ބިދޭސީން

ވޯކްޕާމިޓް އިންޝުއަރެންސް ބޮޑުވެ، އިތުރު ތަކުލީފުތައް!

ރާއްޖޭގައި މަސައްކަތް ކުރަން އަންނަ ބިދޭސީން ނަގަން މަޖުބޫރުވާ "ވޯކް ޕާމިޓް އިންޝުއަރެންސް" ބޮޑު ކުރަން ސަރުކާރުން ނިންމުމާއެކު، ވިޔަފާރިތަކަށް ތަކުލީފު އިތުރުވެ، ބުރައެއް ކުރިމަތިމަތިވެފައި ވެއެވެ. އެ ޝަކުވާ މިހާރު ކުރަން ވެސް ފަށައިފި އެވެ.

ރާއްޖޭގައި މަސައްކަތް ކުރަން އަންނަ ބިދޭސީން ނަގަން ޖެހޭ ވޯކް ޕާމިޓް އިންޝުއަރެންސް ޕެކޭޖް ބޮޑުވެގެން ގޮސްފައި ވަނީ އިކޮނޮމިކް މިނިސްޓްރީން އަލަށް ނިންމި އުސޫލަކާއެކުގަ އެވެ. އެ މިނިސްޓްރީން ވަނީ ވޯކް ޕާމިޓް އިންޝުއަރެންސް ޕެކޭޖުގެ އަގު މިނިސްޓްރީން ކަނޑައަޅައި، އެ އަގުގައި އިންޝުއަރެންސް ހިދުމަތް ދޭނެ ކުންފުނިތައް ހޯދަން އިއުލާނު ވެސް ކޮށްފަ އެވެ.

އިކޮނޮމިކް މިނިސްޓްރީން މި ބަދަލު ގެނައުމުގެ ކުރީގައި "ވޯކްޕާމިޓް އިންޝުއަރެންސު" ގެ ހިދުމަތް ދެނީ ހަމައެކަނި ސަރުކާރުގެ އިންޝުއަރެންސް ކުންފުނި އެލައިޑުންނެވެ. ނަމަވެސް މިހާރު ގެނެސްފައިވާ ބަދަލާއެކު މި އިންޝުއަރެންސްގެ ހިދުމަތް ދިނުމުގެ ފުރުސަތު އެހެން ކުންފުނި ތަކަށް ވެސް ލިބޭނެ އެވެ. އަދި އޯޕަން މާކެޓަށް މި ވިޔަފާރި ހުޅުވާލިއިރު މި އިންޝުއަރެންސުގެ އަގު ވެސް މިވަނީ ބޮޑު ކޮށްފަ އެވެ.

ވޯކް ޕާމިޓް އިންޝުއަރެންސުގެ އަގު ސަރުކާރުން ކޮންޓްރޯލްކޮށް "ސިލް" ކުރުމުގެ ކުރީގައި އިންޝުއަރެންސް ޕްރިމިއަމްގެ ގޮތުގައި ކުންފުނި ތަކުން ބިދޭސީ އަކަށް ދައްކަން ޖެހެނީ 550 ރ. އެވެ. ނަމަވެސް އަލަށް ނަގަން މަޖުބޫރުވާ އިންޝުއަރެންސް ޕެކޭޖާއެކު އިންޝުއަރެންސް ޕްރިމިއަމް 800 ރ. އަށް މަތިވެގެން ދެ އެވެ. އާ އުސޫލުގެ ދަށުން މިހާރު ނަގަން ޖެހެނީ 100،000 ރ. ގެ އިންޝުއަރެންސް ޕެކޭޖެކެވެ.

ވިޔަފާރި ކުންފުނިތަކަށް މާލީ ބުރައެއް

މި ބަދަލާއެކު ގިނަ އަދަދަކަށް ބިދޭސީން ގެނެސްގެން މަސައްކަތް ކުރާ ކުންފުނިތަކުގެ ހަރަދުތައް ބޮޑު ވެގެން ދިއުމުގެ އިތުރުން އިންޝުއަރެންސް ކުންފުނިތަކަށް އެ މީހުންގެ ކްލަޔަންޓުންނަށް ބޭނުންވާ އަގެއްގައި އިންޝުއަރެންސް ޕެކޭޖް ފަރުމާ ކުރުމުގެ މަގު ވެސް ބަންދު ވެގެންދާނެ އެވެ. އެހެން އިންޝުއަރެންސް ކުންފުނިތަކާއި ވިޔަފާރިތަކުގެ ޝަކުވާ ވެސް މިވަނީ އިންތިހާއަށް ބޮޑުވެފަ އެވެ.

