ރިޕޯޓް

ރާއްޖޭގެ ފުޓްބޯޅަ ފޯރިގަދަ ކުރެވިދާނެ ފޯމިއުލާއެއް!

ދިވެހި ލީގް ތާރަފް ކުރެވުނީ 2001 ވަނަ އަހަރުން ފެށިގެންނެވެ. ދިވެހި ލީގް ތާރަފް ކުރުމަށްފަހު ރާއްޖޭގެ މައި ފުޓްބޯޅަ ލީގެއްގެ ގޮތުގައި ބަލަމުން އައީ ދިވެހި ލީގެވެ. ލީގް ހަރުދަނާ ކުރުމަށް ތަފާތު އެކިކަން އެފްއޭއެމް އެކި ދައުރުތަކުގައި ހިންގަމުން ދިޔަ މެނޭޖްމެންޓުން ދިޔައީ ކުރަމުން ނެވެ.

ކުރިއަށް އޮތް ފުޓްބޯޅަ ސީޒަންގައި ރާއްޖޭގެ ލީގް ސިސްޓަމަށް ބޮޑު ބަދަލު ތަކެއް ގެނައުމަށް އެފްއޭއެމުން ވަނީ ނިންމާފަ އެވެ. އެއީ ލީގް ހަރުދަނާ ކުރުމަށާއި ފުޓްބޯޅަ ފޯރިގަދަ ކުރުމަށް ގެންނަ ބަދަލުތައް ކަމަށް އެފްއޭއެމުން ވަނީ ބުނެފަ އެވެ.

މިއީ ރާއްޖޭގެ ފުޓްބޯޅަ ލީގް ހަރުދަނާ ކޮށް، ފުޓްބޯޅައިގެ ފެންވަރު މަތި ކުރުމަށް ދިވެހި ޕީއާރް ކުންފުންޏެއް ކަމަށްވާ 'ގެޓްއަވޭ' އިން ފާހަގަކޮށްފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް ހުށަހަޅާ ވިސްނުންތަކަކެވެ. ގެޓްއަވޭ އިން މި ހުށަހެޅުންތައް ހިއްސާ ކުރި ވަގުތަކީ ރާއްޖޭގެ ފުޓްބޯޅައިގެ ތެރޭގައި ކޯޅުން ބޮޑު ވަގުތެކެވެ. މެއި މަހު 31 ވަނަ ދުވަހު ބޭއްވި އިންތިހާބަށްފަހު، އެކްސްކޯއަށް ހިންދެމި ނުލެވި އުޅެނިކޮށް، އެކްސްކޯ ތެރޭގައި މައްސަލަ އުފެދި ފަސް މެންބަރަކު އިސްތިއުފާ ދީ އެކްސކޯގެ ބާރު ގެއްލިގެން ގޮސް އިންތިހާބަކާ ދިމާލަށް މިސްރާބު ޖެހި ވަގުތެވެ. އާ އިންތިހާބަށް ފަހު އެފްއޭއެމު ހިނގައި ގަނެ ފުޓްބޯޅަ އަށް ބަދަލުތައް ގެންނަން މަސައްކަތް ފަށާފައިވާ ދަނޑިވަޅަކި މިކަމަށް އެންމެ މުނާސަބު ވަގުތު ކަމުގައި ވެދާނެ އެވެ.

ރާއްޖޭގެ ފުޓްބޯޅަ ހަރުދަނާ ކުރުމަށް މިސާލު ނަގާކަށް މާދުރަށް ނުޖެހެއެވެ. އަވަށްޓެރި އިންޑިއާގައި އިންޑިއަން ސްޕަލީގް ތާރަފްކޮށް، އިންޑީއާގެ ފުޓްބޯޅަ ރާއްޖެއަށް އަތް ނުލެވޭ ހިސާބަށް ދިއުމުގެ އަސްލަކީ އިންޑިއާގެ ފުޓްބޯޅައަށް ސްޕަ ލީގުން ގެނައި ކުރިއެރު މެވެ. ހުދު އިންޑިއާގެ ގައުމީ ކޯޗް ސްޓެފަން ކޮންސްޓެޓެއިން ވެސް ވަނީ ސްޕަލީގް ބޭނުން ހިފުމަށް އިންޑިއާ ކުޅުންތެރިންނަށް އިރުޝާދު ދީފައެވެ.

