- މުސްތަގުބަލަށް ރަނގަޅު ބަދަލެއް
- "ބީ2" ރޭޓިން ރަނގަޅު
- އިގްތިސާދަށް ރަނގަޅު ބަދަލެއް
ރާއްޖޭގެ ކްރެޑިޓް ރޭޓިންގެ ސަބަބުން އިންވެސްޓަރުންގެ މެދުގައި ރާއްޖޭގެ އިތުބާރު ބޮޑު ވެގެންދާނެ ކަމަށް ވިދާޅުވެ ރާއްޖޭގެ ކްރިޑިޓް ރޭޓިންއަށް ޓޫރިޒަމްގެ އެއް ބާނީ ކަމަށްވާ ޗަމްޕާ ހުސެއިން އަފީފު މިއަދު ތައުރީފް ކުރައްވައިފި އެވެ.
"ކްރެޑިޓް ރޭޓިން އިން އެނގިގެންދާނެ ބައިނަލްއަގުވާމީ ވިޔަފާރިއަށް ރާއްޖެއަށް އިންވެސްޓް ކުރުމަށް ފަހި ތަނެއްކަން. މޫޑީސް ގެ 'ބީ2' ރޭޓިންގެ ސަބަބުން ރާއްޖެއާ މެދު އިންވެސްޓަރުންގެ އިތުބާރު މުސްތަގުބަލުގައި އިތުރު ވެގެންދާނެ،" އަފީފު ހިއްސާވެގެން ހުޅުވި މޯލްޑިވްސް ކޮމާޝަލް ބޭންކް ހުޅުވުމުގެ ރަސްމިއްޔާތުގައި ވިދާޅުވި އެވެ.
އޭނާ އަދި ވިދާޅުވީ ދިވެހި ވިޔަފާރިވެރިންތަކެއް ހިއްސާވެގެން ހެދި ފުރަތަމަ ބޭންކެއްގެ ގޮތުގައި ސީބީއެމް ވެގެން ގޮސްފައިވާ އިރު އެއީ ރާއްޖޭގެ އިގްތިސާދަށާއި ވިޔަފާރިތަކަށް އިތުރު ކުރިއެރުމެއް ގެނެސްދޭނެ ކަމެއް ކަމަށެވެ. އަދި މިއީ ރާއްޖޭގެ މާލީ ދާއިރާ ފުޅާވަމުން އަންނަކަމުގެ ހެއްކެއް ކަމަށް ވެސް އަފީފު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސީބީއެމް އިން މަސައްކަތް ކުރާނީ ވިޔަފާރިތަކަށާއި އާންމުންނަށް ބޭނުންވާނެ ހިދުމަތްތައް އެންމެ ފަސޭހައިން ލިބޭނެ ބޭންކަކަށް ހެދުމަށް ކަމަށާއި ވިޔަފާރިތައް ކުރިއެރުވުމަށް އެ ބޭންކުން ދޭން ޖެހޭ އެންމެހާ އެހީތެރިކަން ދޭނެ ކަމަށެވެ. އަފީފް ވިދާޅުވި ގޮތުގައި އެ ބޭންކުން އޮތީ، ޒުވާން ވިޔަފާރިވެރިންގެ ހުވަފެންތައް ހަގީގަތަކަށް ހަދައިދީ އެ މީހުންގެ ވިޔަފާރިތައް ފުޅާ ކުރުމަށް ތައްޔާރަށް ކަމަށެވެ.
ރާއްޖޭގެ ތާރީހުގައި ތިންވަނަ ފަރާތަކުން ފުރަތަމަ ފަހަރަށް ރާއްޖޭގެ އިގްތިސާދުގެ މުހިންމު ބައިތައް ދިރާސާކޮށް އެރޭޓިން އާންމު ކުރި މިއީި ފުރަތަމަ ފަހަރެވެ. މި ގޮތުން ދުނިޔޭގެ ބޮޑެތި އިގްތިސާދުތައް ވެސް ރޭޓް ކުރާ "މޫޑީސް އިންވެސްޓްމަންޓް ސާވިސް" އިން ރާއްޖެ އަށް ދީފައިވަނީ "ބީ ޓޫ" ރޭޓިން އެވެ. މި ރޭޓިން އިން ދައްކުވައި ދެނީ ޓޫރިޒަމްގެ ސަބަބުން ރާއްޖޭގެ އިގްތިސާދު ދުވެލި މެދުރާސްތާގައި ރަނގަޅު ރޭޓެއްގައި ކުރިއަރާނެ ކަމަށާއި، ރާއްޖޭގައި ލޯނު ދެއްކުމުގެ ގާބިލްކަން ހުރި ކަމެވެ.
މިއީ ރާއްޖެ ފަދަ ޖަޒީރާ ގައުމުތަކަށް ވެސް ލިބިފައިވާ ރޭޓިން އެވެ.
ބީއެމްއެލްގެ ސީއީއޯ އެންޑްރޫ ޖޭ ހީލީ ވެސް ވިދާޅުވެފައި ވަނީ ރާއްޖެއަށް ލިބުނު ކްރިޑިޓް ރޭޓިން އަކީ ފަށައިގަންނަން ރަނގަޅު ރޭޓީން އެއް ކަމަށާއި ރާއްޖޭގެ އިގްތިސާދުގެ ހާލަތު އިންވެސްޓަރުންނަށް މިހާރު ދެ ފުށްފެންނަ ގޮތެއްގައި މިނިވަން ކަމާ އެކު ފެންނާނެ ކަމަށެވެ. އެކަމުގެ ސަބަބުން އިންވެސްޓަރުންގެ އިތުބާރު ރާއްޖެއަށް ބޮޑުވެ، އިތުރު އިންވެސްޓްމަންޓްތައް ލިބޭނެ ކަމަށް އޭނާ ވެސް ވަނީ ވިދާޅުވެފަ އެވެ.
އެ ހަފްލާގައި އަފީފް އަދި ވިދާޅުވީ ޓްރީޓޮޕް ހޯލްޑިންގްސް އާއި ޗަމްޕާ އަދި ކްރައުން ރިސޯޓް ގުޅިގެން ރާއްޖޭގެ އެކި ދާއިރާތަކުގައި މިހާރު އިންވެސްޓްމަންޓްތައް ކުރަމުން އަންނަ ކަމަށެވެ. އަދި މާލީ ދާއިރާގައި ފައިނޭންސް އެންޑް ލީސިން ކޮމްޕެނީ، އެމްއެފްއެލްސީގެ ހިދުމަތް ދެމުން އަންނަ އިރު، ހުޅުމާލޭގައި މަލްޓި ސްޕެޝަލިސްޓް ހޮސްޕިޓަލެއް ވެސް ތަރައްގީ ކުރަމުން އަންނަ ކަމަށް އަފީފް ވިދާޅުވި އެވެ. މި ހުރިހާ އިންވެސްޓްމަންޓްތަކަކުން ވެސް ރައްޔިތުންނަށް އޭގެ ފައިދާ ހޯދައިދެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އަފީފް ވިދާޅުވި އެވެ.