ވިޔަފާރި

ރާއްޖެ އިޝްތިހާރު ކުރުން ވަރުގަދަކޮށް، އެއްފަހަރާ ގިނަ ފެއާތަކަށް!

Sep 24, 2016
  • އެމްއެމްޕީއާރުސީން އެއް ފަހަރާ ތިން ފެއާއަކަށް
  • ޓާކެޓަކީ 1.5 މިލިއަން ޓޫރިސްޓުން ގެނައުން
  • ހަތްލައްކައަށްވުރެ ގިނަ ޓޫރިސްޓުން ރާއްޖެއަށް

ރާއްޖެ އިސްތިހާރު ކުރަން ކުރާ މަސައްކަތް މިހާރަށް ވުރެ ވަރުގަދަކޮށް ގިނަ ފެއާތަކެއްގައި މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން އެއް ފަހަރާ ބައިވެރިވާން ފަށައިފި އެވެ.

ރާއްޖެ އަށް އަންނަ ޓޫރިސްޓުން އިތުރު ކުރުމުގެ ގޮތުން އެމްއެމްޕީއާރުސީން ކުރާ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ބޭރުގެ ޓްރެވަލް ފެއާތަކުގައި ރާއްޖެ އިޝްތިހާރު ކުރުމަށް ކުރާ މަސައްކަތުގެ ދަށުން ރާއްޖޭގެ އެންމެ މުހިންމު މާކެޓު ކަމަށްވާ ޗައިނާ މާކެޓު ރަނގަޅު ކުރުމަށް މިވަނީ ހާއްސަ މަސައްކަތްތަކެއް ފަށާފަ އެވެ.

ޗައިނާގެ އާ ސަރަހައްދަކަށް

ރާއްޖޭގެ ޓޫރިޒަމް އާއްމު ގޮތެއްގައި އިޝްތިހާރު ކުރަނީ ވެރިރަށް ބެއިޖިންގަ އެވެ. ނަމަވެސް އަލަށް ފެށި މަސައްކަތުގެ ދަށުން ޗައިނާސީޗުއާން ޕްރޮވިންސްގައި އޮންނަ ފެއާއެއްގައި ރާއްޖޭން މިހާރު ދަނީ ބައިވެރިވަމުންނެވެ. އެގޮތުން ޗައިނާގެ ސީޗުއާން އިންޓަނޭޝަނަލް ޓްރެވަލް އެކްސްޕޯ (ސައިޓް) ގައި ރާއްޖެ އިޝްތިހާރު ކުރުމަށް ހާއްސަ ހަރަކާތްތަކެއް ވަނީ ފަށާފަ އެވެ.

އެމްއެމްޕީއާރުސީން ބުނީ މި ފެއާގައި ރާއްޖޭން ބައިވެރިވަނީ ސީޗުއާން ޕްރޮވިންސްގެ "ލެޝަންގެ އެމެއިޝަން ސިޓީގައި" އޮންނަ ފެއާގައި ބައިވެރިވާން ރާއްޖެއަށް ލިބުނު ދައުވަތަކާ ގުޅިގެންނެވެ. ތިން އަހަރު ކުރިން ބާއްވަން ފެށި މި ފެއާގައި މިއަހަރު ދުނިޔޭގެ 45 ގައުމެއްގެ ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން ބައިވެރިވެ އެވެ.

ސީޗުއާން ޕްރޮވިންސަކީ ރާއްޖޭގެ ގައުމީ އެއާލައިން ސީދާ ދަތުރުތައް ބާއްވާ މަންޒިލެކެވެ. މި ދަތުރުތަކުގައި ހަފުތާއަކު 900 ޓޫރިސްޓުން އެ އެއާލައިނުން ރާއްޖެ ގެނެ އެވެ.

ޗައިނާގައި ރާއްޖެ އިޝްތިހާރު ކުރުމުގެ "ވައްޓަލާޅި" ބަދަލު ކޮށްފައިވާއިރު، ވޭތުވެދިޔަ ހަތަރު މަހު ޗައިނާ މާކެޓުން އަންނަ ޓޫރިސްޓުންގެ އަދަދު ވަނީ ދަށަށް ގޮސްފަ އެވެ. އެގޮތުން މި އަހަރުގެ ޖުލައި މަހު ޗައިނާ އިން އައީ 36،456 ޓޫރިސްޓުންނެވެ. އެއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 12.2 ޕަސެންޓް ދަށް އަދަދެކެވެ.

