ފިނިޕޭޖް

ރިއްޓެގެ ސަކަ މިޒާޖާއި މިއުޒިކުގެ އަޑުގަދަ ދުނިޔެ

  • އެންމެ ބޮޑު އިންސްޕިރޭޝަނަކީ ބައްޕަ، ހާބުރި ރަޝީދު
  • ރިސޯޓް މިއުޒިކް ސީންގައި މިހާރު ވެސް ލެޖެންޑެއް
  • ސީރިއަސް ލޯބިވެރިޔަކާ އެކު ކައިވެންޏަކާ ދިމާލަށް

މޮޅު ލަވަކިޔުންތެރިޔަކަށް ނުވަތަ މިއުޒީޝަނަކަށް ވުމަކީ އޭނާ އެންމެ ފުރަތަމަ ދެކުނު ހުވަފެނެއް ނޫނެވެ. ފަހަރެއްގައި އެއަށް ވުރެން މަގްބޫލު ދާއިރާއެއްގައި މާ މަޝްހޫރު ބޭބެއަކު ހުރުމުންނެވެ. ގައުމީ ޓީމުގެ ކުރީގެ ފޯވާޑް، ވިލްދާން އަކީ އޭނާގެ ދޮންބެ އެވެ.

ލަވަކިޔުމުގެ ކުޅަދާނަކަން ލިބިފައިވިޔަސް އެންމެފުރަތަމަ، ލަވަކިޔަން ރިޝްވާން އައިމަން (ރިއްޓެ) ބޭނުން ނުވި ސަބަބަކީ ފުޓްބޯޅަ އަށް މޮޅު އޭނާގެ މި ދޮންބެ އެވެ. އެކަމަކު އޭނާގެ މަޝްހޫރު ބައްޕަ، ހާބުރި ރަޝީދު ހުރީ އެމީހުންގެ އާއިލާގައި އޮތް މިއުޒިކްގެ ޖީލަށް ބުރޫއެއް އަރާފާނެ ކަމަކަށް ފުރުސަތު ނުދިނުމަށް އަޒުމުކަނޑައަޅައިގެންނެވެ.

ލަވަކިޔަން ބޭނުން ނުވި ރިއްޓެ، އެންމެފަހުން ސްޓޭޖަށް އަރަން ޖެހުނު ހަގީގީ ސަބަބަކީ އޭނާގެ ކުޅަދާނަ ބައްޕަ އަދި އައިޑޮލް ރަޝީދެވެ. އެކަމަކު ރިއްޓެ މިއުޒީޝަނަށް ހަދައި، އޭނާ ލައްވައި ލަވަކިޔުއްވަން މަސައްކަތްކުރުވިއިރަކު އެ ބައްޕައަކަށް ވެސް ރިއްޓެގެ ހަގީގީ ފެންވަރު ފެނިފައެއް ނެތެވެ.

ސްކޫލްގައި އުޅެމުން އިންޓަ ހައުސް މުބާރާތެއްގައި ބައިވެރިވެ ވަނަ ލިބިގެން އިންޓަ ސްކޫލްގެ ސްޓޭޖަށް އެރުވުމުން ފިނިވި ރިއްޓެ ވެސް ފަހުން ބައްޕަ ފަދަ ލެޖެންޑަކަށް ބަދަލުވެދާނެކަން އެނގިގެން ދިޔައީ ގިޓާކުޅެން ދަސްކޮށް އަމިއްލަ ރާގުގެ ކަނޑަކަށް އެކަނިމާއެކަނި ފުންމާލި ހިސާބުންނެވެ.

އެއަށް ފަހު އޭނާ އަދިވެސް ފަތަމުން އެ ދަނީ މިއުޒިކްގެ އެ މުއްސަނދި ކަނޑުގަ އެވެ. މިއަދު އޭނާ އަކީ ޒުވާން މިއުޒީޝަނުންނަށް ވަރަށް ވެސް ބޮޑު ނަމޫނާއެކެވެ. ގާތްގަނޑަކަށް އުމުރުން 11 އަހަރުގައި އޭނާ ރިސޯޓް މިއުޒިކްގެ ތެރެއަށް ވަދެއްޖެ އެވެ. އޭރު ޖެހީ ބޮޑުބެރެވެ. މިއަދު އޭނާ އަކީ ރިސޯޓްތަކުގައި ޕާފޯމްކުރާ ދިވެހި އާޓިސްޓުންގެ ތެރެއިން އެންމެ ކާމިޔާބު އަދި އެންމެ އިތުބާރުކުރެވޭ އެއް ނަމެވެ. -- ރިއްޓެގެ މި އިންޓަވިއުއެއް ހާއްސަވަނީ މި ސަބަބާ ހެދި އެވެ.

މި އިންޓަވިއުއެއް ހާއްސަވާ އެހެން ސަބަބުތައް އޭނާ ކިޔައިދޭނީ އިންޓަވިއުގަ އެވެ. ތިރީގައި މި އޮތީ އެ ހާއްސަ އިންޓަވިއު އެވެ.

