މެޗްގެ އެންމެ ފަހު ވަގުތު މުހައްމަދު އުމޭރު ހިލޭ ޖެހުމަކުން ކާމިޔާބު ކުރި ލަނޑުން ޔުނައިޓަޑް ވިކްޓްރީގެ މައްޗަށް 1-0 ކާމިޔާބު ހޯދައި އުރީދޫ ދިވެހި ޕްރިމިއާ ލީގް ހޯދުމާ ފިޔަވަޅަކާ ގާތަށް މާޒިޔާ ޖެހިލައިފިއެވެ.
މި މެޗުން މޮޅުވެ ހޯދި ތިން ޕޮއިންޓާއެކު ތާވަލުގެ އެއް ވަނައިގައި މާޒިޔާ އޮތީ 43 ޕޮއިންޓް ހޯދައި 11 ޕޮއިންޓްގެ ލީޑަކާއެކުއެވެ. ދެ ވަނައިގައި 32 ޕޮއިންޓައެކުއޮތް އީގަލްސް މާދަމާ ކުޅޭ މެޗުން އެއްވަރު ވިޔަސް މާޒިޔާ އަށް ލީގް ލިބިގެންދާނެއެވެ.
މާޒިޔާއިން ލަނޑު ޖަހާފައި ވަނީ މެޗްގެ 90 މިނެޓް ކުޅުން ހަމަވެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި ހަ މިނެޓްގެ ކުޅުން ހަމަވިފަހުންނެވެ. މިކަމާ ޔުނައިޓެޑް ވިކްޓަރީގެ އޮފިޝަލުން ވަނީ ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. މި ގޮތުން ވަގުތު ހަމަވެއްޖެ ކަމަށް ބުނެ ޔުނައިޓެޑް ވިކްޓަރީގެ ބެންޗުން ވަރަށް ބޮޑަށް ރެފްރީ އަށް ޝަކުވާ ވެސްކުރި އެވެ.
މި މެޗުން ޔުނައިޓެޑް ވިކްޓަރީ އަށް ޕޮއިންޓެއް ލިބުނުނަމަ އެ ޓީމަށް ގަދަ ހަތަރަކަށް އެރޭނެ އެވެ. އެއީ 20 ޕޮއިންޓާއެކު މިވަގުތު ހަތަރުވަނާގައި އޮތް ވެލެންސިއާ ބީޖީ އަތުން މިއަދު ހަވީރު ބަލިވުމުންނެވެ. ތިން ވަނަ ބުރުގައި ވަރަށް ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ ޔުނައިޓެޑް ވިކްޓަރީއަށް ވެސް ލިބިފައިވަނީ 20 ޕޮއިންޓެވެ. ނަމަވެސް ތިން ވަނަ ބުރުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން އެންމެ ޕޮއިންޓެއް ހޯދުނު ވެލެންސިއާ އަށްވުރެ ފަހަތަށް އެ ޓީމު ދަނީ ގޯލުގެ ތަފާތުންނެވެ.