ރާއްޖެއަށް މިފިލޯސަފީ ތާރަފް ކުރުމަށް ގެޓްއަވޭ އިން ވަނީ އަވަށްޓެރި އިންޑިއާގެ ސްޕަލީގާއި އިނގިރޭސި ޕްރިމިއާލީގް މޮޑެލް ދިރާސާކޮށް ހުށަހަޅައިދީފަ އެވެ. އަދި ރާއްޖެއަށް މި ވިސްނުން އެޕްލައި ކުރެވޭނެ ފޯމިއުލާތަކެއް ވެސް ގެޓްއަވޭއިން ހުށަހަޅައިދީފައިވެ އެވެ. މިވިސްނުމުގައި ޓާސްކްތައް އޮތީ ހަމައެކަނި އެފްއޭއެމް އަކަށް ނޫނެވެ. ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ އާއި އަމިއްލަ ކުންފުނިތަކުގެ ދައުރުވެސް ބޮޑެވެ.

އައުޓްސޯސް ކުރުން ނުވަތަ ޕްރައިވެޓައިޒް ކުރުން

ދުނިޔޭގެ އެންމެ ގިނަ ބަޔަކު ބަލާ އިނގިރޭސި ޕްރިމިއާ ލީގްވެސް އަދި އަވަށްޓެރި އިންޑީއާގެ ސްޕަލީގް ވެސް އިންތިޒާމް ކުރަނީ އެގައުމުތަކުގެ ފުޓްބޯޅަ އިދާރާ އަކުން ނޫނެވެ. ގެޓްއަވޭގެ ނަޒަރުގައި އެފްއޭއެމް އިން އަމިއްލައަށް ފުޓްބޯޅަ މުބާރާތްތައް ރާވާ އިންތިޒާމްކުރުމުގެ ވިސްނުން ދޫކޮށްލަން ޖެހެއެވެ. އިނގިރޭސި ޕްރިމިއާ ލީގް އަދި އައިއެސްއެލް ރާވާ އިންތިޒާމް ކޮށް ހިންގަނީ ޕްރައިވެޓް ސެކްޓާ ނުވަތަ ވިޔަފާރި އުސޫލުން އުފެދިފައިވާ އަމިއްލަ ކުންފުނިތަކުން ނެވެ.

އެފްއޭއެމް އަކީ ފުޓްބޯޅަ ކުރިއެރުމަށް ސިޔާސަތުތައް އެކުލަވާލައި ފީފާ އާއި ބައިނަލްއަގްވާމީ އެހެން އިދާރާތަކުގެ އެހީތެރިކަން ހޯދައިގެން ފުޓްބޯޅަ ޑިވްލަޕްމެންޓަށް މަސައްކްތް ކުރާ ބޮޑީއެވެ. މުބާރާތްތައް އިންތިޒާމު ކޮށް ފޯރިގަދަ ކުރުމުގައި ޕްރައިވެޓް އިންސްޓްޓިޔުޝަނަކަށް ހަވާލު ކުރުމުން މުބާރާތް ފޯރި ގަދަ ކުރުމާއި މުބާރާތް ރަނގަޅު ފެންވަރުގެ ޓޯނަމަންޓަކަށް ހަދައި ފޯރިގަދަ ކުރުމަކީ އެ ކުންފުނީގެ މަސްއޫލިއްޔަތެ ކެވެ.