ރާއްޖޭގައި މިއުޒީޝަނަކަށްވުން ސިފަކުރާނީ ކިހިނެތް؟ މީހުން ބުނޭ މި ރާއްޖޭގައި އާޓިސްޓަކަށް ވުމަށް ވުރެން ބަދުނަސީބު ކަމެއް ނޯންނާނެއޭ. ރިއްޓެ އެ ވާހަކަ ގަބޫލުކުރަންތަ؟

"ރާއްޖޭގައި މިއުޒީޝަނަށް ނުވަތަ ލަވަކިޔާ މީހަކަށްވުމަކީ ބަދުނަސީބު ކަމެކޭ ބުނާ ވާހަކައަކީ އަސްލު ވަރަށް ބޮޑު ދޮގެއް. ވަރަށް ބޮޑު އޮޅުމެއް އަރާފައިވާ. މީސް މީހުންނަކަށް ނޭނގޭ އަސްލު ކިހިނެތްކަމެއް މިއުޒީޝަނުންނަށް ލާރި މި ލިބެނީ. މިސާލަކަށް، އާންމުންނަށް ކުޅެލާ ޝޯއަކުން މާ ގިނަ ލާރިއެއް ނުލިބުނަސް ނޫނިއްޔާމު އެ އެއްޗަކީ މަންތުލީ ރޯލްވާ އެއްޗަކަށް ނުވުމުގެ ސަބަބުން، މަންތުލީ އިންކަމްއެއް ޖެނެރޭޓްނުވެ އިންނަނީ އެގޮތަށް"

"އެކަމަކު މިސާލަކަށް ރިސޯޓްތަކުގައި މިއުޒިކް ކުޅޭ ކުދިން، ބުކިންސް ހަދައިގެން މި ކުޅެނީ. އެހެންވީމަ އިންނާނީ އިޔާލީކޮށް މީތި ސެޓުވެފައި. އެހެންވީމަ އޮފީހަކަށް ދިއުމެކޭ، މިއުޒިކް ކުޅެން ރިސޯޓަކަށް ދިއުމެކޭ މި ޖެހެނީ އެއްތާކު. ލިބޭ އަގު ވެސް ހަމަ ވަރަށް ރަނގަޅު."

މިއުޒިކްގެ އެންމެ އުސް ސްޓޭޖުން ރިއްޓެ ފެންނަތާ މިހާރު ދެން ވަރަށް ގިނަ އަހަރުވެއްޖެ. އަހަރެެމެންނަށް ކިޔައިދީބަލަ މި ކާމިޔާބު ދިގު ދަތުރުގެ ސިއްރުތައް؟ ރާއްޖެ ކަހަލަ، މިއުޒީޝަނުންނާއި އާޓިސްޓުން ވެލިއު ނުކުރާ ތަނެއްގައި ރިއްޓެ ސަލާމަތްވިގޮތް ކިޔައިދީބަލަ؟

"މެދުނުކެނޑި މިއުޒިކް ކުޅޭތާ މިހާރު 13 އަހަރު މިވީ. އެއްވެސް އެހެން ކަމެއް ނުކޮށް 13 އަހަރު ވަންދެން މިކަން މިކުރެވެނީ ވަރަށް ލާރި ލިބޭތީވެ އެހެން ކަމެއް ނުކޮށް. އެންމެ ބޮޑު ކާމިޔާބީއަކީ ދުވަހުން ދުވަހަށް ކޮންޓެކްސްތަކާ އެއްޗެހި ވަރުގަދަވެ، ބުކިންސްތަކާ އެއްޗެހި ގިނަވެ ލާރި ގިނައިން ލިބުން. މިހާރު ދެން ވަރަށް ހިތްހަމަޖެހިގެން މި މަސައްކަތްމިކުރަނީ."

ވަކިން ހާއްސަކޮށް ރިއްޓެ އަކީ ރިސޯޓް މިއުޒިކުގައި ވަރަށް ބޮޑަށް ފާހަގަކޮށްލެވޭ ނަމެއް. އެކަމަކު އަހަރެމެންނަށް އަބަދުވެސް އިވޭ އަޑަކީ ރިސޯޓް މިއުޒިކް ހަރާމް ވާހަކަ އާއި އާމްދަނީއަކަށް ކަމުނުދާ ވާހަކަ. މި ހިޔާލާއި ވާހަކަތަކަށް ރިއްޓެ ދޭން ބޭނުންވާ ޖަވާބަކީ ކޮބާ؟

"އާންމުކޮށް މިދިޔަ 13 އަހަރު ތެރޭގައި ގިނައިން ކުޅެވިފައި ހުންނާނީ ރިސޯޓްތަކުގައި. ސަބަބަކީ ރަނގަޅު އާމްދަނީއެއް ލިބި ސަސްޓެއިނަބްލް އިންކަމްއެއް ލިބުން. އެކަމަކު ވަރަށް ގިނަ ބަޔަކު ވިސްނާ ރިސޯޓް މިއުޒިކަކީ ރަނގަޅު އިންޑަސްޓްރީއެއް ނޫން ކަމަށް. ރަނގަޅު އާމްދަނީއެއް ލިބޭނެ ގޮތެއް ނޫން ކަމަށް"

