ރިޕޯޓް

އެލައިޑު ހަމަ ތަފާތީ: އިންޝުއަރެންސަށް ޝައުގުވެރިކޮށްލައިފި

Sep 29, 2016
  • ތަފާތު ފެންނަނީ މުވައްޒަފުން ތަމްރީން ކުރުމުން
  • ކޮންމެ އަހަރަކު ގިނަ އަދަދެއްގެ މުވައްޒަފުން ތަމްރީން ކުރޭ
  • ބޭރުގައި މަތީ ތައުލީމަށް ހަ ކުދިން މިހާރު ވެސް ކިޔަވާ

ތެދު ތެދަށް ބުނާނަމަ އިންޝުއަރެންސްގެ މައުލޫމާތަކީ ވަރަށް ފޫހި އެއްޗެކެވެ. އިންޝުއަރެންސާ ބެހޭ ވާހަކައެއް ދައްކާނަމަ އަޑުއަހާ ކަމަށް ހެދިގެން ތިއްބަސް ހަގީގަތުގައި އަޑެއް ނާހާނެ އެވެ. ނަމަވެސް ދާދިފަހުން ބޭއްވި "ގެސްޓް ހައުސް މޯލްޑިވްސް ކޮންފަރެންސުން" ގައި މިކަން ފެނުނީ ބަދަލު ވެގެން ދިޔަ ތަނެވެ. އެލައިޑުން ހުށަހަޅައިދިން ޕްރެޒެންޓޭޝަން ވެގެން ދިޔައީ މުޅިން ތަފާތު ކަމަކަށެވެ. އޮންލައިން ގޭމެއްގެ ގޮތުގައި ރާވާލި މި ޕްރެޒެންޓޭޝަންގައި އެއް ފަހަރާ 160 މީހުން ބައިވެރިވި އެވެ. މީގެ އެންމެ ހާއްސަ އެއް ކަމަކީ ޕްރެޒެންޓޭޝަން ނިމުނުއިރު، އޮތީ އިންޝުއަރެންސުގެ މައުލޫމާތު ލިބި އެ ކުންފުނި ވެސް އޮތީ އެންމެންނަށް "ފެން" ފަދަ އެއްޗަކަށް ވެފަ އެވެ. އެލައިޑުގެ މައުލޫމާތު އެ ތަނުގައި ތިބި މީހުންނަށް އެއް ފަހަރާ ލިބިގެންދިޔަ އެވެ. އެ ކުންފުނީގެ މި ތަފާތު ހިޔާލުތަކުގެ ސިއްރަކީ ކޮބައި ހެއްޔެވެ؟

"ތަފާތު މި ފަދަ އިނޮވޭޓިވް [އުފެދުންތެރި] ހަރަކާތްތަކުގެ ފަހަތުގައި ވަނީ އެލައިޑުގެ މުވައްޒަފުންނަށް ކޮންމެ އަހަރަކު ވެސް މެދުނުކެނޑި ދެމުންގެންދާ ތަމްރީންތަކާއި ޓްރެއިނިންގް ޕްރޮގްރާމްތައް،" އެލައިޑް އިންޝުއަރެންސުގެ އެމްޑީ އަހުމަދު އަމީލު ވިދާޅުވި އެވެ.

އުފެއްދުންތެރި މި ފަދަ ހިޔާލު ތަކުން ކުންފުނި މުއްސަނދި ކުރުމަށް އެލައިޑުން ދަނީ މުވައްޒަފުން ތަމްރީން ކުރަމުންނެވެ. މިއީ ކުންފުނިން އެންމެ އިސްކަންދޭ ކަމެވެ. އެ ކުންފުނީގައި 190 މުވައްޒަފުން ތިބިއިރު، އަހަރަކު ފަސް ވަރަކަށް މުވައްޒަފުން އެކި ތަމްރީންތަކަށް ފޮނުވާ ކަމަށްވެ އެވެ. މިހާރު ވެސް ހަ މުވައްޒަފަކު ދަނީ މެލޭޝިޔާގައި މަތީ ތައުލީމަށް ކިޔަވަމުންނެވެ. އެލައިޑުން މުވައްޒަފުން ބިނާ ކުރުމަށް ކުރާ މަސައްކަތުގެ ހެއްކަކީ އެލައިޑުގެ މިހާރު އެމްޑީ އަމީލް އާއި ޑީއެމްޑީ ޝަފާޒު އެވެ. މި ދެ ބޭފުޅުންނަކީ ވެސް އެލައިޑުން އުފެދި، ކުރި ފަޅައިގެން ހެދި ބޮޑުވި، މޭވާ އެވެ.

