ހަބަރު

ބީއެމްއެލް ޗެއާ އާ އެކު ދެ ދިވެހިން މައުންޓް އެވަރެސްޓަށް!

Sep 23, 2016
  • ފަރުބަދައަށް އަރަން ފަށަނީ އާދިއްތަ ދުވަހު
  • މިއީ ދުނިޔޭގެ އެންމެ އުސް ފަރުބަދަ
  • މީގެ ކުރިން ބައެއް ދިވެހިން ފަރުބަދައަށް އެރި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޗެއާމަން ފަރީހާ ޝަރީފް އާއި އިތުރު ތިން ދިވެހިން ވެގެން، ގައުމީ އެއާލައިން، މޯލްޑިވިއަން ގެ ނަން މައުންޓް އެވަރެސްޓުގެ އެންމެ މައްޗަށް ގެންދިޔުމުގެ ދަތުރުފަށައިފި އެވެ.

ގައުމީ އެއާލައިން މޯލްޑިވިއަން އިން ސްޕޮންސަކޮށްގެން ކުރިއަށް ގެންދާ މި ހަރަކާތުގައި ބައިވެރިވާ ތިން ދިވެހިންނަކީ ބީއެމްއެލް ޗެއާޕާސަން ފަރީހާ ޝަރީފް އާއި ޔޫއެންޑީޕީގެ ވަޒީފާއެއްގައި މަސައްކަތްކުރާ އަބްދުﷲ ވަހީދުގެ އިތުރުން އެފްޖޭއެސްގެ ސީއީއޯ ހާމިދު ސިއްދީގެވެ.

ފަރީހާ އާއި ހާމިދު އަދި ވަހީދު ވަނީ މި ދަތުރަށް ތައްޔާރު ވުމުގެ ގޮތުން ރާއްޖޭގައި ބައެއް ތަމްރީންތައް ހަދާފަ އެވެ. ނަމަވެސް މި ތިން ބޭފުޅުން މީގެ ކުރިން މިފަދަ އުސް ތަންތަނަށް އަރާފައެއް ނުވެ އެވެ. ނަމަވެސް ބީއެމްއެލްގެ ޗެއާޕާސަން ފަރީހާ ވަނީ މީގެ ކުރިން މިފަދަ އެކްސްޓްރީމް ސްޕޯޓްސް ބައެއް ހަރަކާތްތަކުގައި ބައިވެރިވެފަ އެވެ. އެގޮތުން ސްކައިޑައިވް ވެސް ފަރީހާ ފުރިހަމަ ކުރައްވާފައިވެ އެވެ. ތިން ދިވެހިން ނޭޕާލްގެ ވެރިރަށް ކަތަމަންޑޫ އިން ފްލައިޓުގައި ދާނީ ލޫކާ އަށެވެ. މިއީ ދުނިޔޭގެ އެންމެ އުސް ފަރުބަދަ ކަމަށްވާ އެވަރެސްޓަށް އަރަން ފެށުމުގެ ކުރިން ފުރިހަމަ ކުރަން ޖެެހޭ ބައެއް ކަންތައްތައް ކުރުމަށް މީހުން މަޑުކޮށްގެން ތިބޭ ތަނެވެ.

މޯލްޑިވިއަންއިން ބުނީ ތިން ދިވެހިންގެ އާދަޔާ ހިލާފު މި ހިތްވަރުގަދަ މަސައްކަތް އާދިއްތަ ދުވަހު ފަށާއިރު، މި ދަތުރުރުގެ މައުލޫމާތު #MaldivianAtEveres# ހޭޝްޓެގްގެ ދަށުން ފޭސްބުކް އާއި ޓްވިޓާ މެދުވެރިކޮށް ގެދެސްދޭނެ ކަމަށެވެ.

މައުންޓް އެވަރެސްޓަކީ ކަނޑުގެ ލޮނުގަނޑުގެ 17،598 ފޫޓް އުހުގައި ހުންނަ ދުނިޔޭގެ އެންމެ އުސް ފަރުބަދަ އެވެ. މިތަނަށް އެރުމަކީ ބޮޑު އަދި އެހާމެ ބުރަ މަސައްކަތެކެވެ. މި ފަރުބަދައަށް މީގެ ކުރިން ބައެއް ދިވެހިން އަރާފައިވެ އެވެ.