ވިޔަފާރި

ހޫނުގެ އިހުސާސް ނެތި، އައިފޯނު ހޯދަން ކިޔޫގައި އެއް ގަޑިއިރު

  • ފޯނު ހޯދަން ގިނަ ބަޔަކު ކިޔޫގައި ތިބި
  • ފޯނަށް ބޮޑު ތަރުހީބެއް ލިބޭ
  • އާ އުފެއްދުންތަކަށް ދިވެހިން ޝައުގުވެރިވޭ

ބާޒާރަށް ނެރޭ އާ އުފެއްދުންތަކަށް ދިވެހިން ވަރުހުރެ އެވެ. އަލަށް އެއްޗެެއް ނެރޭއިރަށް ވިކި ހުސްވަނީ މިހެންވެތާ އެވެ! އެކަމަކު މިވަރު ވެދާނެ ކަމަށް ހީކުރާނީ ކާކު ހެއްޔެވެ؟ އެޕަލްގެ އެންމެ ފަހުގެ ފޯނު އުރީދޫން މިއަދު ހެނދުނު ބާޒާރަށް ނެރުނު އިރު ފޯނު ހޯދަން އެތައް ބަޔަކު ކިޔޫގައި ތިއްބެވެ. ހެނދުނު އިރު އަރައިގެން އައިރު އެ މީހުންނަށް ހޫނުގެ އިހުސާސް ވެސް ނުވާ ކަހަލަ އެވެ.

"ގާތްގަނޑަކަށް އެއް ގަޑިއިރު ވެއްޖެ މިތާ، މިއަދު ދާނީ ފޯނު ހިފައިގެން،" އެޕަލްގެ އެންމެ ފަހުގެ ފޯނު ބާޒާރަށް ނެރުމުގެ ރަސްމިއްޔާތަށް ގޮސް، އުރިދޫ އެކްސްޕީރިއަންސް ސެންޓްރު ބޭރުގައި ކިޔޫގައި ހުރި އަހުމަދު އީސާ ބުންޏެވެ.

މި ފަދަ އެތައް ބަޔަކު މިއަދު ތިބީ ކިޔޫގަ އެވެ؛ އުރީދޫން ފޯނު ނެރުމަށް ހަމަޖެހިފައިއޮތީ ހެނދުނު ނުވައެއް ޖަހާއިރު އެވެ. ފޯނު ހޯދުމަށް 8:00 ގައި ކިޔޫ ދަމާލައިފި އެވެ. ކިޔޫގެ އެތައް ސަތޭކަ ބަޔަކު ހޫނުގައި ދަލާ ތެމި ފޯވެގެން ތިބީ ކިޔޫގަ އެވެ. ދުވަހުގެ އިރު އަރައިގެން އަންނައިރު، ހޫނުވެސް ވާނެތާ އެވެ. އެކަމަކު މީހުން ބޭނުންވީ އެޕަލްގެ އެންމެ ފަހުގެ ފޯނެވެ. މީގެ ނަތީޖާއަކީ ކުރީގެ ސިޓީ ކައުންސިލް ކުރިމަތީގައި ހުންނަ އުރީދޫ އެކްސްޕީރިއަންސް ސެންޓަރު ދޮރު މަތިން ދަމާލި ކިޔޫ ގޮސް ހުއްޓެނީ އަލިކިލެގެފާނު މަގުގައި ހުންނަ މަސްޖިދުއްސަލާހުއްދީން މިސްކިތް ދޮރުމައްޗަށެވެ.

މިވަރުގެ ކިޔޫއެއް އޮތުމުން މަގު ބްލޮކްގެ، ޓްރެފިކަށް ވެސް ދަތިވާ ފަހަރުއާދެ އެވެ. ބައެއް މީހުން ހީކުރީ މިއީ ސިޔާސީ އެއްވުމެއް ކަމަށެވެ. އަދި ދޭތެރެދޭތެރެއިން "ހޫނު ވެސް" ވެ އެވެ.

"ކިހިނެއް ވެގެން މި އުޅެނީ؟ އެއްވީ ތަ؟ " ސިޔާސީ ދާއިރާއެއްގައި ހަރަކާތްތެރިވާ ފަރާތެއް ސައިކަލްގައި ދަމުން ބުނެލީ މިހެނެވެ. ބަލާ މީހަކަށް ހީވާނީވެސް މިހެންނެވެ. އެކަމަކު މިއީ ހަމަ ފޯނު ކިޔޫ އެވެ.

ކޮންމެއަަކަސް އެޕަލްގެ އައިފޯނާ ހެދި ދިވެހިން މި ވަރުވާނެ ކަމަށް ހިއެއް ނުކުރަމެވެ. އެކަމަކު ކިޔޫ އަށް ބަލައިލުމުން އެނގުނީ ދިވެހިންގެ އަތްމަތި ހަމަ ތަނަވަސްކަން ބޮޑުކަމެވެ. ބާޒާރަށް ފޯނެއް ނެރޭއިރަށް އެ ފޯނު ހޯދައިލަނީ ފެން މެޓައެއް ކާލާހާ ފަސޭހަކަމާއެކުގަ އެވެ.