންގެ ވަޒީފާ ގެއްލިދެއެވެ. މި ތަނުގައި އިމްތިހާނަކީ ވަޒީފާ ގެއްލިގެން ދިއުމެވެ. އިމްތިހާނުން ފާސްވެ، ގެއްލުނު ވަޒީފާ އަށްވުރެ ރަނގަޅު ވަޒީފާ އެއްލިބި ދިރިއުޅުން ރަނގަޅުވާނީ ކެތްތެރިކަމާއި އެކު ﷲ އަށް ވަކީލުކޮށް ދީނުގައި ސާބިތުވެ ހުރުމުންނެވެ.

އަންކަބޫތު ސޫރަތުގެ 2 ވަނަ އާޔަތުގެ މާނައިގައި ވަނީ "މީސްތަކުން ތިމަންމެން އީމާން ވެއްޖައީމުއޭ ބުނުމުން އެއުރެން އިމްތިޙާނު ނުކުރައްވައި ދޫކޮށްލައްވާނޭ ކަމަށް ހީކުރީ ހެއްޔެވެ؟"

ބަގަރާ ސޫރަތުގެ 155 ވަނަ އާޔަތުގެ މާނައިގައި ވަނީ "ހަމަކަށަވަރުން ތިމަންރަސްކަލާނގެ ތިޔަބައިމީހުން އިމްތިޙާނު ކުރައްވާ ހުށީމެވެ. (އެއީ) ބިރުވެރި ކަމާއި ބަނޑުހައި ހޫނު ކަމުގެ ތެރެއިން ކަމެއް މެދުވެރި ކުރެއްވުމުންނެވެ. އަދި މުދާތަކާއި ފުރާނަތަކާއި މޭވާ ތަށް އުނި ކުރެއްވުމުންނެވެ. އަދި ކެތްތެރިންނަށް އުފާވެރި ކަމުގެ ޚަބަރު ކަލޭގެފާނު ދެއްވާށެވެ."

ދީނަށް ޢަމަލު ކުރުމުން ދިމާވާ ދަތިތަކަށް ކެތްތެރި ވާން ވާނެއެވެ. އިމްތިޙާނުން ފާސްވާނީ ކެތްތެރި ކަމާއި އެކު ދީނުގައި ސާބިތުވެ ހުރުމުން ނެވެ. އުދަގުލަކީ މާގިނަ ދުވަހު ދެމިހުންނާނެ ކަމެއް ނޫނެވެ. އުދަގުލަކަށް ފަހު ފަސޭހަ އެއް އަންނާނެކަމަށް ކީރިތި ޤުރުއާނުގައި މާތް ﷲ ވަޙީ ކުރައްވާފައި ވެއެވެ.

ޝަރްޙި ސޫރަތުގެ 5 ވަނަ އާޔަތުގެ މާނައިގައި ވަނީ "ފަހެ، ހަމަކަށަވަރުން އުދަގޫކަމާއި އެކު ފަސޭހަކަން ވެއެވެ."

ކޮންމެ މީހަކު ކައިރިން އެންމެ އިސްކަންދެނީ ކޮންކަމަކަށްހޭ އަހާލީމަ ޖަވާބަކަށް ވާނީ ދީނަށެވެ. އެކަމަކު މަސައްކަތާހެދި އޮންނަނީ ނަމާދު ނުކުރެވި ފައެވެ. ދީނަށް އިސްކަން ދޭނަމަ މަސައްކަތުގައި ހުރެފަވެސް ނަމާދަށް ވަގުތު ހޯދާނެ އެވެ.

ބައެއްމީހުން އިމްތިހާނާ ކުރިމަތިލާން ބިރުން ދީނަށް އުޅުން ދޫކޮށްލައެވެ. އެއީ އެމީހާގެ އީމާންތެރިކަން ބަލިކަށި ވުމުން ވާ ގޮތެވެ. ދީނުގައި ތުނބުޅި ދިގުކުރަން އޮންނަކަން އެގުމުން އެކަން ނުކުރުމަކީ އީމާން ތެރިކަން ބަލިކަށި ކަމުގެ ހެއްކެކެވެ. ތެދު ބުނުމުން ވަޒީފާއިން ވަކިކޮށްފާނެ ކަމަށް ބިރުން ބައެއް މީހުން ދޮގު ހަދައެވެ. އެއީ ނަރަކައިގެ އަޒާބަށް ބިރުވެތި ނުވަނީ އެވެ. އީމާންތެރިކަން ބަލިކަށީ އެވެ. އެހެންކަމުން އީމާން ތެރިކަން ވަރުގަދަ ކުރަން މަސައްކަތް ކުރަން ވާނެ އެވެ. އީމާންތެރިކަން ވަރުގަދަ ކުރެވޭނީ ދީނަށްޓަކައި މަސައްކަތްކުރުމުންނެވެ. ބައެއްމީހުން އެމީހަކު ބޭނުން ގޮތަކަށް ކަންތައްކޮށްފަވެސް ބުނާނީ ތިމަންނަމެން މިމަސައްކަތް ކުރަނީ ދީނަށްޓަކަ އެވެ. ދީނަށްޓަކައި މަސައްކަތް ކުރުމަކީ ދީނުގައިވާ ގޮތަށް ޢަމަލު ކުރުމެވެ. އެއްވެސް ޝައްކެއްނެތެވެ!

ދެ ދުނިޔޭގެ ބާއްޖަވެރިކަން އެދޭމީހާ ދިރި އުޅެންވީ ގޮތަކީ އިސްލާމް ދީނުގައިވާ ގޮތަށެވެ. ގިނަ މީހުންނަށް ދީނަށް އުޅުމަކީ ވަރަށް ބޮޑު ގޮންޖެހުމެކެވެ. ޚާއްސަކޮށް ފިތުނަވެރި މާހައުލެއްގައި ދީނަށް އުޅުމަކީ އާދައިގެ މީހަކަށް ވާނެ ކަމެއްނޫނެވެ. އެހެންކަމުން ދީނަށްއުޅެން ބޭނުންވާމީހާ ފިތުނަވެރި މާހައުލުން ރަނގަޅު ދީނަށް އުޅެވޭނެ މާހައުލަކަށް ބަދަލުވާން ޖެހޭނެ އެވެ. މުންކަރާތް މަނާ ނުކުރެވޭ ތަނެއްގައި ހުރުމަށް ވުރެން މުންކަރާތްތަށް މަނާ ކުރެވި އެމީހަކަށް ދީނަށް އުޅެން ފަސޭހަ ތަނަކަށް ދެވެންޏާ ދާންވާނެ އެވެ.

މުސްލިމުންގެ ދިރިއުޅުމުގެ ސްޓައިލް އެމީހަކު ކޮންމެ ގައުމެއްގަ ކޮންމެ ތާކު ހުއްޓަސް ހުންނަން ވާނީ ދީނުގައިވާ ގޮތަށެވެ. އަބަދުވެސް އެމީހެއްގެ އަމިއްލަ ނަފްސު އިސްލާޙް ކުރަން މަސައްކަތް ކުރަންވާނެ އެވެ. ދިރި އުޅުމަކީ ދީނަށް އުޅުން ކަމުގައި ހަދާ ދީނުގައި ސާބިތުވެ ހުރުމަށް މަސައްކަތް ކުރަން ވާނެ އެވެ.