ރިޕޯޓް

ފަޔާ އިންޝުއަރެންސް: ހީނުކުރާހާ މުހިންމު

Dec 28, 2020
1

ކުރު ގޮތަކަށް ބުނާނަމަ ފަޔާ އިންޝުއަރެންސްއަކީ އަލިފާނުގެ ހާދިސާއެއްގައި ތިމާގެ ގެދޮރަށް ނުވަތަ މުދަލަށް ބަދަލު ލިބޭ އިންޝުއަރެންސެކެވެ. ނަމަވެސް މި އިންޝުއަރެންސް ޕޮލިސީގައި އަލިފާނުގެ ހާދިސާތަކުގެ އިތުރުން، އެހެނިހެން މުހިންމު ހާލަތްތަކުގައި ވެސް ބަދަލު ލިބިދެ އެވެ. މިހެންކަމުން ފަޔާ އިންޝުއަރެންސް ޕޮލިސީއެއް ނަގާނަމަ މި ޕޮލިސީ އިން ތިމާ އަށް އެންމެ ފައިދާ ކުރާނެ ކަވަރޭޖެއް ހިޔާރު ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި އިންޝުއަރަންސް ތަޖުރިބާކާރުން ފާހަގަ ކުރެ އެވެ.

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ ފަޔާ އެންޑް ރެސްކިއުގެ ފާއިތުވި ތިން އަހަރުގެ ތަފާސް ހިސާބުތަކަށް ބަލާލާއިރު ޖުމްލަ 674 އަލިފާނުގެ ހާދިސާ ހިނގާފައިވާކަން ވަނީ ރެކޯޑް ކުރެވިފަ އެވެ. ދެހާސް އަށާރަ ވަނަ އަހަރު 189 އަލިފާނުގެ ހާދިސާ، 2019 ވަނަ އަހަރު 283 ހާދިސާ އަދި 2020 ވަނަ އަހަރުގެ މިއަދާ ހަމައަށް 202 އަލިފާނުގެ ހާދިސާ ވަނީ ހިނގާފައިވެ އެވެ. މީގެ ތެރެއިން ގޭބީސީތަކާ ގުޅުން ހުރި ހާދިސާ ތަކަށް ބަލާލާއިރުގައި އެންމެ ގިނަ ހާދިސާތައް ހިނގާފައިވަނީ ކައްކަން އުދާފައި ހަނދާން ނެތުމުގެ ސަބަބުންނެވެ.

މި ފަދަ ޖުމްލަ 72 ހާދިސާއެއް ހިނގާފައިވާކަން ވަނީ ފާހަގަކުރެވިފަ އެވެ. ދެވަނަ އަށް އެންމެ ގިނަ ހާދިސާތައް ހިނގާފައިވަނީ ކަރަންޓު ބޭނުންކުރުމުގައި ފަރުވާ ކުޑަ ކުރެވިގެންނެވެ. ކަރަންޓު ބޭނުން ކުރުމުގައި ސަލާމަތީ މިންގަޑުތަކާ ހިލާފަށް ބޭނުން ކުރުމާއި އަދި ފެންވަރުދަށްކޮށް އިމާރާތްތަކުގައި ކަރަންޓު ވަޔަރުކޮށް "އަންއޮތޮރައިޒްޑް ޑިވައިސްތައް" ހަރަދު ކުޑަކުރުމަށް ބޭނުންކުރުމުގެ ސަބަބުން 50 އަށް ވުރެ ގިނަ މިފަދަ ހާދިސާ ވަނީ ހިނގާފައިކަން ތަފާސް ހިސާބުތަކުން ދައްކަ އެވެ. އަދި މަދުން ނަމަވެސް ދުންފަތުގެ އިސްތިއުމާލު ކުރުމަށް ފަހު ނިއްވާނުލާ ބެލްކަނީ ނުވަތަ ވައިގޮޅިން ސިގިރެޓް ބަޓް އެއްލާލުމުން ވެސް ބައެއް ހާދިސާތައް ހިނގާފައިވެެ އެވެ