"ދެން ހަގީގަތުގައި ބުނެލަން ބޭނުންވަނީ، ކޮންމެ ގެއެއްގައި ވެސް އެބަ ތިބެއޭ ވަރަށް މޮޅެތި، ޓެލެންޓެޑް، ގޯޑް ގިފްޓެޑް ލަވަކިޔުންތެރިންނާއި މިއުޒީޝަނުން ވެސް. އެކަމަކު މިކަހަލަ މިކަހަލަ އަޑުތައް އިވުން ވަނީ އެފަދަ ކުދިންނަށް އެޅޭ ވަރަށް ބޮޑު ހުރަހަކަށް. އެހެން މި ވަނީ މިއީ ކިހާ ވަރެއްގެ ކަމެއްކަން އޮޅުން ނުފިލާތީވެ"

"މިސާލަކަށް ކެބިން ކްރޫއެއް މި ފެންނަނީ. ވަރަށް ސަޅި. ޕައިލެޓެއް. ވާއު. މިއުޒީޝަނެއް. އައްޗި. އެއީ ވިމާގޮތަކީ. އެކަމަކު އަސްލު ހަގީގަތަކީ އެއީ ވަރަށް ގޯސް ވިސްނުމެއްކަން. މިއުޒީޝަނެކޭ ބުނާއިރަށް ވެސް ހަމަ އެވަރަށް ރަނގަޅު އާމްދަނީއެއް ލިބޭ އަސްލު."

ބުނެވިދާނެތަ ރިސޯޓް މިއުޒިކަކީ އާޓިސްޓުން ކަންނެތްކޮށްލާ، އެމީހުންގެ ކްރިއޭޓިވިޓީ ފަހަތަށް ޖައްސާލާ މަސައްކަތެކޭ. މިހެން މި އެހީ ބައެއް ފަހަރު މީހުން ބުނާ އަޑުއިވޭ، ރިސޯޓް މިއުޒިކް ކުޅެން ދިޔައީމަ އަމިއްލަވަންތަކަން ހަލާކުވެގެން ދަނީއޭ. ރިއްޓެ ގަބޫލުކުރަންތަ މި ވާހަކަ؟

"އެއްވެސް ގޮތަކަށް ގަބޫލެއް ނުކުރެވޭ ރިސޯޓް މިއުޒިކް ކުޅެގެން އާޓިސްޓެއްގެ ރިއަލް ޓެލެންޓް ނުވަތަ އަމިއްލަ މިއުޒިކް ގެއްލިގެން ނުވަތަ އުވިގެންދާނެ ކަމަކަށް. ރިސޯޓްތަކަށް މި އަންނަނީ އެކި ގައުމުތަކުގެ މީހުން. އެމީހުން އެބަ ރިކްއެސްޓްކުރޭ އަޅުގަނޑުމެންގެ އަމިއްލަ ލަވައެއް ކުޅެން ވެސް. އެވަރިހަމައޭ ކޮންމެ ލެންގުއޭޖަކަށްވިޔަސް. ދިވެހި ލަވަ އެމީހުން ވަރަށް އަޑުއަހާލާހިތްވޭ"

"އެހެންވީމަ ވަރަށް ގިނައިން ރިއްޓެވެސް ދިވެހި އަމިއްލަ ލަވަ ވެސް ކުޅެން އެމީހުންގެ ކުރިމަތީގައި. އެމީހުން ވަރަށް އެޕްރެޝިއޭޓްކުރާ އެއްޗަކަށް އެކަން ވަނީ. މިއުޒިކަކީ ވަކި ލެންގުއޭޖަކަށް އޮންނަ އެއްޗެއް ނޫން. އޭތި ޔުނިވާސަލް މި ވަނީ އަޑުން. އަންޑަސްޓޭންޑް މި ވަނީ އެ އަޑު."

"ދެން އަނެއްކޮޅުން ކަވާ ސޯންގެއް ކުޅުނަސް މި ކުޅެނީ އަމިއްލަ ވަންތަކަމަކާ އެކުގައި އެ ލަވައެއް. ކުޅުނީމަ އެމީހުން އެބަބުނޭ ބައެއް ފަހަރު ހާދަ ރީތިއޭ ތިވާޝަން. އަސްލު ލަވަ އަށް ވުރެން ވެސް މާ ހިތްގައިމޭ ވެސް. އެހެންވީމަ އެކަހަލަ ކަމެއް މިއުޒިކަކީ. އޭތި ޝެއާކުރަން އެނގިއްޖެ ނަމަ އެމީހެއްގެ ޓެލެންޓާ އެކު ޝެއާކޮށްލެވޭނެ."

