ހަބަރު

ޗައިނާ މީހުން ނޫޅޭ ޗައިނާ ޓައުނެއް އޮތީ ރާއްޖޭގައި އެކަނި: ޗައިނާ ސަފީރު

Dec 9, 2014
2

ޗައިނާ މީހުންނަށް ނިސްބަތް ނުވާ "ޗައިނާ ޓައުން" ޗައިނާ ފިޔަވައި އޮތީ ރާއްޖޭގައި އެކަނި ކަމަށް ރާއްޖެ އަށް ޗައިނާ އިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވޮން ފުކުން މިއަދު ވިދާޅުވެއްޖެ އެވެ.

ޗައިނާ ކުންފުންޏަކުން ހުޅުމާލޭގައި އިމާރާތްކުރާ 1500 ހައުސިން ޔުނިޓްގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ވޮން މިހެން ވިދާޅުވީ ޗައިނާގެ އެހީގައި ހުޅުމާލޭގައި އިމާރާތްކޮށް މިހާރު މީހުން އުޅެމުންދާ ފްލެޓްތަކަށް ހިމެނޭ ސަރަހައްދަށް އިޝާރާތްކުރައްވަމުންނެވެ.

ޗައިނާ އިން އަޅައިދިން ފްލެޓްތައް ހުންނަ ސަރަހައްދު މަޝްހޫރުވެފައި ވަނީ "ޗައިނާ ޓައުން"ގެ ގޮތުގަ އެވެ.

"ހުޅުމާލެ ނޫނަސް ރާއްޖޭގެ އެކި ހިސާބުތަކުން ކުރިއަށް އޮތް ތަނުގައި ޗައިނާ ޓައުންތައް ފެނިގެން ދާނެ،" ވޮން ވިދާޅުވި އެވެ.

ރައީސް އަބްދުﷲ ޔާމީން ބައިވެރިވެ ވަޑައިގެންނެވި ރަސްމިއްޔާތުގައި ސަފީރު ވިދާޅުވީ ރާއްޖެ އިން އެހީތެރިކަން ބޭނުންވާ ކޮންމެ ކަމެއްގައި އެހީވާން ޗައިނާ އޮންނާނީ ތައްޔާރަށް ކަމަށެވެ. އެގޮތުން މިހާރު މާލެ އަށް ކުރިމަތިވެގެން އުޅޭ ފެނުގެ ދަތިކަން ހައްލުކުރުމަށް ޗައިނާ އިން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމަށާއި އެ މައްސަލާގައި ދިވެހި ސަރުކާރުގެ ކަންބޮޑުވުން ޗައިނާ އިން ވެސް ހިއްސާކުރާ ކަމަށް ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި ރައީސް ޔާމީން ވިދާޅުވީ ޗައިނާ އާއި އިންޑިއާ އަކީ ވެސް ރާއްޖެ އަށް ބޮޑެތ އަދި މުހިންމު އެހީތައް ވަމުން އަންނަ ދެ ގައުމު ކަމަށެވެ. އަދި އެއީ ރާއްޖޭގެ ދެ ބައިވެރިން ކަމަށް ވިދާޅުވި އެވެ.