އާއްމުންގެ ތެރޭގައި އަލިފާނުގެ ހާދިސާތަކުގައި އަމަލު ކުރަންޖެހޭ ގޮތްތަކުގެ ހޭލުންތެރިކަން ކުޑަކަން ފަޔާ އެންޑް ރެސްކިޔު ސާވިސަސް އިން ފާހަގަކޮށްފައިވެ އެވެ. މިސާލަކަށް ތެޔޮތާހެއްގައި އަލިފާން ހިފައިފިނަމަ އަދިވެސް ގިނަ މީހުން އެ އަލިފާން ނިއްވާލުމަށް ފެން ޖަހަ އެވެ. އެ ފަދަ ހާލަތެއްގައި ތަވާ މަތިޖަހާލުމުން ވެސް އަލިފާންގަނޑު ކޮންޓްރޯލް ކުރެވިދާނެ އެވެ. ނުވަތަ ލޮނު އަޅައިގެން ނިވާ ލެވިދާނެ އެވެ. އަލިފާން ނިއްވާ ފުޅި ބޭނުންކުރާނަމަ ބޭނުން ކުރަންވާނީ ޑްރައި ކެމިކަލް ހިމެނޭ ފުޅިއެކެވެ. ކުރަން ނުވާނެ ކަމަކީ ފެން ޖެހުމެވެ. މިހެންކަމުން ބަދިގޭގައި އަލިފާން ނިއްވާ އާލާތްތައް ބެހެއްޓުމާއި އެ އާލާތްތައް ބޭނުންކުރަން ފަރިތަވެފައި ތިބުމަކީ ވަރަށް ވެސް މުހިންމު ކަމަކެވެ. އަލިފާން ނިވާ ފުޅި، ބްލޭންކެޓް އަދި ގޭސް އެލާމް ފަދަ އާލާތްތަތް ވަރަށް ވެސް މުހިންމެވެ. އަދި ލޯ ކުރިމަތީގައި ފެންނާނެހެން ފަޔާ އެންޑް ރެސްކިޔުގެ ހޮޓްލައިން ނަންބަރު 118 ބޮޑު އަކުރުން ގޭގައި ހަރުކުރުމަކީ ކޮންމެހެން ވެސް ކުރަންޖެހޭ ކަމެކެވެ.

ފަޔަ އިންޝުއަރަންސް ޕޮލިސީއެއް މުހިންމު ވަނީ ކީއްވެ؟

ގިނަބަޔަކު އެއްތަނަކަށް ތޮތްޖެހިފައިވާ މި ކުޑަކުޑަ މާލޭގައި އެއް އިމާރާތް މި ހުންނަނީ އަނެއް އިމާރާތާ ޖެހިގެންނެވެ. މިހެންކަމުން، އަލިފާނުގެ ހާދިސާއެއް ހިނގާ ވަގުތު، ކޮންޓްރޯލް ނުކުރެވިއްޖެނަމަ، ގިނަ ބައެއްގެ މުދާ އަނދާ އަޅިއަށް ވުމަކީ ވަރަށް ފަސޭހައިން ވެދާނެކަމެކެވެ.

މިދިޔަ އަހަރު މާލޭގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއަކުން މިކަން ވަރަށް ރަގަޅަށް އަޅުގަނޑުމެންނަށް ވަނީ ތަހައްމަލް ކުރެވިފައެވެ. ކުޑަ ހިނދު ކޮޅެއްގެ ތެރޭގައި އަލިފާން ގަނޑު ފެތުރި، ކައިރީގައި ހުރި އިމާރާތްތަކުގައި ރޯވެ، އެތައް މުދަލެއް ވީރާނާވެ، އެތައް ބަޔަކު މަގުމަތިވީއެވެ. ވަގުތީ ބޯހިޔާވަހިކަން ސަރުކާރުން ފޯރުކޮށްދޭން ޖެހުނެވެ. އަނދާ އަޅިއަށްވި ގެދޮރާއި މުދަލުގެ ބަދަލު ލިބުނީ ހަމައެކަނި ދުރާލާ ތައްޔާރުވެ އިންޝުއަރަންސް ކުރި މީހުންނަށް އެކަންޏެވެ. އެހެން މީހުން ހާލުގައި ޖެހުނީއެވެ. ބައެއް ކުންފުނިތަކުން އެ ކުންފުނީގެ މުވައްޒަފުންނަށް އެހީތެރިކަން ފޯރުކޮށްދިނެވެ. ނަމަވެސް ކުއްޔަށް ދިރިއުޅެމުންދިޔަ މީހުންނަށް މާބޮޑު ގޮތެއް ނުފެނި، ލާނެ އަންނައުނެއްވެސް ނެތި ހާލުގަ ޖެހުނީ އެވެ.