ރިއްޓެ މިހާރު ރިސޯޓް މިއުޒިކް ތި ކުޅެނީ ފަސް ރޭތާދޯ. ރިސޯޓް މިއުޒިކަށް ޝައުގުވެރިވާ ޒުވާން އާޓިސްޓުންނަށް ކުރު ފިލާވަޅެއް ނަގައިދޭ ނަމަ، ރިސޯޓް މިއުޒިކްގައި ސަވައިވްވާނެ ފަސް ގޮތެއް ކުރުގޮތަކަށް އެމީހުންނަށް ކިޔާލަދީބަލަ، އަމިއްލަ ތަޖުރިބާއިން؟

"އެފަދަ ކުދިންނަށް ބުނެލަން އޮތް ވާހަކައަކީ ރިސޯޓްތަކުގައި ކުޅެއްޗޭ. ރިސޯޓްތަކުގައި އެކަންޏެއް ނޫނޭ، މިހާރު ހަމަ މާފުށި އަދި ހުޅުމާލެ ފަދަ ތަންތަނުގައި ވެސް ބުކިންސް ހައްދައިގެން މިއުޒީޝަނުންނަށް ފުރުސަތު އެބައޮތޭ. އެހެންވީމަ މީހާ ގައިގައި އިން ޓެލެންޓަކުން އާމްދަނީއެއް ހޯދެން އިންދާ ބޭނުންނުވާ ތަނަކަށް ނުވަތަ މަސައްކަތަކަށް ގޮސް އިނުމުގެ ބޭނުމެއް ނެތޭ"

"ދެން މަންމަމެން ބައްޕަމެން ބުނެފާނެ މިއުޒިކްކުޅެގެން ލާރިއެއް ނުލޭބެނޭ. އެކަމަކު އަސްލު ހަގީގަތަކީ ރިއްޓެ މިހާރު 13 އަހަރުވީއިރު ކޮންމެ އަހަރަށް ވުރެން އަހަރެއް މި އަންނަނީ އާމްދަނީ ވެސް ރަނގަޅުވަމުން. އިންޝާﷲ. މިހާރު 50،000 އަށް ވުރެ ބޮޑު އާމްދަނީއެއް މަހެއްގެ މައްޗަށް އެބަޖެހޭ މިއުޒިކް ކުޅެގެން. އެހެންވީމަ މިއީ ވަރަށް ރަނގަޅު ދާއިރާއެއް."

"އަނެއްކޮޅުން މިއީ ވެސް ވަރަށް ޕްރިންސިޕަލްތަކެއް އޭގައި ހިމެނޭ މަސައްކަތެއް. މިސާލަކަށް ގަޑިއަށް ހުރުމަތްތެރިކޮށް ހިތުން. ރީތިކޮށް ވާހަކަ ދެއްކުން. ރަށަށް އަރައި ރީއްޗަށް އުޅުން. ދެން ބައެއް މީހުން ބުނޭ ރިސޯޓް މިއުޒިކޭ ބުނާއިރަށް، ރާ ބޯނެއޭ. ކޮންމެ ކޮންމެ މީހަކީ ރާބޯ މީހެއް ނޫން. މިސާލަކަށް ބޯދިގުކޮށް ވެސް އެބަތިބޭ ވަރަށް ވަރަށް ރަނގަޅު މީހުން ވެސް. ބޯކޮށާފައި މިހާރުގެ ގިނަ ޕާޓޭއިން ތިބެނީ ވެސް އަނެއްހެން ބުނަންޏާމު."

"މީގައި ޕޮއިންޓަކީ، ގިނަ ޕްރިންސިޕަލްސްތަކެއްގެ ތެރެއިން ރިސޯޓް މިއުޒިކް ކުރިއަށް ގެންދިއުމުގެ ސަބަބުން، މީހާ އަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބެޔޭ. ގަދަރު ވެސް ލިބޭ. ލާރި ވެސް ލިބެއޭ."

ދިވެހި މިއުޒިކްގައި ކުރިން އޮތް ފޯރިއަކާއި ބާރެއް ހަގީގަތުގައި މިހާރަކު ނެތް. އެކަމަކު މަޑުމަޑުން އަނެއްކާވެސް މިއުޒިކްގެ އަޑުގަދަވަމުން ދާ މަންޒަރު އެބަފެނޭ. ރިއްޓެ ގަބޫލުކުރާ ގޮތުގައި ދިވެހި މިއުޒިކް އެގޮތަށް އަރައިގެން ގޮސް ވެއްޓުނު މައިގަނޑު ސަބަބަކީ ކޮބާ؟

"އަސްލު ދިވެހި މިއުޒިކްގައި، އަމިއްލަ ރާގުތަކަށް ވަރަށް މޮޅެތި ކުދިން، ޅެން ލިޔުމަށް ވެސް އާދަޔާހިލާފަށް މޮޅެތި ކުދިން އެބަ ފެނޭ. އެކަމަކު މި ކުދިންތަކަށް ރަނގަޅު ޕްލެޓްފޯމެއް ނެތީ. މީޑިއާގައި ރަނގަޅު ޕްލެޓްފޯމެއް ނެތީ. ނެތުމުގެ ސަބަބުން މި ފެންނަނީ އެންމެ ކުޑައިރުއްސުރެން ވެސް އަޑުއެހި ހިންދީ ލަވަތަކުގެ ދިވެހި ލަވަތައް ލޫޕްވާތަން"

