ބޮލީވުޑް

އައިޝްވާރިޔާ އާއި ރަންބީރު "ބިގް ބޮސް" އަށް ނުދާނެ

Sep 28, 2016

އަންނަ މަހުގެ 28 ވަނަ ދުވަހު ރިލީޒްކުރުމަށް ހަމަޖެހިފައިވާ ޑައިރެކްޓަރު ކަރަން ޖޯހަރުގެ ފިލްމު "އެއި ދިލްހޭ މުޝްކިލް" އަކީ އަހަރުގެ އެންމެ އަސަރުގެ ލޯބީގެ ފިލްމެއް ވެދާނެ ކަމަށް އަންނަނީ ބުނަމުންނެވެ.

މިހާތަނަށް ރިލީޒްކޮށްފައިވާ ފިލްމުގެ ލަވައާއި ޓްރެއިލާ އަށް ބޮޑު ތަރުހީބެއް ލިބެމުން އަންނައިރު، މިފިލްމާއެކު އެކްޓަރު އަޖޭ ދޭވްގަންގެ "ޝިވާއޭ" ރިލީޒްކުރަން ނިންމާފައިވާއިރު، ދެފިލްމުވެސް ބޮކްސް އޮފީހުގައި ވަރުގަދަ ކުރިމަތިލުމަކަށްދާނެކަން މިވަނީ ޔަގީންވެފަ އެވެ.

ދެފިލްމު ޕްރޮމޯޓްކުރުމުގެ މަސައްކަތް ފެށިގެން ކުރިއަށްދާއިރު، "ޝިވާއޭ" ގެ ޕްރޮމޯޝަން މަސައްކަތް ފަށާފައިވަނީ ޔޫއެސްގަ އެވެ. އައިޝްވާރިޔާ ރާއި އާއި ރަންބީރު ކަޕޫރު އަދި އަނުޝްކާ ޝަރްމާ ލީޑްރޯލުން ފެނިގެންދާ "އެއި ދިލްހޭ މުޝްކިލް" އިންޑިއާގައި ޕްރޮމޯޓްކުރުމުގެ މަސައްކަތްވެސް ފެށިގެން ކުރިއަށްދާއިރު، މިހާތަނަށް ބައެއް ރިއަލިޓީ ޝޯތަަކަށް ފިލްމުގެ ލީޑް އެކްޓަރު ރަންބީރު ވަނީ މިފިލްމު ޕްރޮމޯޓްކުރުމަށް ގޮސްފަ އެވެ.

މިދެފިލްމު ރިލީޒްވުމުގެ ދެހަފްތާއެއްހާ ދުވަސްކުރިން، އަންނަ މަހުގެ މެދުތެރޭގައި ކަލާޒް ޗެނަލުން ދައްކައި، ސުޕަސްޓާ ސަލްމާން ޚާން ހޯސްޓްކުރާ ޝޯ "ބިގް ބޮސް" ގެ ދިހަ ވަނަ ސީޒަން ފަށާއިރު، މިޝޯގައި "އެއި ދިލްހޭ މުޝްކިލް" ޕްރޮމޯޓްކުރާނެތޯ ވަނީ ސުވާލު އުފެދިފަ އެވެ.

ސަލްމާން އާއި މިފިލްމުގެ އެންމެ މުހިންމު ދެތަރިން ކަމަށްވާ އައިޝްވާރިޔާ އާއި ރަންބީރާ ޒާތީ މައްސަލަތަކެއް އޮންނައިރު، މިޝޯގައި މިފިލްމު ޕްރޮމޯޓްނުކުރާނެ ކަމަށް އަންނަނީ ބުނަމުންނެވެ.

އައިޝްވާރިޔާ އަކީ ސަލްމާންގެ ކުރީގެ ލޯބިވެރިޔާ އަށް ވެފައި، ސަލްމާންއާ އޭނައާ ރުޅިވިފަހުން އެދެތަރިން އެއްވެސް ގޮތަކަށް ވާހަކައެއް ނުދައްކަ އެވެ. އަދި ސަލްމާން ފަހުން ލޯބީގެ ގޮތުން ބަތަލާ ކެޓްރީނާ ކައިފް އާއި ގުޅިގެން އުޅުނިކޮށް އޭނާ ވަނީ ސަލްމާނާ ރުޅިވެ ރަންބީރާ ރައްޓެހިވެފަ އެވެ. އެހިސާބުން ސަލްމާންއާ ރަންބީރާ ދެމެދުވެސް ޒާތީ މައްސަލަތަކެއް އޮންނައިރު، މީގެކުރިންވެސް ރަންބީރުގެ ރިލީޒްވި ފިލްމުތައް އެޝޯގައި ޕްރޮމޯޓްކުރަން އޭނާ ގޮސްފައެއް ނުވެ އެވެ.

