ރާއްޖެ ކުޅިވަރު

އިސްކަން ދޭނީ ވޮލީގެ އިންފްރާސްޓަރަކްޗާ އިތުރުކޮށް، ވައިޑީޕީ އަށް: ލަތީފް

ވޮލީބޯލަ އެސޯސިއޭޝަން (ވީއޭއެމް)ގެ ރައީސް ކަމަށް އިންތިހާބު ވެއްޖެނަމަ އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ވޮލީގެ އިންފަރާސްޓަރަކްޗާ ހަރުދާނާކޮށް ޔޫތު ޑިވްލަޕްމެންޓް ޕްރޮގްރާމަށް ކަމަށް ރައީސް ކަމަށް ކުރިމަތި ލައްވާފައިވާ މުހައްމަދު ލަތީފު ބުނެފި އެވެ.

އަވަސް އަށް ދެއްވި އިންޓަވިއުގައި، ކުރިން ގައުމީ ޓީމަށް ވެސް ކުޅުނު، ލަތީފު ބުނީ ރާއްޖޭގައި ވޮލީބޯޅަ އަށް ހާއްސަ އިންޑޯ ކޯޓެއް ގާއިމު ކުރާނެ ކަމަށެވެ.

"މިހާރު ތިން ކުޅިވަރު މިއޮތީ އެންމެ އިންޑޯ ހޯލެއް. އަޅުގަނޑުގެ ދައުރުގައި ވޮލީއަށް ހާއްސަކޮށް އިންޑޯ ކޯޓެއް އެޅުމަށް މަސައްކަތް ކުރާނަން. އިރާދަ ކުރެއްވިއްޔާ ދައުރުގެ ދެވަނަ ނުވަތަ ތިން ވަނަ އަހަރުގައި އިންޑޯ ކޯޓް އިމާރާތުގެ ފައުންޑޭޝަން އަޅައި މަސައްކަތް ފެށިގެންދާނެ" ލަތީފު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ވޮލީއަށް އާކަންތައްތައް ތައާރަފު ކުރަން ޖެހޭ ކަމަށާއި އަދި ކުރިން ހުއްޓާލާފައިވާ ކަންކަން އަލުން ފަށަން ޖެހޭ ކަމަށެވެ.

އެގޮތުން، އަހަރު ތަކެއް ކުރިން ކުރިއަށް ގެންދިޔަ ވޮލީގެ ވައިޑީޕީ ޕްރޮގްރާމް އަލުން ފަށާނެ ކަމަށާއި އަދި އިންޓަ އޮފީސް މުބާރާތް ބާއްވައި ހުރިހާ އެންމެންނަކީވެސް ސީދާ ގޮތުން ވޮލީގައި ބައިވެރިވުން އޮތް ބަޔަކަށް ހަދާނެ ކަމަށެވެ.

"އަޅަުގަނޑު ބޭނުމީ އިމީޑިއޭޓް ކާމިޔާބެއް ނޫން. ބޭނުމީ ކުރިމަގުގައި ކާމިޔާބު ލިބޭނެ ފަދަ އިންތިޒާމު ތަކެއް ހަމަޖެއްސުން. މިހާރު ވޮލީގައި އެންމެ މަތީ ފަންތީގައި ކުޅެން މިތިބީ 12 ކުޅުންތެރިއެއް. ގައުމީ ޓީމް އެކުލަވާލަން ވަރަށް ފަސޭހަ. ބޭނުމީ ދެން ތިބި ކުޅުންތެރިން ވެސް އެފެންވަރަށް ގެނެސް ކުޅުންތެރިންގެ ފެންވަރުގެ ގެޕްކުޑަކޮށް ދެންތިބި ކުޅުންތެރިންނަކީވެސް ގައުމީ ޓީީމަށް ވާދަ ކުރެވޭނެ ފެންވަރުގެ ކުޅުންތެރިން ކަމުގައިވުން. އެކަން ކުރެވޭނީ ވައިޑީޕީ ޕްރޮގްރާމްގެ ތެރެއިން،" 1991 ގައި ސާފްގޭމްސްގައި ގައުމީ ވޮލީ ޓީމުގައި ހިމެނުނު ލަތީފު ބުންޏެވެ.

އަތޮޅު ތެރެއަށް ވޮލީ ފުޅާކުރުން

ލަތީފު ވިދާޅުވީ އަތޮޅު ތެރޭގައި ވީއޭއެމްގެ ހަރަކާތް ފުޅާ ކުރުމުގެ ގޮތުން އޭނާގެ "ފުރަތަމަ އަހަރު ނިމޭއިރު ކޮންމެ ރަށެއްގައި ވޮލީ ކޯޗެއް ހުންނާނެ" ކަމަށެވެ. އަދި ދެ ވަނަ އަހަރު ސްކޫލްތަކުގައި ވޮލީގެ ހަރަކާތް ފުޅާ ކުރުމަށް އިސްކަން ދޭނެ ކަމަށެވެ.

އަދި އިންޓަ ސްކޫލް ވޮލީމުބާރާތް ބަދަލުތަކެއް ގެނެސް، އަތޮޅު އިންޓަ ސްކޫލް މުބާރާތް ތާރަފްކޮށް ކޮންމެ އަތޮޅެއްގެ ޗެމްޕިއަން ޓީމު މާލޭގައި އަންނަ ގޮތަށް މުބާރަތަށް ބަދަލު ގެންނާނެ ކަމަށެވެ.