އަންނަ އަހަރުން ފެށިގެން މަޓާޓޯ ޓްރެވެލް އެވޯޑުގައި ގެސްޓް ހައުސް އެޑިޝަން ހިމަނައި ގެސްޓް ހައުސްތަކަށް އެވޯޑް ދޭން ނިންމައިފި އެވެ. ގެސްޓް ހައުސް މޯލްޑިވްސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން މަޓާޓޯގެ ރައީސް އަބުދުﷲ ގިޔާސްވަނީ އެކަން އިއުލާނު ކޮށްފަ އެވެ.
ގިޔާސް ވިދާޅުވީ ގެސްޓް ހައުސް ދާއިރާ ކުރިއަރުވަން މަޓާޓޯ އިން އަބަދުވެސް މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި މަޓާޓޯއިން ޓްރެވެލް ޓްރޭޑް ޝޯތަކުގައިވެސް ބައިވެރިވަމުން އަންނަ ކަމަށެވެ. މަޓާޓޯއިން ގެސްޓްހައުސް ތަކަށް ހާއްސަ ޑިސްކައުންޓުތަކެއް ދޭ ކަމަށާއި ޓްރެއިނިން ތަކާއި ވޯކްޝޮޕްތަކަށްވެސް ހާއްސަ ޑިސްކައުންޓުތަކެއް ދެމުން އަންނަ ކަމަށެވެ. ގެސްޓް ހައުސް ދާއިރާ ކުރިއެރުވުމުގެ އިތުރުން ހިއުމަން ކެޕިޓަލް ޑިވެލޮޕްމަންޓް ކުރިއަރުވަން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.
ގިޔާސް ވިދާޅުވީ ގެސްޓްހައުސް ދާއިރާ ކުރިއަރުވަން މަޓާޓޯއިން ކުރާ މަސައްކަތްތަކާއެކު އަންނަ އަހަރު އެ ދާއިރާ ވަރަށް ބޮޑަށް ކުރިއަރާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
"ގެސްޓްހައުސް ދާއިރާ ކުރިއަރުވަން ކުރިއަށް މިގެންދާ ޓްރެއިނިން ޕްރޮގްރާމްތަކާއި މާކެޓްކުރަން ކުރާ މަސައްކަތްތައް މި ދާއިރާ ކުރަން ކުރާ މަސައްކަތް ނުފުދޭ. އެކަންތައް ރިކޮގްނައިޒްކޮށް އެޕްރިޝިއޭޓްވެސް ކުރަން ޖެހޭނެ. މި އެވޯޑް ދޭން މި ނިންމީ އެހެންވެ. މި އެވޯޑްދޭން މި ނިންމީ މޯލްޑިވްސް ގޭޓްއަވޭސްގެ އެހީތެރިކަމާ އެކީގައި" ގިޔާސް ވިދާޅުވި އެވެ.
މަޓާޓޯ އިން ބުނީ ގެސްޓްހައުސް ދާއިރާއިން އެވޯޑް ދޭ އިރު އެ އެވޯޑް ތަފާތި ކެޓަގަރީތަކުން ދޭނެ ކަމަށެވެ. ދެހާސް ބާރަ ވަނަ އަހަރުން ފެށިގެން މަޓާޓޯ އިން ޓްރެވެލް އެވޯޑް ދޭން ފަށާފައިވާއިރު މިއަހަރު އެކަނިވެސް އެކި ދާއިރާތަކުން 240 ފަރާތަކުން ނޮމިނޭޝަންގައި ބައިވެރިވެފައިވާ ކަމަށެވެ. އަހަރަކަށްވުރެ އަހަރެއްް މަޓާޓޯއިން ވަނީ އެވޯޑް ދޭ ކެޓަގަރީތައް އިތުރުކޮށްފަ އެވެ.
މިއަހަރުވެސް މަޓާޓޯ އިން ވަނީ ގެސްޓްހައުސް ދާއިރާ ކުރިއަރުވަން ހާއްސަ މަސައްކަތްތަކެއް ކޮށްފަ އެވެ. އެގޮތުން ގެސްޓްހައުސް ކެޓަގަރީން 19 ފަރާތެއް ނޮމިނޭޓްވެފައިވާ ކަމަށެވެ. ހަތަރު ރަށެއް ލީޑިން ގެސްޓްހައުސް ކެޓަގަރީއަށް ނޮމިނޭޓްވެފައިވެ އެވެ.
މަޓާޓޯ އިން ބުނީ މި އެވޯޑްގެ ސަބަބުން ގެސްޓާހައުސް ދާއިރާ ރާއްޖޭގައި މިހާރަށްވުރެ ބޮޑަށް ފުޅާވާނެ ކަމަށެވެ. އަދި މި އެވޯޑާ ބެހޭ ތަފްސީލް ފަހުން އާންމު ކުރާނެ ކަމަށެވެ.