މެންޗެސްޓާ ޔުނައިޓެޑުގައި އޭނާގެ އެންމެ މުހިންމު ކުޅުންތެރިއަކީ ކެޕްޓަން ވޭން ރޫނީ ކަމަށް ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.
އޭނާ މިހެން ބުނީ ކޯޗުކަމާ ހަވާލުވުމަށްފަހު ރޭ ޕްރެމިއާ ލީގުގައި ފުރަތަމަ ފަހަރަށް ރޫނީ ބެންޗުގައި ބޭންދި މެޗަށްފަހު އެވެ.
ޗެމްޕިއަން ލެސްޓާ ސިޓީ އަތުން ޔުނައިޓެޑް 4-1އިން މޮޅުވި މެޗުގައި ރޫނީ ކުޅެން ނުކުތީ ފަހު ހަތް މިނިޓްގައި ޒުވާން ފޯވަޑް މާކަސް ރަޝްފޯޑްގެ ބަދަލުގަ އެވެ.
"އަހަރެންގެ މީހަކީ ރޫނީ. އަހަރެން އޭނާ އަށް ފުރިހަމަ އަށް އިތުބާރުކުރަން. މިވަގުތު އޭނާ ވެސް އަދި އަހަރެން ވެސް ޓީމަށްޓަކައި މިކަމާމެދު ހިތްހަމަޖެހޭ،" މެޗަށް ފަހު ނޫސްވެރިން ސުވާލުކުރުމުން މޮރީނިއޯ ބުންޏެވެ.
ނަމަވެސް އިތުރަށް ސުވާލުކުރުމުން މޮރީނިއޯ ހިތްހަމަނުޖެހިފައި ބުނީ ނޫސްވެރިން އުޅޭގޮތުން ހީވަނީ އޭނާއަކީ އެކައްޗެއް ވެސް އެނގޭމީހެއްނޫން ކަމަށެވެ.
"ބައެއް ފަހަރު އަހަރެން ނޫސްވެރިންގެ ވާހަކަތައް ކިޔާލީމާ ހިތަށް އަރަނީ އެމީހުން ދެކޭގޮތުގައި އަހަރެންނަކީ އެކައްޗެއް ވެސް އެނގޭ މީހެއްނޫނޭ. އެކަމަކު ހަގީގަތަކީ އަހަންނަށް ކުޅެން އެރުވޭނީ ގިނަވެގެން 11 ކުޅުންތެރިން. އެގަވާއިދު ބަދަލުވެއްޖެނަމަ މީހަކު އަހަރެންނަށް ވިސްނައިދީފިނަމަ އެނޫން ގޮތެއް ހެދިދާނެ. އަހަރެން ރަޝްފޯޑް ނުކުޅުވައިފިއްޔާ އަހާނީ ކީއްވެހޭ އޭނާ ނޭރުވީ. އަހަރެން ލިންގާޑް ނާރުވައިފިއްޔާ އަހާނީ ކީއްވެހޭ ނޭރުވީ. ނޫސްވެރިން އަބަދުވެސް އަހަނީ އަހަރެން ކުޅުންތެރިއަކު ނާރުވައިފިއްޔާ. މިއީ އިންސާފެއްނޫން،" ޗެލްސީގެ ކުރީގެ ކޯޗު ބުންޏެވެ.
އޭނާ ބުނީ ޗެލްސީ އާއި ރެއާލް މެޑްރިޑަށް ކޯޗުކޮށްދިން އިރު ވެސް ރޫނީ އަކީ އޭނާގެ ހިޓެއް ކަމަށެވެ. އަދި މެންޗެސްޓާ ޔުނައިޓެޑުން ރޫނީ ގަތުމަށް އެއިރުވެސް މަސައްކަތްކުރީ އޭނައަކީ ވަރަށް ގަޔާވާ ކުޅުންތެރިއަކަށްވާތީ ކަމަށެވެ.
"ރޫނީ ގާތުގައި އަހަރެން މިއަދު އޭނާ ނުކުޅޭނެއޭ ބުނެފިނަަމަ އޭނާއެކަން ގަބޫލުކުރާނެ. އޭނާ ހުންނާނީ ގޭގައެ ބުނެފިއްޔާ އޭނާ ހުންނާނީ ގޭގައި. މި ޓީމުގައި އަހަރެންގެ މީހަކީ އޭނާ،" މޮރީނިއޯ ބުންޏެވެ.
އިނގިރޭސި ގައުމީ ކެޕްޓަންކަން ވެސް ކުރަމުން އަންނަ ކުޅުންތެރިޔާ ބެންޗުގައި އިނުމުން ޓީވީ އެނަލިސްޓުންނާއި ކޮމެންޓޭޓަރުން ވަނީ މި މެޗުގައި ރޫނީ ބެންޗުގައި އިނީ އޭނާ އަށް ފުރަތަމަ 11އިން ޖާގަ ހައްގުނުވާތީ ކަމަށް ބުނެފަ އެވެ. އަދި މިއީ ހައިރާންވާންވީ ބަދަލެއްނޫން ކަމަށާއި ޔުނައިޓެޑުގައި މި ސީޒަނުގައި ރޫނީ އަށް އަދި މޮޅަށް ނުކުޅެވޭކަން ރޫނީ ވެސް ގަބޫލުކުރާ ކަމަށް ބައެއް ތަޖުރިބާކާރުން ބުނެ އެވެ. ނަމަވެސް މިއީ އޭނާގެ ކުރިމަގާމެދު ކޮންމެވެސް ވަރަކަށް ސުވާލުއުފެދޭ ކަމެއް ކަމަށް ބުނާ ތަޖުރިބާކާރުން އެބަތިއްބެވެ.