މި ފަދަ ގާބިލް އެތަށް މުވައްޒަފުންނާއެކު، 31 އަހަރުވީ އެލައިޑަކީ ރާއްޖޭގެ އިންޝުއަރެންސް ބާޒާރުގައި މިހާރު އެންމެ ގާބިލް އެއް ކުންފުންޏޭ ވެސް ބުނެވިދާނެ އެވެ. އެކި ބާވަތްތަކުގެ އިންޝުއަރެންސް ތައާރަފުކޮށް ދެމުންދާއިރު، އެ ކުންފުނީގެ އިންޝުއަރެންސް ކެޕޭސިޓީ ގާތްގަނޑަކަށް 2.3 ބިލިއަން ރުފިޔާ ފަހަނަ އަޅައި ވަނީ ގޮސްފަ އެވެ. މިއީ މި ފަދަ ވިޔަފާރި އަކަށް ބޮޑު ކުރިއެރުމެކެވެ.

އެމްޑީ އަމީލް ވިދާޅުވީ އެ ކުންފުނީގެ އިންޝުއަރެންސް ވިޔަފާރި ފުޅާ ކުރުމަށް ކޮންމެ އަހަރަކު ވެސް އެތައް މުވައްޒަފުންނެއް ތަމްރީން ކުރާ ކަމަށެވެ.

"ރާއްޖެ އާއި ރާއްޖޭން ބޭރުން ތަފާތު ވާކްޝޮޕްތަކާއި ކޮންފަރެންސްތަކުގައި މުވައްޒަފުން ބައިވެރިކުރެވޭ. މި ފަދަ އިނޮވޭޓިވް ކޯޕަރޭޓް ކަލްޗާއެއް ބިނާކުރެވިފައި މި ވަނީ ކުންފުނި ތެރޭގައި. އަޅުގަނޑުމެން ދެކޭގޮތުގައި އެލައިޑް އަބަދު ވެސް ތަފާތު ވާން ޖެހޭން،" އަމީލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބޭރުން މުވައްޒަފުންނަށް ދޭ ތަމްރީންތަކުގެ ސަބަބުން ހިންގުމަށް ބޮޑު ބަދަލެއް އަންނަމުންދާ ކަމަށެވެ.

"މުވައްޒަފުންނަށް ވަޒީފާ ދިނުމާއި، އެ މުވައްޒަފުންނަށް ޒިންމާ ހަވާލު ކުރާއިރު، އިނޮވޭޓީވް ކަލްޗާއެއްގެ ތެރޭގައި އެ މުވައްޒަފުން ފުރިހަމައަށް މަސައްކަތް ކުރާނީ އެކަމަށް ބޭނުންވާ ތަމްރީނާއި ވަސީލަތްތައް އެ މުވައްޒަފުންނަށް ދެވި، މުވައްޒަފުން ބާރުވެރި ކުރުވައިގެން، އޭރުން މުވައްޒަފުން ތަފާތު ދައްކާނެ، އެލައިޑް ތަފާތު ވަނީ މިފަދަ ކަލްޗަރއެއް އޮތީމަ،" އަމީލް ވިދާޅުވި އެވެ.

ކޮންމެއަކަސް އެލައިޑަކީ ރާއްޖޭގެ އެންމެ ބޮޑު 31 އަަހަރުގެ ޒުވާން އެލައިޑް އިންޝުއަރެންސުން މުވައްޒަފުން ބިނާ ކުރުމަށް ކުރާ މަސައްކަތުގެ ތަފާތު މި ފެންނަނީ އެވެ. ގެސްޓްހައުސް ކޮންފަރެންސުގައި ދައްކާލީ ޕްރެޒެންޓޭޝަނަކީ މީގެ ކުޑަ ހެއްކެވެ. މި ފަދަ ކަންކަމުގެ ސަބަބުން އެލައިޑުގެ ނަން ދަނީ އުފުލެމުންނެވެ.