"ވަރަށް ސްޓައިލްގައި ތިބޭ ކުދިންވެސް ވެސް މި އަޑު އަހަނީ އެންމެ ކުރީގެ ލަވަ. އާ ޖެނެރޭޝަންގެ ލަވަތައް އަޑުއަހާ ބަޔަކު މަދުވަނީ މީޑިއާގެ ސަބަބުންނޭ މި ބުނަނީ. މީޑިއާ އިން ޖެހެނީ އެއަށް ހުރުމަތްތެރިކޮށް ހިތައިގެން އެ ޓެލެންޓް ބޮޑަށް ދައްކަން. އޭގެ ބަދަލުގައި، ބައިވަރު ޕްރޮގްރާމްތަކެއް ހަދައިގެން މި މަސައްކަތްކުރެވެނީ ކޮޕީ މިއުޒިކް ދެއްކޭތޯ."

ކުރީގެ ދިވެހި މިއުޒީޝަނުންނާއި ލަވަކިޔުންތެރިން އާންމުންގެ މެދުގައި ހޯދި ކާމިޔާބީ އާއި މަޝްހޫރުކަމާއި މަގްބޫލުކަން އަލުން މިއަދުގެ މިއުޒީޝަނުންނަށް ލިބިދާނެ ކަމަށް ރިއްޓެ އަށް ގަބޫލުކުރެވޭ ނަމަ އެ ސަބަބުތައް ކިޔައިދީބަލަ؟

"ލިބިދާނެ. ކުރީގެ ލަވަކިޔުންތެރިންގެ މަޝްހޫރުމަކާއި މަގްބޫލުކަމާ އެއްވަރަށް، އެހަމައަށް އާދެވޭނީ ހަމައެކަނި މީޑިއާި ތުރޫކޮށް. ދެން މި އޮތީ ސޯޝަލް މީޑިއާ. އެއީ ދެން އަމިއްލަ މަސައްކަތުން ކުރިއަށް ދެވިދާނެ ގޮތެއް. މިހާރު ވެސް އަމިއްލަ މިއުޒިކް ގިނަވާނީ ސޯޝަލް މީޑިއާގައޭ ބުނެވިދާނެ. ރާއްޖޭގެ މެއިން ސްޓްރީމް މީޑިއާ އިން އެ ލަވަތައް ދައްކާވަރަށް ވުރެން ވެސް ބޮޑަށް މި ފެންނަނީ ސޯޝަލް މީޑިއާއިން"

"މީތި ބަދަލަކަށް އަންނާނީ، ކުރީގެ މީހާއާ އެއްވަރަކަށް މިއަދުގެ ލަވަކިޔުންތެރިންނަށް ދެވޭނީ މީޑިއާ މެދުވެރިވެގެން."

ޕޮޕިއުލާ މިއުޒިކާއި އާންމުކޮށް ދިވެހި ބޭންޑްތަކުން ކުޅޭ ރޮކް މިއުޒިކަށް ވުރެން މިއަދު އަޑުގަދަކޮށްފައި ވަނީ ބޮޑުބެރުގްރޫޕްތަކުގެ. އެވެސް ޒަމާނީ ޓަޗަކާ އެކު. ދިވެހި މިއުޒިކަށް އައި މި ބަދަލު ނުވަތަ ބޮޑުބެރު އައިސް ދިވެހި މިއުޒިކް ސީން ހިސޯރުކުރުން ރިއްޓެ ސިފަކުރާނީ ކިހިނެތް މިއުޒީޝަނެއް އަދި އާޓިސްޓެއްގެ ހައިސިއްޔަތުން؟

"ހަގީގަތުގައި ބޮޑުބެރަކީ ރާއްޖޭގެ ސަގާފީ މިއުޒިކެއް. އެހެން ކަމަށް ބެލެވިގެން މި ދަނީ ކުރިއަށް. ލޭ ހޫނު ވެސް މި ވަނީ ބޮޑުބެރު ޖަހާއަޑުއިވުނީމަ. ރިއްޓެ އަކީ ވެސް ވަރަށް ކުޑައިރުއްސުރެން ފެށިގެން ބޮޑުބެރު ޖަހާ މީހެއް. އުމުރުން 11 އަހަރުން ފެށިގެން ރިސޯޓްތަކުގައި ބޮޑުބެރު ޖަހަން ފެށިއްޖެ. އެހެންވީމަ ވަރަށް ބޮޑަށް އޮޅުންފިލާފައި ހުންނަނީ (ބޮޑުބެރުގެ) ދާއިރާ"

"އަޅުގަނޑުގެ ބައްޕަ އަކީ ވެސް ބޮޑުބެރު ޖަހާ މީހެއް. ބައްޕަގެ ބައްޕަ އަކީ ވެސް ބޮޑުބެރު ޖެހި މީހެއް. އެވެސް ރާއްޖޭގައި ނުއުފެދޭ ފެންވަރުގެ ބޮޑުބެރު ލެޖެންޑެއް. އެކަމަކު މި މީސް މީހުންނަކީ ކޮން ބައެއްކަން، މިއަދު ބޮޑުބެރު ޖަހާ މީހުންނަކަށް ނޭނގޭ. މީޑިއާ ތުރޫކޮށް ވެސް އޮޅުންފިލާފައެއް ނެތް."