ރާއްޖޭގައި ގިނަ އަދަދެއްގެ ބިދޭސީން ގެންގުޅޭ ކުންފުންޏެއްގެ އިސްވެރިއަކު ވިދާޅުވި ގޮތުގައި މި ބަދަލުގެ ސަބަބުން ވޯކް ޕާމިޓް އިންޝުއަރެންސް 40 ޕަސެންޓް ބޮޑު ވެގެން ދާނެ އެވެ.

"އަޅުގަނޑުމެން ހާހެއްހާ މުވައްޒަފުން ގެންގުޅޭ ކުންފުނި ތަކަށް މިއީ ބޮޑު އެއްޗެއް މި ހާލަތުގައި. އިކޮނޮމީ މިއޮތީ އެހާ ސްޓޭބަލް ހާލެއްގައެއް ނޫން. މިހެން އޮއްވާ އިންޝުއަރެންސު ޕެކޭޖު މަތިވުމަކީ ހުރިހާ ވިޔަފާރި ތަކަށް ވެސް އަންނާނެ ބުރައެއް،" ވިޔަފާރިވެރިޔާ ބުންޏެވެ.

މި ބަދަލުގެ ސަބަބުން ހަމައެކަނި އަސަރު ކުރާނީ ބޮޑެތި ކުންފުނިތަކަށް އެކަންޏެއް ވެސް ނޫނެވެ. ރާއްޖޭގައި ގަވައިދާ އެއްގޮތަށް ބިދޭސީން ގެންގުޅޭ ހުރިހާ ވިޔަފާރި ތަކަށް ވެސް މީގެ އަސަރު ކުރާނެ އެވެ. އެ މީހުން ކޮންމެ އަހަރަކު އިންޝުއަރެންސް އާ ކުރާއިރު އަތުން ދައްކަން ޖެހޭ އަދަދު މަތި ވެގެންދާނެ އެވެ. މިއީ މާލީ ބުރައެކެވެ.

އަގު ކޮންޓްރޯލް ކުރުމަކީ ގޯހެއް

ބިދޭސީން ގެންގުޅޭ ކުންފުނިތަކަށް މި ބަދަލު މާލީ އިތުުރު ބުރައަކަށް ވެގެންދާއިރު، އިންޝުއަރެންސް ވިއްކާނެ އަގެއް ކަނޑައަޅައި ސަރުކާރުން އަގު ކޮންޓްރޯލް ކުރުމަކީ މި ވިޔަފާރިއަށް އެންމެ ރަނގަޅު ގޮތް ނޫން ކަމަށް އިންޝުއަރެންސް ކުންފުނި ތަކުން ގަބޫލު ކުރެ އެވެ.

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި އިންޝުއަރެންސްގެ ވިޔަފާރި ކުރާ ދިވެހި އިންޝުއަރެންސުން ވާހަކަ ދެއްކި އިސްވެރިއަކު ވިދާޅުވި ގޮތުގައި މި ބަދަލުގެ ސަބަބުން އިންޝުއަރެންސުގެ އަގު ބޮޑު ވެގެންދާނެ އެވެ. އަދި މިކަމުގެ ސަބަބުން ކުންފުނިތަކަށް އިތުރު ބުރެއް ކުރިމަތިވާނެ އެވެ.

"އިކޮނޮމިކް މިނިސްޓްރީން އަގު ކޮންޓްރޯލް ކުރުމުން ކްލަޔަންޓުންނަށް ކުޑަ އަގެއްގައި ރަނގަޅު އިންޝުއަރެންސް ޕެކޭޖެއް ދިނުމަށް އޮތް ފުރުސަތު ބަންދުވީ. މީގެ ސަބަބުން އިންޝުއަރެންސް ޕްރިމިއަމް ބޮޑު ވާނެ. މިއީ ބޮޑު ތަކުލީފަކަށް ވާނެ،" އޭނާ ވިދާޅުވި އެވެ.

