ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ޗަމްޕާ ހުސައިން އަފީފް

ޓޫރިޒަމް ރަނގަޅުވެ، ދިވެހިން އުފާ ވާނެ: އަފީފު

ކޮވިޑް-19 އަށް ފަހު ޓޫރިޒަމް ރަނގަޅުވެ، ދިވެހިންނަށް އުފާވެރިކަން އަނބުރާ ލިބިގެންދާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވިޔަފާރިވެރިޔާ ޗަމްޕާ ހުސެއިން އަފީފު ވިދާޅުވެއްޖެ އެވެ.

ކޮވިޑް ރޯގާއަށް ފަހު އަލުން ރާއްޖެ ހުުޅުވުމުގެ ގޮތުން ޓޫރިޒަމް ޕްރޮމޯޓް ކުރުމަށް ފާހަގަ ކުރެވޭ ގިނަ މަސައްކަތްތަކެއް އަދި ކޮށްފައި ނުވާ މޯލްޑިވްސް މާކެޓިން އެންޑް ޕީއާރް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ރޭ ސޯޝަލް މީޑިޔާގައި ކުރި އަށް ގެންދިޔަ ހަރަކާތެއްގައި ރާއްޖޭގެ ޓޫރިޒަމްގެ އެއް ބާނީ ކަމަށްވާ ޗަމްޕާ ހުސެއިން އަފީފު ބައިވެރިވެ ވަޑައިގެން ވިދާޅުވީ އޭނާއަކީ ރާއްޖެއަށް އެންމެ ފުރަތަމަ ޓޫރިސްޓު އައި ދުވަހުން ފެށިގެން މިއަދާ ހަމައަށް ވެސް އިންޑަސްޓްރީގައި މަސައްކަތް ކުރަމުންދާ މީހެއް ކަމަށެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމްގެ ތާރީހުގައި، ދުނިޔެއަށް ކުރިމަތިވި ގިނަ ކަންތައްތަކުން ޓޫރިޒަމަަށް އަސަރު ކުރި ކަމަށާ، ނަމަވެސް އެ ކަންކަމުން އެންމެން ގުޅިގެން ކާމިޔާބު ކަމާއެކު އަރައިގެންފައިވާ ކަމަށެވެ.

"މިވީ ދުވަސްތަކުގައި ވެސް ރާއްޖެ އިން ގިނަ ކްރައިސިސް ތަކެއް ތަހަމަލް ކުރި، ފައިނޭންޝަލް ކްރައިސިސް އާއި ސުނާމީ ކާރިސާ އާއި ސާސް ޕެންޑަމިކް ހިމެނޭ. އެކަމަކު އެ ކަންކަމުން ވަރަށް އަވަހަށް ކާމިޔާބު ކަމާއެކު އަރައިގަތް. އެހެންމެ ޔަގީންކަން އެބައޮތް ދިވެހިންނަށް އުފާވެރިކަން އަނބުރާ ލިބޭނެ ކަމުގެ،" އަފީފު ވިދާޅުވި އެވެ.

ރާއްޖޭގެ ޓޫރިޒަމްގައި އެންމެ ބޮޑަށް އިންވެސްޓްކޮށްފައިވާ އަފީފު ވިދާޅުވީ ޓޫރިޒަމަކީ ދިވެހިންނާ ގުޅިފައިވާ އަދި ރާއްޖެއަށް ލިބޭ އާމްދަނީގެ ބޮޑުބައި ހިއްސާ ކުރާނެ ސިނާއަތް ކަމަށެވެ.

"ފައިނޭންޝަލް ސެކްޓާ އާއި ކޮންޓްރަކްޝަން ސެކްޓާ ނޫނީ އެހެން ސެކްޓާއެއް ބެލިއަސް ޓޫރިޒަމާ ގުޅުން ބޮޑު. އެހެންވެ ވަރަށް ގޯސް އަސަރު ތަކެއް ރާއްޖެއަށް ކުރޭ. ކޮވިޑް-19 ގެ ސަބަބުން މުޅި ދުނިޔެ އަށް ވެސް އަސަރު ކޮށްފައިވޭ،" އަފީފު ވިދާޅުވި އެވެ.

ކޮވިޑް-19 އަށް ފަހު ސަރުކާރުން ދަނީ ޖުލައި މަހު ޓޫރިޒަމް އަލުން ހުޅުވާލަން މަސައްކަތް ކުރަމުންނެވެ. މިދިޔަ އަހަރަކީ ރާއްޖޭގެ ޓޫރިޒަމްގައި ކާމިޔާބު އަހަރެކެވެ. މިދިޔަ އަހަރު ރާއްޖެއަށް 1.7 މިލިއަން މީހުން އައިސްފައި ވެ އެވެ.