މާލެ ސަރަހައްދުގައި ގެދޮރުވެރިން ގެދޮރު އިމާރާތް ކުރަނީ ބޭންކުން ލޯނެއް ނަގައިގެން ނުވަތަ ކޮންމެވެސް ވިޔަފާރިވެރިއަކާއިއެކު އެއްބަސްވުމަކަށް ގޮސްގެންނެވެ. ބޭންކުން ލޯނެއް ނަގާނަމަ، ބޭންކުން އިމާރާތް އިންޝުއަރަންސް ކުރަން ލާޒިމް ކުރެއެވެ. ނަމަވެސް މިފަދަ ހާލަތްތަކުގައި އަގުހެޔޮ ކޮށްލުމަށް، ގޭގެ ވެރިފަރާތުން ނަގަނީ އެންމެ އާދައިގެ ފަޔަރ އިންޝުއަރަންސް ޕޮލިސީއެކެވެ. ޕޮލިސީގައި އިމާރާތުގެ ހަމައަގު ކަވަރުކުރެވިފައެެއް ނޯވެއެވެ. ލޯނު ދައްކާ ނިމުމުން އިންޝުއަރަންސް އާ ކުރުންވެސް މަޑު ޖައްސާލަ އެވެ. ނަމަވެސް އަލިފާނުގެ ހާދިސާއެއްް ހިނގައިގެން ފަޅި ސިކުންތު ކޮޅެއް ތެރޭގައި މިލިއަނުން ހަރަދުކޮށް ބިނާކުރި އިމާރާތާއި މުދާ އަނދާ އަޅިއަށް ވެގެންދާއިރު ދެން ކުރެވޭނެ މާބޮޑު ކަމެއް ނޯވެ އެވެ. ބައެއް ހާދިސާ ތަކުގައި އިމާރާތުގައި އަލިފާން ނުހިފި ކަމުގައި ވިނަމަވެސް ދުމުގެ އަސަރު ކުރުމާއި، ހޫނުގެ ސަބަބުންވެސް ބޮޑެތި ގެއްލުންތައް ވެއެވެ. މިހެންކަމުން ފަޔަރ އިންޝުއަރަންސް ޕޮލިސީ އެއް ނެގުމަކީ ވަރަށް މުހިންމު ކަމެކެވެ. އަހަރުން އަހަރަށް އިމާރާތުގެ ހަމައަގަށް ވާވަރަށް ކޮންމެހެން ވެސް އިންޝުއަރަންސް ކުރަން ޖެހެ އެވެ. އިމާރާތުގެ ހަމަ އަގަށް އިންޝުއަރަންސް ކޮށްގެން ނޫނީ އިންޝުއަރަންސްގެ ފުރިހަމަ މަންފާ ނުލިބިދާނެ އެވެ

