ބޭރު ކުޅިވަރު

ޗެލްސީގެ ޑިފެންޑަރުންގެ ކުރިމަގާމެދު އެތައް ސުވާލުތަކެއް؟

ހަތަރު މެޗުގައި 12 ގޯލު ބައިކޮޅަށް ވަނުމުން ޗެލްސީގެ ޑިފެންޑަރުންގެ ކުރިމަގާމެދު އެތައް ސުވާލުތަކެއް އުފެދިއްޖެ އެވެ.

އިނގިރޭސި ނޫސްތަކުން ބުނާގޮތުގައި ޕްރެމިއާ ލީގުގައި އާސެނަލް އަތުން 3-0އިން ބަލިވި މެޗަށް ފަހު ޑިފެންސްލައިނަށް ބޮޑު ބަދަލުތަކެއް ގެންނަން ކޯޗު އެންޓޯނިއޯ ކޮންޓޭވަނީ ނިންމާފަ އެވެ.

މިއާއެކު ގެރީ ކާހިލް އާއި ބްރަނިސްލާވް އިވަނޮވިޗް އަދި ދާދި ފަހުން ޓީމާ ގުޅުނު ޑޭވިޑް ލުއިޒް އަށް ވެސް ޗެލްސީގައި ކުރިމަގު ނެތް ކަމަށްވެ އެވެ. ލުއިޒް އަކީ މީގެ ކުރިން ޗެލްސީ އަށް ކުޅެފައި، ޕީއެސްޖީގައި ހުރެފައި މި ސީޒަނަށް ގެނައި ކުޅުންތެރިއެކެވެ.

މީގެ އިތުރުން އަނިޔާގައި ހުރި ކެޕްޓަން ޖޯން ޓެރީ، 35، އަށް ވެސް އިތުރު ކޮންޓްރެކްޓެއް ނުދޭނެ ކަމަށްވެ އެވެ.

ކުރިއަށް އޮތް ޓްރާންސްފާ މާކެޓުގައި އާ ޑިފެންޑަރުން ހޯދަން ކޯޗު ނިންމާފައިވާއިރު، އޭނާގެ ސްކައުޓުން މިހާތަނަށް ދެ ޑިފެންޑަރަކު ވަނީ ފާހަގަކޮށްފަ އެވެ. އެއީ ބާންލީގެ މައިކަލް ކީން އާއި މިޑްލްސްބަރާގެ ބެން ގިބްސަން އެވެ.

ކޮންޓޭ ބުނީ އާސެނަލް މެޗުގެ ފުރަތަމަ ހާފު ނިންމާފައި ޗޭންޖިން ރޫމަށް ދިޔައިރު އޭނާ ހުރީ ވަރަށް ރުޅިއައިސްފައި ކަމަށާއި ނަމަވެސް އެފަދަ ކަންކަމުގައި އެންމެ ރަނގަޅު ގޮތަކީ ކުޅުންތެރިންނާ ވާހަކަ ދެއްކުން ކަމަށެވެ.