ހަބަރު

މި ސަރުކާރު ވައްޓައެއް ނުލެވޭނެ: އުމަރު

Feb 26, 2015
1

މި ސަރުކާރު ވައްޓާލެވޭ ވަރަށް މާދަމާގެ މުޒާހަރާއަށް މީހުން އެއް ނުވާނެ ކަމަށާއި މި ސަރުކާރު ދެމި އޮންނާނެ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

ދިޓީވީގެ "ހަބަރު ތެރެއިން" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އުމަރު ވިދާޅުވީ މި ސަރުކާރުގައި ސަލާމަތީ ބާރުތައް އޮތީ ވަރަށް ރަނގަޅަށް ގުޅިލާމެހިފައި ކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކުން ދައްކާ އަސާސެއް ނެތް ވާހަކަތަކުން އެ ސަފުތައް ރޫޅާ ނުލެވޭނެ ކަމަށް އުމަރު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ވެރިކަމެއް ވެއްޓޭނީ ރައީސްއަށް ވަރަށް ގިނަ ގޯސްތަކެއް ހެއްދެވިގެން ކަމަށެވެ. އަދި އެ ގޯސްތައް ހެދީ އެމްޑީޕީ ސަރުކާރުގައި ކަމަށް ވެސް ވިދާޅުވި އެވެ. ނަމަވެސް ރައީސް އަބްދުﷲ ޔާމީނާއި މި ސަރުކާރަކީ އުމަރު ވިދާޅުވި ގޮތުގައި އެކަހަލަ ގޯސްތަކެއް ހަދާނެ ބަޔެއް ނޫނެވެ.

"ވަރަށް ގޯސްތަކެއް ހެދިގެން ނޫނީ ސަރުކާރެއް ނުވެއްޓޭނެ. އެ ގޯސްތަކެއް މި ސަރުކާރަކުން ނަހަދާނެ. އެއަށް ވުރެ މި ސަރުކާރުގެ ބާރުތައް މި އޮތީ މާ ބަދަހިކޮށް ވަރުގަދަކޮށް. މި ސަރުކާރުން މި ފަސް އަހަރަށް ދެމި އޮންނާނެ. މި ސަރުކާރެއް އިދިކޮޅު ފަރާތްތަކަށް ވައްޓައެއް ނުލެވޭނެ،" އުމަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މާދަމާގެ އެއްވުމަަށް ނިކުންނާނެ ކަމަށް ބެލެވެނީ، އަތޮޅުތަކުން ގެންނަ 2000 މީހުންނާއި މާލެއިން ނިކުންނާނެ 3،000 މީހުން ލައިގެން ގާތްގަނޑަކަށް 5،000 ވަރަކަށް މީހުން ކަމަށެވެ. އެއީ މި ސަރުކާރު ވައްޓާލެވޭ ވަރަށް ވުރެ، "މެދު ފަންތީގެ" މުޒާހަރާއެއް ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.

"ސަރުކާރު ވައްޓާލެވޭ ވަރާ ގާތައް ވެސް މީހުން ނުނިކުންނާނޭ އަޅުގަނޑު މި ދަންނަވަނީ އެހެންވެ. މި ސްކޭލްގައި ސަރުކާރު ވައްޓައެއް ނުލެވޭނެ،" އުމަރު ވިދާޅުވި އެވެ.

އުމަރު ވިދާޅުވީ މުޅި ކެބިނެޓް ވެސް އޮތީ ރައީސް ޔާމީނަށް ލަފާ ދެއްވުމުގައި އެކަތިގަނޑެއްގެ ގޮތުގައި ކަމަށެވެ. އަދި ރައީސް ވިދާޅުވާ ކޮންމެ އެއްޗަކަށް އާދެ ލައްބަ ކިޔުމުގެ ބަދަލުގައި ރައީސް އަށް ލަފާ އަރުވައިގެން، ވެރިކަން ވެއްޓޭނެ ފަދަ، "ގޯސްތަކެއް ނުހެދޭނެ" ވަރަށް ކެބިނެޓްގައި މަޝްވަރާތައް ހިނގާ ކަމަށް އުމަރު ވިދާޅުވި އެވެ. އެހެން ވީމާ އެފަދަ ގޯހެއް މި ސަރުކާރުން ފެނުމަކީ ނާދިރު ކަމެއް ކަމަށް އުމަރު ވިދާޅުވި އެވެ.