ޖަޕާން ޖަޓާ ޓޫރިޒަމް އެކްސްޕޯގައި ބައިވެރިވުން

ރާއްޖެއަށް އެންމެ ގިނައިން ޑައިވް ކުރުމަށް ޓޫރިސްޓުން އަންނަ އެއް މާކެޓަކީ ޖަޕާނެވެ. މިގޮތުން އެމްއެމްޕީއާރުސީން ވަނީ ޖަޕާނުގައި ބާއްވާ އެންމެ ބޮޑު އެއް ޓޫރިޒަމް ފެއާ ކަމަށްވާ ޖަޓާ ޓޫރިޒަމް އެކްސްޕޯގައި ރާއްޖެ އިޝްތިހާރު ކުރަން ފަށާފަ އެވެ. އެގޮތުން ޖަޕާނުގައި ހުންނަ ރާއްޖޭގެ އެމްބަސީގެ ބައިވެރިވުމާއެކު ރާއްޖޭގެ ހަ ކުންފުންޏަކުން މި ފެއާގައި ބައިވެރިވެފައިވެ އެވެ. މި ފެއާ ކުރިއަށްދާނީ މިމަހުގެ 25 ވަނަ ދުވަހާ ހަމައަށެވެ.

ޖަޕާނަކީ ރާއްޖޭގެ އުންމީދީ އެއް މާކެޓެވެ. ނަމަވެސް އެ ގައުމުން ޒިޔާރަތް ކުރާ ޓޫރިސްޓުންގެ އަދަދު ވަނީ ދަށްވުމަށްފަހު މިހާރުވަނީ ރަނގަޅުވާން ފަށާފަ އެވެ. އެގޮތުން މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް 21،358 ޓޫރިސްޓުން ޖަޕާނުން ރާއްޖެ އަށް ޒިޔާރަތް ކުރި އެވެ.

ފްރާންސުގެ އެންމެ ބޮޑު ފެއާގައި ބައިވެރިވުން

މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަނުން ވަނީ ފްރާންސުގެ މައި ޓްރެވަލް ފެއާ ކަމަށްވާ ފްރެންޗް ޓްރެވަލް މާކެޓް (އައިއެފްޓީއެމް) ގައި ބައިވެރިވެ، ރާއްޖެ އިޝްތިހާރުކޮށްފަ އެެވެ. މި ފެއާ ނިމޭނީ މިއަދު އެވެ. މި ފެއާގައި އެމްއެމްޕީއާރުސީގެ އިތުރުން ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ 12 ފަރާތަކުން ބައިވެރިވެފައިވެ އެވެ. މީގެ 38 އަހަރު ކުރިން ފެށިގެން ބާއްވަމުން ގެންދާ އައިއެފްޓީއެމްގައި ދުނިޔޭގެ އެކި ސަރަހައްދު ތަކަށް ނިސްބަތްވާ 1،560 މަރުކާއިން 492 ސްޓޭންޑް ބައިވެރިކޮށްފައިވެ އެވެ. ރާއްޖެ އަށް އެންމެ ގިނަ އަދަދަކަށް ޓޫރިސްޓުން ޒިޔާރަތް ކުރާ 10 ގައުމުގެ ތެރޭގައި ފްރާންސުން މިދިޔަ އަހަރު 42،024 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވެ އެވެ.

ރާއްޖޭން ވަނީ މި އަހަރު ނިމެންވާއިރަށް 1.5 މިލިއަން ޓޫރިސްޓުން ގެނައުމަށް ލަނޑުދަނޑިއެއް ކަނޑައަޅާފަ އެވެ. ޓޫރިޒަމް ހިސާބުތައް ދައްކާ ގޮތުގައި 750،000 ޒިޔާރަތް ކޮށްފައިވެ އެވެ.