ފަހަރެއްގައި މިވިސްނުމާ ދެކޮޅަށް ވާހަކަ ދައްކަފާނެ ބައެއް ފަރާތްތައް އުޅެދާނެއެވެ. ނަވާރަސަތޭކަ ނުވަދިހަ ވަނަ އަހަރު އިނގިރޭސީ ޕްރިމިއާ ލީގް ތާރަފު ކުރަން އުޅުމުންވެސް އެކަމާ ދެކޮޅަށް ވާހަކަ ދެއްކި އެތައް ބަޔަކު އުޅުނެވެ. ދެހާސް ބާރަ ވަނަ އަހަރު އިންޑިއަން ސްޕަލީގް ތަރާފު ކުރަން އުޅުމުންވެސް އިންޑިއާގެ ފުޓްބޯޅައިގެ އިސް ފަރާތްކުން އެކަމާ ދެކޮޅަށް ވާހަކަ ދެއްކިއެވެ. ހަގީގަތަކީ މިއަދު އިނގިރޭސި އެފްއޭ އާއި އޯލް އިންޑިއާ ފުޓްބޯޅަ ފެޑްރޭޝަންގެ ނުފޫޒު ނެތި ހިންގަމުން ދާ ލީގަށް ލިބުނު ކުރިއެރު މެވެ. މި ދެލީގްވެސް އިންތިޒާމް ކުރަނީ އަމިއްލަ ކުންފުނިތަކުންނެވެ. ކުޑަ ދުވަސް ކޮޅެއްގެ ތެރޭގައި އިންޑިއާގެ ސްޕަލީގް ހޯދި ކުރިއެރުމާއި އެކަމުގެ ސަބަބުން އިންޑިއާ ފުޓްބޯޅައަށް ލިބުނު ކުރިއެރުން އެންމެ ކައިރިން ވަޒަން ކުރެވޭނެ އެއްގައުމަކަށް ވާނީ ރާއްޖެ އެވެ.

ރާއްޖޭގެ ކުލަބެއް ބޭރު ލީގަށް

ގައުމީ ކެޕްޓަން އަލީ އަޝްފާގް 2007 ވަނަ އަހަރު ކުޅުނު ޑީޕީއެމް އެފްސީގެ ވާހަކަ ގިނަ ބަޔަކު ވާނީ އަހާފައެވެ. މެލޭޝިއާ ލީގާއި ސިންގަޕޫރު ލީގްގައި ކުޅޭ މިކުލަބަކީ ބުރުނާއީ އަށް ނިސްބަތްވާ ކުލަބެކެވެ. ޑީޕީއެމް އެފްސީއިން މެލޭޝިއާ އާއި ސިންގަޕޫރު ލީގްގައި ވާދަކުރުމަށް އެގައުމުތަކުގެ ލީގް އިންތިޒާމު ކުރާ ފަރާތްތަކާ އެކު ބުރުނާއިގެ އެފްއޭއިން ކުރިއަށް ގެންދިޔަ މަޝްވަރާ ތަކުގެ ބޭނުމަކީ ވާދަވެރި ލީގެއްގައި ކުޅުމުގެ ފުރުސަތު ބުރުނާއީގެ އެންމެ މަތީ ފެންތީގެ ކުޅުންތެރިންނަށް ހޯދައިދިނުމެވެ.

ގެޓްއަވޭއިން ވަނީ ރާއްޖޭގެ ކުލަބެއް ބޭރު ލީގެއްގައި ވާދަ ކުރުމުގެ ފުރުސަތު ހޯދޭނެ ފޯމިއުލާއެއް ހުށަހަޅާފަ އެވެ.

ރާއްޖޭގެ ޓްއަރިޒަމް މާކެޓް ކުރުމަށް އައިއެސްލްއަށް ސްޕޮންސާ ދީ، އައިއެސްއެލް އިންތިޒާމު ކުރާ ކުންފުންޏާއެކު ރާއްޖެއިން މަޝްވަރާ ކޮށް ރާއްޖެ ތަމްސީލު ކުރާ ކުލަބެއް އައިއެސްއެލް ގައި ވާދަކުރުމުގެ ފުރުސަތު ހޯދި ދާނެ އެވެ. އޭރުން ދިވެހި ކުޅުންތެރިންނަށް ވާދަވެރި ލީގެއްގައި ކުޅުމުގެ ފުރުސަތު ވެސް ފަހި ވެގެންދާނެ އެވެ. އަދި އައިއެސްއެލް ގައި ކުޅޭ މަޝްހޫރު ބިދޭސީ ކުޅުންތެރިންގެ ފަރާތުން ގިނަކަންކަން ދަސްވެ ރާއްޖޭގެ ކުޅުންތެރިންގެ ފެންވަރު މަތިވެގެންދާނެ އެވެ.

