ދުނިޔެ

އައިއެސްގެ "ޖިހާދީ ޖޯން" އަކީ ކާކުކަން އެނގުނީތަ؟

އެމެރިކާގެ އޮފިޝަލުން ވިދާޅުވެފައި ވަނީ އައިއެސްގެ ވީޑިއޯތަކުން، އިނގިރޭސި އެކްސެންޓަކާ އެކު ފެންނަ ޖިހާދީ ޖޯން އަކީ ކުވައިތަށް އުފަން އިނގިރޭސި ރައްޔިތެއް ކަމަށެވެ. އޮފިޝަލުންނާ ހަވާލާދީ ނޫސްތަކުގައި ބުނެފައި ވަނީ ބެލެވޭ ގޮތުގައި އިމްވާޒީ ސީރިއާ އަށް އެތެރެވެފައި ވަނީ 2012 ވަނަ އަހަރު އެވެ.

ޖިހާދީ ޖޯން އަކީ އިމްވާޒީ ކަމަށް އެމެރިކާ އިން ބުންޏަސް އިނގިރޭސި ސަރުކާރުން މި މައްސަލާގައި އަދި ވަކި ގޮތެއް ނުނިންމަ އެވެ. އިމްވާޒީ އަކީ ކާކުކަން އެނގޭ އިނގިރޭސި އޮފިޝަލުންނާއި މުސްލިމުންގެ ޖަމިއްޔާތަކުން ބުނަނީ ޖިހާދީ ޖޯން އަކީ އިމްވާޒީކަން ނިންމަން އެމީހުންނަށް ނޭނގޭ ކަމަށެވެ.

އައިއެސްގެ މި މެމްބަރު ދުނިޔެ އަށް މަޝްހޫރުވީ އެމެރިކާގެ ނޫސްވެރިޔާ ޖޭމްސް ފޯލޭ ކަތިލައި އޭނާގެ ބޯ ބުރިކޮށްލި ވީޑިއޯ އިންނެވެ.

ޖިހާދީ ޖޯންގެ ގޮތުގައި އެމެރިކާ އިން ސިފަކުރާ އިމްވާޒީ އަކީ ލަންޑަންގެ ޔުނިވާސިޓީ އޮފް ވެސްޓްމިންސްޓާ އިން ގުރެޖުއޭޓްވެ ކޮމްޕިއުޓާ ޕްރޮގްރާމިންގެ ދާއިރާ އިން ޑިގްރީއެއް ހާސިލުކޮށްފައިވާ ފަރާތެކެވެ. އަރަބި ބަހުން ވެސް ފަރިތަކޮށް ވާހަކަ ދައްކަން އެނގޭ އިމްވާޒީ އަކީ އަބަދުވެސް އަރަބި ގައުމުތަކުގައި ދިރިއުޅުމަށް މަސައްކަތްކުރި މީހެއް ކަމަށް ވެސް އޮފިޝަލުން ވިދާޅުވެ އެވެ.

އޭނާގެ އެކުވެރިންގެ ފަރާތުން އެއްކޮށްފައިވާ މައުލޫމާތުތަކުން އެނގޭ ގޮތުން ދީނީ ގޮތުން ހައްދުފަހަނަޅައިގޮސްފައިވާ ފަރާތްތަކާ ގުޅުމުގެ ވިސްނުން އޭނާގެ ފަރާތުން ފެންނަން ފެށީ 2009 ވަނަ އަހަރު އެވެ. ޓެރަރިޒަމާ ދެކޮޅަށް ހަރަކާތްތެރިވާ އިނގިރޭސި ވިލާތުގެ ޓީމަކުން 2010 ވަނަ އަހަރު އިމްވާޒީ ހައްޔަރު ވެސްކޮށްފައިވެ އެވެ.

ވަކި ހިސާބަކުން އިމްވާޒީ ވަނީ ވީނުވީއެއް ނޭނގި ގެއްލިފަ އެވެ.