މެންޗެސްޓާ ޔުނައިޓެޑް އަތުން ޗެމްޕިއަން ލެސްޓާސިޓީ 4-1އިން ރޭ ބަލިވި މެޗުގައި ޔުނައިޓެޑް ބޮލުން ޖެހި ގޯލުތަކާމެދު ލެސްޓާގެ ކޯޗު ކްލައުޑިއޯ ރަނިއޭރީ ހިތްހަމަނުޖެހިއްޖެ އެވެ.
އޭނާ ބުނީ ކޯނަރުތަކުން ޔުނައިޓެޑުގެ ކުޅުންތެރިން ބޮލުން ގޯލު ޖަހަމުންދިއުމުގެ މާނައަކީ އޭނާގެ ޓީމަށް ރަނގަޅަށް މެޗުގެ ތެރޭގައި ނުތިބެވުން ކަމަށެވެ.
"އެއީ ކޮންސަންޓްރޭޝަން ނެތްކަން ދޭހަވާ ކަމެއް. އެމީހުންނަކީ ދިގު ކުޅުންތެރިން ތިބި ޓީމެއް. އެކަމަކު އަބަދު ބޮލުން ނުޖެހޭނެ ވިސްނައިގެން ތިބިނަމަ. އަހަރުމެންނަށް އެކަން ނުކުރެވުނީ،" ރަނިއޭރީ ބުންޏެވެ.
އޭނާ ބުނީ ޗެމްޕިއަންކަން ދިފާއުކުރުމަކީ ލެސްޓާ ކަހަލަ އާދައިގެ ޓީމަކަށް ވާނެކަމެއްނޫން ކަމަށާއި މި ހަފުތާގައި ޗެމްޕިއަންސް ލީގަށް ތައްޔާރުވުމަކީ މިހާރު އެންމެ މުހިންމު ކަންތައް ކަމަށެވެ.
ފުރަތަމަ ހާފުގައި ޔުނައިޓެޑަށް ލަނޑުގެ ހަތަރު ލަނޑު ވެސް ޖަހައިދިނީ ހުއާން މާޓާ އާއި ކްރިސް ސްމޯލިން އަދި ޕައުލް ޕޮގްބާ އާއި މާކަސް ރަޝްފޯޑެވެ. މިއީ 100 މިލިއަން ޕައުންޑްދީފައި ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާގެ ގޮތުގައި ޕޮގްބާ ޔުނައިޓެޑަށް ގެނައި ފަހުން އޭނާ ޖެހި ފުރަތަމަ ގޯލެވެ. މި މެޗުގައި ކެޕްޓަން ވޭން ރޫނީ އިނީ ބެންޗުގަ އެވެ. މިއީ ކޯޗުކަމާ ހޯސެ މޮރީނިއޯ ހަވާލުވި ފަހުން ރޫނީ ބެންޗުގައިއިން ފުރަތަމަ ފަހަރެވެ.
މެޗަށް ފަހު މޮރީނިއޯ ބުނީ މިދިޔަ ސީޒަނުގައި ލެސްޓާ ބަލިނުކުރެވުނު ކަމަށާއި ނަމަވެސް މި ސީޒަނުގައި ދެ ފަހަރު އެމީހުން އަތުން ޔުނައިޓެޑް މޮޅުވުމަކީ ރަނގަޅު ފާލެއް ކަމަށެވެ.
"އަހަރުމެން ކުރިން އޮތީ ތިން މެޗުން ބަލިވެފައި. އަދި މިދިޔަ ސީޒަނުގައި ލެސްޓާ ބަލިނުކުރެވުނު. ނަމަވެސް މިސީޒަނުގައި ދެ ފަހަރު ޗެމްޕިއަން ބަލިކުރެވިއްޖެ. މިއީ ރަނގަޅު ފާލެއް،" މޮރީނިއޯ ބުންޏެވެ.
ޔުނައިޓެޑާ އެންމެ ވާދަވެރި މެންޗެސްޓާ ސިޓީ މޮޅުވީ ސްވަންސީ އަތުން 3-1އިންނެވެ. ލަނޑު ޖެހީ ދެ ލަނޑު ޖެހީ ސާޖިއޯ އަގުއެރޯ އާއި ރަހީމް ސްޓާލިން އެވެ. މި މޮޅާއެކު 18 ޕޮއިންޓާއެކު ސިޓީ އޮތީ އެއްވަނާގަ އެވެ. ޔުނައިޓެޑް އޮތީ 12 ޕޮއިންޓާއެކު ހަ ވަނާގަ އެވެ. ސްވަންސީ އޮތީ ހަތަރު ޕޮއިންޓާއެކު 16 ވަނާގަ އެވެ. ލެސްޓާ އޮތީ ހަތް ޕޮއިންޓާއެކު 11 ވަނާގަ އެވެ.