"އެކަމަކު އެމީހުންނަށް ދޭން ޖެހޭ އެ ރެސްޕެކްޓް ދީގެން ބޮޑުބެރު ޖަހާ ނަމަ މައްސަލައެއް ނެތް. މިހާރު ވެސް ޖަހާ އެތި ކަމުނުދަނީކީއެއް ނޫން. އެކަމަކު އަޅުގަނޑަށް ގަބޫލުކުރެވެނީ ސަގާފަތަކީ ގައުމެއްގައި އެއް ބަޔަކު އަނެއް ބަޔަކާ ވާދަކުރަން ޖެހޭ އެއްޗެއް ނޫން ކަމަށް. އެއްވެސް އެހެން ގައުމެއްގައި ހީއެއް ނުވޭ ސަގާފަތަށް މިގޮތަށް ކޮމްޕީޓްކުރާނެހެން. މިހާރު އެބަ ބަލަން ޖެހޭ އަހަރެމެންގެ މީހުންތޯ ބެރު މި ޖަހަނީ ވެސް. ކުރީގަ ނަމަ ބެރު ޖަހާލާއިރަށް ފޯރި އަރައިގެން ގޮސް މީހާ އަށް ނުވެސް ހުރެވޭނެ."

ވަަރަށް މަޝްހޫރު މިއުޒީޝަނަކު އަޅުގަނޑު ގާތު ބުނި ވާހަކައެއް މިއީ، ޒަމާނީ ބޮޑުބެރަކީ އެހާ ކަމުދާ އެއްޗެއް ނޫނޭ. ރިއްޓެގެ ބައްޕަ އަދި މަޝްހޫރު ލަވަކިޔުންތެރިޔާ ހާބުރި ރަޝީދަކީ ބޮޑުބެރުގައި ވެސް ލެޖެންޑެއް. ބުނެވިދާނެތަ ބައްޕަ ފަހުރުވެރިވާ ވަރުގެ ބޮޑުބެރެކޭ މިއަދު އެ ޖަހަނީ؟

"ބައްޕަ އަކީ (ރައީސް) އަމީންގެ ދައުރުން ފެށިގެން ވެސް ބޮޑުބެރު ޖެހި މީހެއް. މިއަދު މި ޖަހާ ޒަމާނީ ބެރަކީ ސަގާފަތް ވަރަށް ބޮޑަށް ފޮހެވިގެންދާ ގޮތަށް، ވަރަށް މި ޖެހެނީ ބޮޑުބެރު ގިނައިން. އެކަމަކު އުޅޭ ސަގާފަތަށް ލޯބިކުރީ، އެ ޖެހުންތަކަށް ލޯބިކުރާ، އެއަށް މަސައްކަތްކުރާ ވަރަށް ގިނަ ކުދިން ވެސް. އެކުދިންނާ ހެދި، އެ ކުދިން އެކަން ކުރާ ގޮތަށް ބޮޑުބެރުގެ ލެޖެންޑުންނާއި އަޅުގަނޑުގެ ބައްޕަމެން ވެސް ހިތްހަމަޖެހެއޭ ބުނެވޭނީ. އެކަމަކު އުޅޭ ޝަކީރާ ނުވަތަ އިނގިރޭސި ހުރިހާ ލަވައެއް ބޮޑުބެރަށް ޖަހާ ކުދިން ވެސް. އެކަން ދެން އެހާ ރީތިކަމަކަށް ނުވޭ ރަނގަޅަށް މިއުޒިކް ކުޅޭ މީހުންގެ ތެރޭގައެއް."

ދިވެހި މިއުޒިކްގައި ބައްޕަ، ރަޝީދު ސިފަކުރާނީ ކޮން ގޮތަކަށް؟ މިފަހުން ރިއްޓެ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފައިވޭ، މިއުޒިކްގައި ބައްޕަ އަށް ދޭން ޖެހޭ އިހްތިރާމް ދިވެހިން ނުދޭ ކަމަށް ބުނެ. ކޮބައިތަ މައްސަލައަކީ؟

"ބައްޕަ އަކީ ވޭތުވެދިޔަ 50 އަހަރު މެދުނުކެނޑި، އަދިވެސް މިއުޒިކް ކުޅެމުންދާ ފަންނާނެއް. ބައްޕައާ ހެދި މިއުޒިކަށް މި ނުކުމެވުނީ ވެސް. ބައްޕަ އަކީ އަޅުގަނޑުގެ ހުރިހާ ވެސް އިންސްޕިރޭޝަނަކީ. ދެން ފާހަގަކޮށްލަން ބޭނުންވާ މަސައްކަތްތަކުގެ ތެރެއިން، ޒީރޯ ޑީގްރީގެ ދޯނި އަލްބަމަށް މުޅިން ބޮޑުބެރު ޖަހައިދީފައިވާނީ ވެސް ބައްޕަ. އެއީ މާލެއިން ބެލިބެލުމަށް އެންމެ ކަމުދާ މީހަކީ ބައްޕަ ކަމަށް ފާހަގަކުރެވިގެން ނާޝިދު ބައްޕަ ލައްވައި ބެރު ޖެއްސުވީ އެގޮތަށް."

