ރާއްޖެ ކުޅިވަރު

ބައްސާމަށް އަލުން މަގާމު ދޭން ފީފާއިން އަންގައިފި

Sep 27, 2016
5

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް، އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ބައްސާމް އަދީލް ޖަލީލް މަގާމުން ވަކި ކުރީ އުސޫލާ ހިލާފަށް ކަމަށް ކަނޑައަޅައި އޭނާ އަލުން މަގާމަށް ރުޖޫއަ ކުރުމަށް ފުޓްބޯޅައިގެ މައި އިދާރާ ފީފާ އިން އެފްއޭއެމްއަށް މިއަދު އަންގައިފި އެވެ.

ފީފާގެ ސެކްރެޓަރީ ޖެނެރަލް ފާތްމާ ސެމައުރާ ސޮއި ކުރައްވައި އެފްއޭއެމްއަށް މިއަދު ފޮނުވި ސިޓީގައި ބުނެފައި ވަނީ، ބައްސާމް ވަކި ކުރީ އެފްއޭއެމްގެ އެކްސްކޯގެ ބައްދަލުވުމަކުން ނޫންކަން ފީފާއިން ބެލިބެލުމުން އެނގިފައިވާ ކަމަށެވެ. އަދި އެއީ އެފްއޭއެމްގެ ގަވާއިދާ ހިލާފު ކަމެއް ކަމަށާއި އެހެންވެ އޭނާގެ މަގާމު އަލުން ރުޖޫއަ ކުރުމަށް އަންގާ ކަމަށް ވެސް އެސިޓީގައިވެ އެވެ. އަދި އެފްއޭއެމްއަށް އާ އެކްސްކޯއެއް އައްޔަން ކުރުމުގެ އިންތިހާބު ވެސް ވީހާ ވެސް އަވަހަކަށް ބޭއްވުމަށް ފީފާއިން ވަނީ އެ ސިޓީގައި އެފްއޭއެމްއަށް އަންގައިފަ އެވެ. ތަފްސީލް އަންނަނީ..

"އެކި މަސްދަރުތަކުން އަހަރެމެންނަށް (ފީފާ) އަށް އެނގިފައިވަނީ ޖެނަރަލް ސެކެޓްރީ މަގާމުން ވަކި ކުރުމަށް އެފްއޭއެމްގެ އެގްޒެކެޓިވް ކޮމިޓީގެ ބައްދަލުވުމެއް ބާއްވާފައި ނުވާ ކަމެވެ. އެ ނިންމުމަކީ އެފްއޭއެމްގެ އަސާސީ ގަވައިދާ ހިލާފު ކަމެއް ކަމަށް ވުމާއެކު ކުރީގެ ޖެނަރަލް ސެކެޓްރީއަށް އެމަގާމު ދިނުމަށް ދަންނަވަމެވެ."

މީގެ އިތުރުން ފީފާގެ ސިޓީގައި ބުނެފައިވަނީ އެފްއޭއެމްގެ އަސާސީ ގަވާއިދުގެ 33 ވަނަ މާއްދާއަށް ރިޔާއަތްކޮށް ފަސް މެންބަރުން އިސްތިއުފާ ދިނުމުން އެފްއޭއެމްގެ އަލުން އިންތިހާބު ބޭއްވުމަށްވެސް ދަންނަވާ ކަމަށެވެ.

"މެއި 2016 ގެ އެފްއޭއެމްގެ އަސާސީ ގަވާއިދުގެ 33 ވަނަ މާއްދާގެ ނުވަ ވަނަ ނުކުތާގައި ބުނެފައިވަނީ އެފްއޭއެގެ އެގެޒެކެޓިވް ކޮމިޓީގެ މެންބަރުންގެ ތެރެއިން 50 ޕަސަންޓް މަގާމު ހުސްވެއްޖެނަމަ އަލުން އިންތިހާބު ބާއްވާން ޖެހޭނެ ކަމަށެވެ. ވީ ވީއެންމެ އަވަހަކަށް އެފްއޭއެމްއިން އިއންތިހާބު އިއުލާން ކުރާނެކަމަށް އަހަރެމެން (ފީފާ) އިން އުންމީދު ކުރަމެވެ.

އެފްއޭއެމްގެ ކުރީގެ ރައީސް އަހްމަދު ތޯރިގް ވަނީ މިދިޔަ ހަފުތާގައި ޖެނަރަލް ސެކެޓްރީ ކަމުން ބައްސާމް ވަކިކުރިކަން އޭނާއަށް އަންގާފައެވެ.

އޭގެ ފަހުން ފީފާއިން ވަނީ ބައްސާމް ވަކި ކުރުމަށް އެފްއޭއެމްގެ އެކްސްކޯއިން ނިންމާފައިވާ ނިންމުގެ ޔައުމިއްޔާ ފޮނުވުމަށް އެފްއޭއެމްއަށް އަންގާފައެވެ.

މިވަގުތު އެފްއޭއެމް ހިންގުމާ ހަވާލުވެ ހުންނެވި ހުސައިން ޖަވާޒު އިއްޔަ އަވަސްއަށް ވިދާޅުވީ ބައްސާމް މަގާމުން ވަކި ކުރިކަމުގެ އެކްސްކޯ ބައްދަލުވުމެއް ބާއްވަފައި ނުވާ ކަމަށާއި ފީފާއަށް ފޮނުވާނެ އެއްޗެއް ނެތް ކަމަށެވެ.

ފީފާއަށް މިއަދު ބައްސާމް އަލުން މަގާމަށް ހަމަޖެއްސުމަށް އެފްއޭއެމްއަށް އެންގިއިރު، އެފްއޭއެމްގެ ކުރީގެ ރައީސް ތޯރިގް އާއި ބައްސާމްވެސް މިވަގުތު ހުންނެވީ މިއަދު ބާއްވަން އޮތް އޭއެފްސީ ކޮންގްރެސްއަށް އިންޑިއާގެވެ. ނަމަވެސް ކޮންގްރެސްގައި އެފްއޭއެމް ތަމްސީލު ކުރައްވާނެ އެވެ.