ސަރުކާރުގެ އިންޝުއަރެންސް ކުންފުނި އެލައިޑް އިންޝުއަރެންސުގެ ވިސްނުން ހުރީ ވެސް މިގޮތަށެވެ. އެ ކުންފުނިން ވެސް ގަބޫލު ކުރާ ގޮތުގައި ސަރުކާރުން އަގު ކޮންޓްރޯލް ކުރުމަކީ ހާއްސަކޮށް މިހާލަތުގައި އެންމެ ރަނގަޅު ގޮތެއް ނޫނެވެ. ނަމަވެސް އެ ކުންފުންޏަކީ ސަރުކާރު ކުންފުންޏަކަށްވުމުން ސަރުކާރުގެ މި އުސޫލާމެދު ފާޅުގައި ވާހަކަ ދައްކަން ބޭނުމެއް ނުވެ އެވެ.

ރާއްޖޭގައި ފުޅާކޮށް އިންޝުއަރެންސުގެ ވިޔަފާރި ކުރާ އެހެން ކުންފުންޏެއްގެ އިސްވެރިއަކު ވިދާޅުވި ގޮތުގައި އިންޝުއަރެންސް ޕްރިމިއަމް ބޮޑު ކުރުމުން ހަގީގީ މައްސަލަ އަށް އޮތް ހައްލެއް ނޫނެވެ.

"އިންޝުއަރެންސް ޕެޖޭޖު 550ރ. އިން 800ރ. އަށް ބޮޑު ކުރީ ހޮސްޕިޓަލަށް ގޮސް ޑޮކްޓަރަށް ދެއްކުން އިތުރު ކޮށްލައިގެން. މިސާލަކަށް ރިސޯޓަކަށް ބަލާނަމަ އެތަނުގައި އިން-ހައުސް ޑޮކްޓަރުން ތިބޭ. ކްލިނިކް ހުރޭ. ކަމެއް ދިމާވެއްޖެނަމަ އެ ތަނަށް ދައްކަނީ. ބޮޑު ކަމެއްވިއްޔާ ކުރީގެ ޕެކޭޖުން ވެސް އެޑްމިޓް ކޮށްގެން ހޮސްޕިޓަލުން ފަރުވާދެވޭ. އެހެންވެ ކޮންމެހެން ހަގީގަތުގައި ޕެކޭޖު 800ރ. އަށް ޕެކޭޖު މަތި ކުރީމަ އިތުރު ވަނީ ބަލި ވީމަ ކައިރި ރަށަކަށް ގޮސް ފަރުވާ ކުރުން އެކަނި،" އޭނާ ވިދާޅުވި އެވެ.

ރާއްޖޭގައި ފުޅާކޮށް މި ވިޔަފާރި ކުރާ ކުންފުންޏެއްގެ އެންމެ އިސްވެރިއަކު ވިދާޅުވީ އިންޝުއަރެންސް ނަގަން ބޭނުންވާ ހަގީގީ ކަންބޮޑުވުމަކީ ބަލިވުމުން އެޑްމިޓް ކުރުމާއި މަރުވުން ފަދަ ކަމެއް ދިމާވެއްޖެނަމަ ހަށިގަނޑު ފޮނުވާލުން ފަދަ ކަންކަމަށް ހައްލު ހޯދުމެވެ. އެކަން މިހާރުގެ ޕެކޭޖުން ވެސް ވެ އެވެ.

"މިހާރު ވެސް އެޑްމިޓް ކުރީމަ އިންޝުއަރެންސް ކަވަރު ކުރޭ. ބޮޑީ ފޮނުވާލެވޭ، އެހެންވެ އަޅުގަނޑު ގަބޫލު ކުރަނީ އަލަށް މަޖުބޫރުކޮށް 800ރ. ގެ ޕެކޭޖެއް ނުނެގިއަސް ހަގީގީ މަގުސަދު އެބަ ހާސިލްވޭ. އެހެންވެ މި ޕެކޭޖު ބޮޑު ކުރުމަކީ ގޯހެއް،"