"ބައްޕަ އެ ކުރި މަސައްކަތަށް ދިވެހިންގެ ތެރޭގައި ރަނގަޅަށް އިހްތިރާމްނުކުރެވޭ ސަބަބަކީ ހަމަ މީޑިއާ."

ސްޓައިލިޝް ދިވެހި މިއުޒީޝަނުން ނުވަތަ ލަވަކިޔުންތެރިންގެ ތެރެއިން ޔަގީނަށް ވެސް ފާހަގަކޮށްލެވޭ މޫނެއް އަދި ޕާފޯމާއެއް ރިއްޓެއަކީ. އަމިއްލަ ގޮތެއް ހިފެހެއްޓުމަށް ނުވަތަ ވަކި ގޮތެއް ހުންނަ އާޓިސްޓަކަށް ވުމަށް ކިހާ ވަރަކަށް މަސައްކަތްކުރެވޭ. އަދި އެއީ ކިހާ މުހިންމުކަމެއްތަ ރިއްޓެގެ ހިޔާލުގައި؟

"ރިއްޓެ ގަބޫލުކުރާ ގޮތުގައި ހަމައެކަނި ލަވަކިޔާ މީހަކު ސްޓޭޖަށް އަރައި ލަވަކީމަކާ އެ ނިމުނީކީއެއް ނޫން. މުޅި ސްޓޭޖު ވެސް އެބަ ބޭނުންވޭ އެ އާޓުގެ ތެރެއިން. މީހާ މޫވްކުރާ ގޮތާއި ކްރައުޑާ އިންޓަރެކްޓްކުރާ ގޮތް ވެސް. ލަވަކިޔަން އަރައި ލަވައަޑުއަހާ ބަޔަކާ ރައްޓެހިވެގެން ލަވައެއް މި ހުށަހަޅައިދެނީ. ހުށަހަޅާއިރު އެމީހާގެ ކިބައިގައި އެބަ ހުންނަން ޖެހޭ ގޮތެއް. އެމީހެއްގެ ނަން އަޑުއިވުނީމަ ވެސް ސިކުނޑިއަށް ނަގައިގަނެވޭނެ ސިފަތަކެއް."

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ވަރަށް މުހިންމު ކަމެއް އާޓިސްޓަކު އެމީހެއްގެ އަމިއްލަ ގޮތެއް ކްރިއޭޓްކުރުމަކީ. އެގޮތުން އަޅުގަނޑުވެސް ވަރަށް ބަލައިގެން ޝޯތަކަށް ހެދުން އަޅަނީ ވެސް."

ކޮބައިތަ ރިއްޓެގެ ގޮތަކީ ނުވަތަ ސްޓައިލަކީ، އަހަރެމެންނަށް ކިޔައިދީބަލަ؟ ހާއްސަކޮށް، މިސާލަކަށް ލަވައެއްގައި މަސައްކަތްކުރާ ނަމަ ރިއްޓެ ގެންގުޅޭ އުސޫލުތަކެއް ހުރޭތަ؟

"ލަވައެއް ހަދަން އިށީންނައިރު އެންމެ ފުރަތަމަ ބަލަނީ ކޮން ކަހަލަ ލަވައެއްތޯ ހަދަން މި އުޅެނީ. ބިރުވެރި ލަވައެއްތޯ، ރުޅިގަދަ ލަވައެއްތޯ ނުވަތަ ލޯބީގެ ވަރަށް ލޯބީގެ ލަވައެއްތޯ. އެ މޫޑަށް މީހާ މި ޖެހެނީ ދާން. އެ މޫޑަށް ދާން މީހާ ކޮންމެހެން ނުޖެހޭ ވަކި އިތުރު ބޭނުމެއް ކުރާކަށް. އެކަމަކު ބައެއް މީހުންނަށް ހީވެފައި އޮންނަނީ ރެގޭ ލަވަ ކިޔޭނީ ފަތް ބޮއެގެނޭ. އެއީ ހަމަ ކަނޑައެޅިގެން ދޮގެއް"

"ދެން އެ މޫޑަކަށް ގޮސް، ކަރުނަ އޮހޮރައިގެން އެ ލިޔާ ޅެމަކުން، އެ ލަވައެއް އަޑުއަހާ މީހާ ރޯނެ. އެއީ އެންމެ ބޮޑަށް ބަލަން ޖެހޭ އެއްޗަކީ. މެލޮޑީގައި ވެސް ބަލަން ޖެހޭ އެކަމަށް. ލަވައެއް ހަދާއިރު އެންމެ ބޮޑަށް ބަލަނީ އެ ކަންތައްތަކަށް."

