ހިތްހަމަ ނުޖެހޭ ނޫނީ ހިޔާލުތަފާތުވާ ކޮންމެ ފަހަރަކު މަގުމައްޗަށް ނުކުމެ ވެރިކަން ވައްޓާލުމަކީ، އުސޫލެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.
"ޓީވީއެމް"ގެ ރާއްޖެ މިއަދު ޕްރޮގްރާމަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ނައިބު ރައީސް ޖަމީލް ވިދާޅުވީ، ރާއްޖެ ވަރަށް ހަލަބޮލި ދުވަސްތަކެއް ކަޑަތުކޮށްފި ކަމަށާއި މިއީ މަޝްވަރާގެ މަތިން ކަންތައްތައް ކުރަން ޖެހޭ ވަގުތު ކަމަށެވެ. އަދި ސަރުކާރުން މިހާރު ވެސް އޮތީ ހުރިހާ ޕާޓީއަކާ އެކުވެސް މަޝްވަރާކޮށްގެން ރީތި އުސޫލުން ކަންތައްތަކެއް ކުރަން ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ. ނައިބު ރައީސް ވިދާޅުވީ ގާނޫނުތަކަށް ގެންނަން ޖެހޭ ބަދަލުތައް ދިރާސާކޮށް ގެނައުމަކީ މައްސަލައެއް ނޫން ކަމަށެވެ. އަދި ދުނިޔޭގެ ހުރިހާ ގައުމެއްގައި ވެސް އެކަން ކުރަނީ އެ އުސޫލުން ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ. އަދި މި ސަރުކާރުން ވެސް އެ ބަދަލުތައް ގެންނަމުން ދަނީ، ގާނޫނުތަކަށް ގެންނަން ޖެހޭ ބަދަލުތައް ބަލައި އެ ކަންކަން މަޖިލީހަށް ހުށަހަޅައި ބަހުސްކޮށްގެންނެވެ.
"ގަބޫލު ކުރަން އެންމެން ބޭނުންވާ ކަންތައްތަކެއް ނޫނީ އެ މީހުން އެންމެ ހިތްއެދޭ ގޮތަށް ކަންތައްތަކެއް ކޮށް ނުދެވިދާނެ. އިންސާނުން ވީމާ، ހިތްހަމަ ނުޖެހުނީމާ އިހުސާސްތަކެއް ހުންނާނެ. އެކަމަކު އެއީ އަޅުގަނޑުމެން މަގުމައްޗަށް ސަރުކާރު ވައްޓާލަން ޖެހޭ ކަމެއް ނޫން. އެއީ ވަރަށް ބޮޑު ކަމެއް. ސަރުކާރު ވައްޓާލަން ޖެހޭވަރު ކަމެއް ވެފައެއް ނެތް،" ނައިބު ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ، މިދަނޑިވަޅުގައި ވެސް ވިސްނަން ވީ ރާއްޖެ ހަލަބޮލިކަމަށް ވައްޓާނުލައި އަމަންއަމާންކަން ގާއިމް ކުރުމަށް ކަމަށެވެ. އަދި ރާއްޖެ ގައުމެއްގެ ގޮތުގައި ދެމި އޮތީ ރާއްޖޭގެ ރައްޔިތުންގެ އެއްބައިވަންތަކަމާއި ހަމަޖެހުމުގެ ސަބަބުން ކަމަށް ނައިބު ރައީސް ވިދާޅުވި އެެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ގައުމުގެ ހަމަޖެހުން ގެއްލޭ ގޮތަށް މަސައްކަތް ކުރުމަކީ ގައުމާ ދޭތެރޭގައި ވިސްނާ ބަޔަކު ކުރާނެ ކަމެއް ނޫނެވެ.
މި ސަރުކާރުން ތަރައްގީގެ ގިނަ މަޝްރޫއުތަކާއި ވައުދުތައް ފުއްދަމުން އަންނަކަން ނައިބު ރައީސް ފާހަގަ ކުރެއްވި އެވެ. އަދި ކެބިނެޓާއި ރައީސްގެ އަނބިކަބަލުން ވެސް ފެނިވަޑައިގަންނަވާނީ ހީވާގި މުހިންމު މަސައްކަތްތަކެއް ކުރައްވާތަން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. ރާއްޖޭގެ ކުރި މަގު ފެންނަނީ މި ސަރުކާރާ އެކު އުޖާލާކޮށް ކަމަށް ވެސް ވިދާޅުވި އެވެ.
"މިކަންކަން ހަމަޖެހުނީމައި ރާއްޖެ ފެންނާނީ އުޖާލާކޮށް... ރާއްޖެ ފެންނާނީ އެހެން ގައުމުތަކަށް ހާއްސަކޮށް އިސްލާމީ ޑިމޮކްރަޓިކް ގައުމުތަކަށް ނަމޫނާ ގައުމަކަށް ވެގެންދާނެ،" ނައިބު ރައީސް ވިދާޅުވި އެވެ.