ހަބަރު

ސުލްހަވެރި ނޫންނަމަ އެއްވުން ރޫޅައިލާނަން: ފުލުހުން-ސިފައިން

 

މާދަމާގެ އެއްވުމުގައި ޣައިރު ގާނޫނީ އެއްވެސް ކަމެއް ކޮށްފި ނަމަ، ނޫނީ ކުރަން މަސައްކަތް ކޮށްފި ނަމަ، އެ އެއްވުމެއް ފަސް ޖެހުމެއް ނެތި ވަގުތުން ރޫޅާލާނެ ކަމުގެ އިންޒާރު ފުލުހުންނާއި ސިފައިން ދީފި އެވެ.

އެދެ މުއައްސަސާއިން ގުޅިގެން މިރޭ ނެރުނު ބަޔާން އިއްވައި ދެއްވަމުން ފުލުހުންގެ ސުޕްރިޓެންޑެންްޑް އިސްމާއިލް ނަވީން ވިދާޅުވީ، މާދަމާގެ މުޒާހަރާގައި ޣައިރު ގާނޫނީ އެއްވެސް ކަމެއް ފާހަގަ ވެއްޖެ ނަމަ ގާނޫނުގައި އޮންނަ ގޮތަށް އެ މުޒާހަރާއެއް ރޫޅާލުމަށް ސަލާމަތީ ހިދުމަތްތަކުން ފަސް ނުޖެހޭނެ ކަމަށެވެ. އެ އެއްވުން އިންތިޒާމް ކުރި ފަރާތްތައް ފުލުސް އޮފީހަށް ހާޒިރުކޮށް އޮންނަ އުސޫލުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށް ވެސް ވިދާޅުވި އެވެ. އަދި އެ މުޒާހަރާ އަކީ ސުލްހަވެރި މުޒާހަރާއެއް ނޫން ކަމަށް ސަލާމަތީ ހިދުމަތްތަކަށް ފާހަގަ ވެއްޖެ ނަމަ، އެ ހިސާބުން ވެސް މުޒާހަރާ ރޫޅާލާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އަތޮޅުތަކުން ވެސް އެ މުޒާހަރާއަށް މީހުން އަންނަ ކަމުގެ މައުލޫމާތު ލިބިފައިވާކަން ފާހަގަ ކުރައްވަމުން ނަވީން ވިދާޅުވީ އެ މުޒާހަރާއަށް އަންނަ އެފަދަ ފަރާތްތަކުން ވެސް މާލޭގެ އަމަން ގެއްލޭ ގޮތަށް އަމަލު ކުރާ ނަމަ، އެފަދަ ފަރާތްތައް ހޯދާ ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި ބިދޭސީން މުޒާހަރާގައި ބައިވެރި ކުރާ ނަމަ އެކަން ވެސް ހުއްޓުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. މުޒާހަރާ ކުރުމުގައި މާލޭގައި އުޅޭ ބިދޭސީންނަށް އުނދަގޫވާ ގޮތަށް ނޫނީ އެ މީހުންގެ ސަލާމަތަށް ނުރައްކާ ވާގޮތަށް އަމަލު ކުރާ ނަމަ އެކަން ހުއްޓުވަން ފިޔަވަޅު އަޅާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.