ރަންބީރުގެ މިދިޔަ އަހަރު ނިކުތް ފިލްމު "ތަމާޝާ" ޕްރޮމޯޓްކުރުމަށް އެފިލްމުގެ ބަތަލާ ދިޕިކާ ޕަދުކޯން އެކަނި އެޝޯ އަށް ދިއުމުން ސަލްމާން ވަނީ ދިޕިކާ އެކަނި ފިލްމުކަން އައީތޯ އަހައި ރަންބީރަށް ޖޯކު ޖަހާފަ އެވެ. އޭގެފަހުން ރަންބީރު ވަނީ އޭނާ ބިގް ބޮސް އަށް އެފިލްމު ޕްރޮމޯޓްކުރަން ނުދިޔައީ އަމިއްލަ ސަބަބުތަކަކާ ހުރެ ކަމަށް ބުނެފަ އެވެ.

މިދެތަރިން "ބިގް ބޮސް" އަށް ފިލްމު ޕްރޮމޯޓްކުރަން ނުދާނެ ކަމުގެ ވާހަކަތައް ދެކެވެމުން އަންނައިރު، ސަލްމާން ވަނީ މިފިލްމާއެކު ރިލީޒްވާ އަޖޭގެ "ޝިވާއޭ" އަށް އޭނާ ތާއީދުކުރާ ކަމަށް ބުނެފަ އެވެ.

ބުނެވޭ ގޮތުގައި "އެއި ދިލްހޭ މުޝްކިލް" ޕްރޮމޯޓްކުރަން އައިޝްވާރިޔާ އިންޑިއާގެ އެކި ސިޓީތަކަށް މިފިލްމުގެ އެހެން ތަރިންދާއިރު އެމީހުންނާއެކު ނުދާނެ އެވެ. ސަބަބެއް ކަމަށްވަނީ ފިލްމު ކުޅެން އައިޝްވާރިޔާ ސޮއިކޮށްފައިވަނީ ވެސް އޭނާ މުމްބައި އިން ބޭރަށް ފިލްމު ޕްރޮމޯޓްކުރުމަށް ދަރިފުޅު އަރާދިޔާ ބަހައްޓާފައި ނުދާ ގޮތަށެވެ.

އަދި ފިލްމުގައި މުހިންމު ރޯލަކުން ޕާކިސްތާނުގެ ތަރި ފަވަދް ޚާންވެސް ފެނިގެންދާއިރު، އިންޑިއާ އާއި ޕާކިސްތާނުގެ ސިޔާސީ މަޝްރަހު ހޫނުވެ، ބޮލީވުޑްގައި ހަރަކާތްތެރިވާ ޕާކިސްތާނުގެ ތަރިން އިންޑިއާއިން ބޭރުކޮށްފައިވާތީ ފިލްމުގެ އެއްވެސް ޕްރޮމޯޝަން މަސައްކަތެއްގައި ފަވަދް ބައިވެރިނުވާނެ އެވެ. މީގެއިތުރުން ވެސް ފަވަދް މިފިލްމުގައި ފެނިގެންދާ މަންޒަރުތައް ފިލްމުން އުނިނުކުރާހާ ހިނދަކު ފިލްމު އިންޑިއާގައި ރިލީޒްވިޔަ ނުދޭނެ ކަމަށް ސިޔާސީ ޕާޓީ މަހަރަޝްތުރާ ނަވްނިރްމަން ސޭނާ (އެމްއެންއެސް) އާއި ވެރިކަންކުރާ ޕާޓީ، ބީޖޭޕީން ވެސް ވަނީ ޕާކިސްތާނު އެކްޓަރުންނަށް ބޮލީވުޑުން ފުރުސަތު ދިނުމާ ދެކޮޅުކަން ހާމަކޮށްފަ އެވެ.