- ހޮންކޮންގަކީ އެންމެ ގިނައިން އިމްޕޯޓުވެސް ކުރާ އެއް ގައުމު
- މި އެއްބަސްވުމާއެކު މަސްވެރިކަމުން އާ މާކެޓެއް ހުޅުވިގެންދާނެ
- މަޝްވަރާތައް ހަ މަސް ތެރޭގައި ނިންމާލެވޭނެ
ރާއްޖެ އާއި ހޮންކޮންގް އާއި ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމަކަށް ހަ މަސް ތެރޭގައި އާދެވޭ ވަރުވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ހޮންކޮންގްގައި ބާއްވާ ރާއްޖެ- ޗައިނާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ފަހު ބުރުގެ ވާހަކަތަކުގައި ބައިވެރިވުމަށް ފުރާވަޑައިގަތުމުގެ ކުރިން ވީއައިޕީ ލައުންޖުގައި ބޭއްވި ނިއުސް ކޮންފަރެންސެއްގައި މިނިސްޓަރު ސައީދު ވިދާޅުވީ ދުނިޔޭގައި އެންމެ ބޮޑަށް ކުރިއަރާފައިވާ އެއް ގައުމުކަމަށްވާ ހޮންކޮންގާއެކު މިނިވަން ވިޔަފާރީގެ ވާހަކަތައް ފެށެނީ އަލަށް ކަމަށާއި، މިކަމުގެ ސަބަބުން ދިވެހި ވިޔަފާރިތަކަށް އިތުރު ދޮރުތަކެއް ހުޅުވިގެންދާނެ ކަމަށެވެ.
"ހޮންކޮންގްއަކީ ހިދުމަތަށް ބަރޯސާވެފައި އޮންނަ އިގްތިސާދެއް އޮންނަ ގައުމެއް ރާއްޖެއާ ވަރަށް އެއްކަހަލަ. އެންމެ ބޮޑަށް ފާހަގަ ކުރެވޭ އެއް ކަމަކީ ފައިނޭންޝަލް ސިސްޓަމް. މާލީ ނިޒާމުގައި ކުރިއަރައިގެން ދާއިރު ރާއްޖެއަށް ބޮޑު ފައިދާއެއް ކުރާނެ. އެންމެ ބޮޑަށް ފޯކަސްކުރާނީވެސް ފައިނޭންޝަލް ސެންޓާއެއްގެ ގޮތުގައި ރާއްޖެ ތަރައްގީ ކުރުމަށް ކުރާ މަސައްކަތުގައި އެކަމަށް،" ސައީދު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ޗައިނާއާއެކު މިނިވަން ވިޔަފާރީގެ ވާހަކަތައް ދިޔައިރުވެސް ހޮންކޮންގް ހަވާސާގައި ބައިވެރިވި ކަމަށާއި، އެހެންކަމުން މިކަމުގެ މުހިންމުކަން އެ ގައުމަށް އެނގޭނެ ކަމަށެވެ.
"ޗައިނާއެކު ނެގި މުއްދަތެއް ހޮންކޮންގްއާއެކު ނުނަގާނެ. މަދުވެގެން ހަ ނަގާނީ،" ސައީދު ވިދާޅުވި އެވެ.
މަސްވެރިންނަށް އުފާވެރި ހަބަރެއް
މިނިސްޓަރު ސައީދު ވިދާޅުވީ ރާއްޖެއިން ހޮންކޮންގަށް ބައެއް ބާވަތްތައް ބޭރުކުރާ ކަމަށާއި، މި އެއްބަސްވުމުގެ ތެރެއިން މި ތަކެތީގެ ޑިއުޓީ ކުޑަ ކުރުމަށް މަޝްވަރާ ކުރެވޭނެ ކަމަށެވެ.
"ހޮންކޮންގަށް މިހާރު ވެސް ގިނަ އަދަކަށް ގްރޫޕާ [ފާނަ] އާއި މަހުގެ ބާވަތްތައް އެކްސްޕޯޓް ކުރޭ. މި ބާވަތްތަކަށް ޒީރޯ ޑިއުޓީ ހޯދުމަށް މަސައްކަތް ކުރާނަން،" ސައީދު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ޑިއުޓީގެ އިނާޔަތްތައް ހޯދުމުގެ މައިގަނޑު މަގުސަދަކީ ރާއްޖެ މިޑުލް އިންކަމް ގައުމަކަށް ބަދަލުވުމާ ގުޅިގެން ކުރިން ލިބެމުންދިޔަ އިނާޔަތްތައް ނުލިބުން ކަމަށެވެ.
"ބައެއް މާކެޓުތަކުން އިނާޔަތް ނުލިބޭ. އެހެންވެ ރައީސްގެ އިސްނެގުމެއްގެ ދަށުން ބެލީ ކޮން ގޮތަކަށްތޯ މަސްވެރިން ބާނާ އުފެއްދުންތައް ވިއްކޭނީ،" ސައީދު ވިދާޅުވި އެވެ.