ފަޔާ އިންޝުއަރަންސް ޕޮލިސީއަކުން ކަވަރޭޖް ލިބޭ ހާލަތްތައް

ފަޔާ އިންޝުއަރަންސް ޕޮލިސީގެ ނަމުގައި 'ފަޔާ" މި ބަސް ހިމެނިފައިވި ނަމަވެސް މި ޕޮލިސީ އިން ބަދަލު ލިބެނީ ހަމައެކަނި އަލިފާނުގެ ހާދިސާ އަކުން އެކަންޏެ އްނޫނެވެ. އަލިފާނުގެ ހާދިސާތަކުގެ އިތުރުން ހޮނުއެޅުމުގެ ސަބަބުން އިމާރާތަށް އަދި މުދަލަށް ލިބޭ ގެއްލުމާއި، އެއްޗެއް ގޮވައިގެން، މިސާލަކަށް ގޭސްފުޅި ގޮވުން ފަދަ ގޮވުން ތަކުން ލިބޭ ގެއްލުމުގެ ބަދަލުވެސް މި ޕޮލިސީގައި ހިމެނެ އެވެ. މީގެ އިތުރުން އެ އިމާރާތެއްގައި ނުވަތަ އިމާރާތް ހުންނަ ސަރަހައްދެއްގައި މުޒާހަރާއެއް ނުވަތަ ހަޅުތާލެެއްކޮށް، އެކަމުގެ ސަބަބުން އިމާރާތަށް ނުވަތަ މުދަލަށް ލިބޭ ގެއްލުމުގެ ބަދަލާއި ގަސްތުގައި ބަޔަކު ނުވަތަ މީހަކު އިމާރާތަށް ނުވަތަ މުދަލަށް ދޭ ގެއްލުމުގެ ބަދަލުވެސް ފަޔަރ އިންޝުއަރަންސް ޕޮލިސީގައި ހިމެނެ އެވެ.

ހުޅުމާލެ ފަދަ ރަށަކަށް ބަލާނަމަ، ބޯމަތިން އަބަދުހެން މަތިންދާބޯޓް ދަތުރުކުރެއެެވެ. ފަޔަރ އިންޝުއަރަންސް ޕޮލިސީގައި މަތިންދާބޯޓެއް އިމާރާތަށް ވެއްޓިއްޖެނަމަ، ނުވަތަ މަތިންދާ ބޯޓަކުން ވެއްޓޭ އެއްޗަކުން އިމާރާތަށް ނުވަތަ މުދަލަށް ލިބޭ ގެއްލުން ވެސް ކަވަރު ކުރާނެ އެވެ. ހަމަ މިއާއިއެކު އެއްގަމު އުޅަނދެއް ކޮންޓްރޯލުން ނައްޓައިގެން އިމާރާތަށް މުޑިއަރައިގެން އިމާރާތަށް ލިބޭ ގެއްލުންވެސް މި ޕޮލިސީއިން ކަވަރު ކުރެ އެވެ. މި ފަދަ ހާދިސާތައް މަދުން ނަމަވެސް މިހާރު ހިނގަ އެވެ. ގިނައިން ހިނގާ ހާދިސާތަކަށް ބަލާނަމަ، ގުދްރަތީ ހާދިސާތައް، މިސާލަކަށް ތޫފާންތަކުގެ ސަބަބުން ލިބިދާނެ ގެއްލުންތަކާއި، ވައްކަން ކުރުމަށް އިމާރާތަށް ވަނުމަށް އިމާރާތަށް ގެއްލުންދިނުމާއި، އެ ވައްކަމުގެ ސަބަބުން ލިބޭ ގެއްލުންތައްވެސް ފަޔާ އިންޝުއަރަންސް ޕޮލިސީއަކުން ކަވަރު ކުރުމުގެ ފުރުސަތު ގޭގެ ވެރި ފަރާތަށް އޮންނާނެ އެވެ.