ގެޓްއަވޭއިން ގަބޫލު ކުރާ ގޮތުގައި ރާއްޖޭގެ ކުލަބެއް އައިއެސްއެލްގައި ވާދަ ނުކުރެވެންވީ ސަބަބެއް ނެތް ބުރުނާއިގެ ޑީޕީއެމް މެލޭޝިއާ ލީގްގައި ވާދަ ކުރާއިރު ވޭލްސްގެ ކުލަބެއް އިނގިރޭސި ލީގްގައި ވާދަ ކުރާއިރު ރާއްޖޭގެ ކުލަބެއް އައިއެސްއެލްގައި ވާދަ ނުކުރެވެންވީ ސަބަބެއް ނެތެވެ.

ފުޓްބޯޅަ މެދުވެރިކޮށް ރާއްޖޭގެ ޓްއަރިޒަމް މާކެޓް ކުރުން

ޓްއަރިޒަމުން ރާއްޖެއަށް އަހަރަކު ލިބޭ މަންފާގެ ތެރެއިން ޓްއަރިޒަމް އިސްތިހާރު ކުރުމަށް ހޭދަ ކުރެވޭ އެއް ބިލިއަން ރުފިޔާގެ އަދަދު އިތުރުކޮށް، ޓްއަރިޒަމް މާކެޓް ކުރުމަށް ފުޓްބޯޅަ މެދުވެރިކޮށް ސްޕޮންސާ ދީގެން ކުރިއަށް ގެންދެވިދާނެއެވެ. އެއީ އެމިރޭޓްސް އާއި އިއްތިހާދު އެއާލައިންތަކުން ދުނިޔޭގެ ބައެއް ކުލަބުތަކާ ލީގްތައް ސްޕޮންސާކޮށްގެން އެގައުމުތަކުގެ ފުޓްބޯޅަ ކުރިއެރުމަށް އެ ކުލަބުތަކުގެ ސީދާ އެހީތެރިކަން ހޯދަ އެވެ.

ޗައިނާ އަށް ފަހު އޭޝިއާ ސަރަހައްދުން ރާއްޖޭގެ ފަތުރުވެރިކަން އެންމެ ބާރަށް ކުރިއަރަމުން އަންނަ އެއް ގައުމަކީ އިންޑިއާ އެވެ. ގެޓްއަވޭއިން އަންދާޒާ ކުރާ ގޮތުގައި 2020 ވަނަ އަހަރު ނިމޭއިރު އިންޑިއާއިން އަންނާނެ ފަތުރުވެރިންގެ ޖުމުލަ އަދަދު 50 މިލިއަނަށް އަރާނެއެވެ. އިންޑިއާ ސްޕަ ލީގް ވާދަ ކުރާ ކުލަބަކަށް ސްޕޮންސާ ދީގެން އިންޑިއާގައި ރާއްޖޭގެ ޓްއަރިޒަމް މާކެޓް ފުޅާ ކުރެވިދާނެއެވެ.

ރާއްޖޭގެ ޓްއަރިޒަމް މާކެޓް ކުރުމަށް ސްޕޮންސާ ދޭ ކުލަބު ދިވެހި ކުޅުންތެރިންނަށް ނުވަތަ ކުޅުންތެރިންގެ ޓްރެއިނިން ޕްރޮގްރާމްތަކަށް ފުރުސަތު ހޯދައިދީ ދިވެހި ކުޅުންތެރިންގެ ފެންވަރު މަތި ކުރުމަށް ވަރަށް ބޮޑަށް މަގުފަހިވެގެންދާނެ އެވެ.

ގެޓްއަވޭ އިން ގަބޫލު ކުރާ ގޮތުގައި ދިވެހި ސަރުކާރާއި ފީފާގެ އެހީތެރިކަމާއެކު، މިކަން ކުރެވިއްޖެނަމަ، ދިވެހި ފުޓްބޯޅައިގެ ގެއްލިފައިވާ ފޯރި އަނބުރާ އައިސް، ފައިސާ ލިބޭނެ މަގުތައް ތަނަވަސްވެ، ދިވެހި ކުޅުންތެރިންގެ ފެންވަރު ރަނގަޅުވެގެން ދާނެ އެވެ.