ދެން މުޅިން އެހެން ދިމާލަކަށް ޖެހިލަމާ ހިނގާ. ބުނެވިދާނެތަ ރިއްޓެއަކީ ވަރަށް ބިޓީ މީހެކޭ؟ ނުވަތަ އެއްވެސް އަންހެން ކުއްޖަކަށް ބުނެވިދާނެތަ ރިއްޓެ ތިއީ ބޭވަފާތެރިއެކޭ؟

"މިވީހާ ދުވަސް ތެރޭގައި، ސީދާ އަންހެން ކުއްޖަކަށް ބޭވަފާތެރިވެފައެއް ނުހުންނާނެ. އެކި މީހުންގެ ވިސްނުން ހުންނާނީ އެކި ގޮތްގޮތަށް. ރިއްޓެއަށް އެނގިގެން ނެތް ކުއްޖަކަށް ބޭވަފާތެރިވެވިފައެއް. އެކަމަކު ވަރަށް ގިނަ ކުދިންނާ ރައްޓެހިވެގެން މިހިސާބަށް އައިސްފަ މިހުރީ. ދެން އެކަމަކު މިހާރު މި އުޅެނީ ވަރަށް ސީރިއަސް ރިލޭޝަންޝިޕެއްގައި. އިންޝާﷲ، ކުރިއަށް އޮތްތާ ވަރަށް އަވަހަށް ކައިވެނި ވެސްކުރާނަން"

"ކުރިން ކުއްޖަކަށް ބޭވަފާތެރިވެފައި ހުރިކަމެއް އަމިއްލަ ސިކުނޑިން ވިސްނައިގެން އެނގޭކަށް ނެތް. އެކަމަކު އެ ކުދިންނަށް ހީވެދާނެ ރިއްޓެ ބޭވަފާތެރިވީއޭ. އެއީ އެ ކުދިންގެ ވިސްނުން. ދެން އޭގައި ކީއްކުރާނީ؟."

ކައިވެންޏާ މެދު ވިސްނަންތަ އެއްވެސް ވަރަކަށް. ސިންގަލް ލައިފްތަ ނުވަތަ މެރިޑް ލައިފްތަ. ކޮން ލައިފެއް ޗޫޒްކުރާނީ؟

"ވަރަށް މަޝްހޫރު ކޯޓެއް އިންނާނެ. އަ ލޭޑީ އިޒް އަ ވުމަން ހޫ މޭކްސް އަ މޭން ބިހޭވް ލައިކް އަ ޖެންޓްލްމޭން. މީގަ މި ބުނާ އެއްޗަކީ އަސްލު، ފިރިހެން މީހާ ކުރާ ހުރިހާ ކަމެއްގެ ކާމިޔާބީގައި ވެސް ވަނީ ރަނގަޅު އަންހެނެކޭ. ރިއްޓެ ވެސް ގަބޫލުކުރާ ގޮތުގައި ކޮންމެ ދާއިރާއެއްގައި މަސައްކަތްކުރާ ކާމިޔާބު ފިރިހެނެއްގެ ފަހަތުގައި ވެސް ހުންނާނެ އަންހެނެއް. އެމީހާގެ ސަބަބުން ކުރިއަށް މި ދަނީ"

"އެހެންވީމަ ސިންގަލް ލައިފަކަށް ވުރެން ރިލޭޝަންޝިޕެއް ނޫނިއްޔާމު އިނދެގެން އުޅުން، ރިއްޓެ އަށް ރަނގަޅީ."

އަންހެން ކުއްޖަކު ބުނެގެން ތިއޮތް އިސްތަށިގަނޑު ކޮށާލަފާނަންތަ؟ ނުވަތަ ރައްޓެހިވެގެން އުޅޭ ކުއްޖާ، ބޯކޮށަން އެދެފި ނަމަ ކިހިނެތްހަދާނީ އެ ހިސާބުން؟

"މިސާލަކަށް އަންހެން ކުއްޖަކު ބުނަނީ، ބޭބީ ބޯކޮށާލާށޭ. ނުކޮށޭނެ. އެހެން ނަހަދާ. ބޮލެއް ނުކޮށޭނެ. ރިއްޓެ ބޭނުން ނުވާ ކަމެއް ކިތަންމެ ރީތި ބޭބީއެއް ބުންޏަސް އަދި ކޮންމެ މީހަކު ބުންޏަސް ނުވާނެ. ސޮރީ ވަރަށް ބޮޑަށް."

  • ފޮޓޯގްރެފީ އަދި ރީޓަޗިން: މިލްޒީރޯ ނިޝާން
  • މޭކަޕް އަދި ސްޓައިލިން: ޖަސްޓިން
  • ވޯޑްރޯބް: ޒީ ބްޓީކް އަދި ޖަސްޓިން
  • އެސިސްޓެންސް: ބައްޓި ނިޝާން
  • ވީޑިއޯ އަދި އެޑިޓިން: އަފްޝީން ނަސީރު