ކުއްޔަށް ދީގެން ލިބޭ އާމްދަނީ ކަވަރުކޮށްދޭ

އިމާރާތުގައި ދިރިއުޅެން ފެށުމުގެ ކުރިން ނުވަތަ ކުއްޔަށް ދިނުމުގެ ކުރިން ފަޔާ އިންޝުއަރަންސް ޕޮލިސީއެއް ނެގުމަކީ ވަރަށް ވެސް މުހިންމު ކަމެކެވެ. ސަބަބަކީ ބަޔަކު މީހުންނަށް ބޮޑު އަގުގައި ދިރިއުޅެން ކުއްޔަށް ދޫކުރާއިރު އެމީހުންގެ ފަރާތުން މެދުވެރިވެދާނެ ކަމަކަަށް ތައްޔާރުވުމާއި އެ މީހުންނަށް ދިމާވެދާނެ ދެރައަކަށް ގޭގެ ވެރިފަރާތުން ތައްޔާރުވުމެވެ. އަލިފާނުގެ ހާދިސާއެއް ހިނގައިިފިނަމަ ކުއްޔަށް ދީގެން ހޯދަމުން ދިޔަ އާމްދަނީ ހުއްޓޭނެ އެވެ. އަދި ކުއްޔަށް ދިރިއުޅެމުން ދިޔަ މީހުން މަގުމަތިވެދާނެއެވެ. ފަޔަރ އިންޝުއަރަންސް ޕޮލިސީއެއް ނަގާފައިވާނަމަ ކުލީގެ ގޮތުގައި ލިބެމުން ދިޔަ އާމްދަނީގެ ބަދަލު ހޯދުމުގެ ފުރުސަތު ވެރި ފަރާތަށް އޮންނާނެއެވެ. އަދި ކުއްޔަށް އުޅެމުން ދިޔަ މީހުންނަށް ވަގުތީ އެކޮމޮޑޭޝަން ވަކި މުއްދަތަކަށް އިންޝުއަރަންސް އިން ހަމަޖައްސައިދެވިދާނެ އެވެ. މި ދެ ހާލަތަގައި ބަދަލު ލިބޭނީ ފަޔާ އިންޝުއަރަންސް ޕޮލިސީ ނަގާ ވަގުތު، 'ލޮސް އޮފް ރެންޓް' އަދި 'އޮލޓަރނޭޓިވް އެކޮމޮޑޭޝަން' ޕޮލިސީގައި ހިމެނުމުންނެވެ. މީ އިހުތިޔާރީ ދެ ހިދުމަތެވެ

ކުއްޔަށް ދިރިއުޅޭ ފަރާތްތަކުގެ މުދަލަށް ރައްކާތެރިކަން

މީގެ އިތުރުން ކުއްޔަށް ދިރިއުޅޭ ފަރާތްތަކުގެ މުދާ ވެސް ވަކިން އިންޝުއަރަންސް ކުރެވޭނެ އެވެ. ކުއްޔަށް އުޅޭ ފަރާތްތަކުގެ އައިސް އަލަމާރި، ބެޑްރޫމް ސެޓާއި އެއާ ކޮންޑިޝަން އަދި ޓީވީ ފަދަ މުދާ އިންޝުއަ ކުރުމަށް ބާރުއެޅުމަކީ ކުރެވޭނެ ހެޔޮ ކަމެކެވެ. ގޭގެ ވެރިފަރާތުގެ ފަޔާ އިންޝުއަރަންސް ޕޮލިސީގައި ކުއްޔަށް އުޅޭ މީހުންގެ މުދަލެއް ނުހިމެނޭނެ އެވެ. ނަމަވެސް 200،000 ގެ މުދާ އިންޝުއަ ކޮށްލަން ރާއްޖޭގެ މާކެޓްގައި މިއަދު އަހަރަކަށް ނަގަނީ އެންމެ 200ރ. އެވެ. މީ ކުއްޔަށް އިމާރާތަށް ވަންނަ މީހުންނަށް ދެވިދާނެ އަގު ހުރި އިރުޝާދެކެވެ.

މާލެ ފަދަ އަލިފާނުގެ ހާދިސާއެއްގެ ނުރައްކާ ބޮޑު ތަނެއްގައި ފަޔަރ އިންޝުއަރަންސްގެ ރައްކާތެރިކަން ބޭނުންވާނީ ކޮން ދުވަހަކު ކޮން ވަގުތަކު ކަމެއް ނޭގޭނެ އެވެ. މިތަނުގައި އުޅެވޭނީ އަމިއްލަ ރައްކާތެރިކަމާއިއެކު އަނެކާގެ ރައްކާތެރިކަމަށްވެސް ދުރާލަ ވިސްނާ ފިޔަވަޅު އަޅައިގެންނެވެ.

އެޑިޓަރުގެ ނޯޓް: އެލައިޑް އިންޝުއަރެންސުގެ ޖެނެރަލް ކްލެއިމްސް މަރިޔަމް ނަޒްރާއަކީ މެލޭޝިއަން އިންޝުއަރަންސް އިންސްޓިޓިއުޓްގެ ހަމައެކަނި އަންހެން އެސޯސިއޭޓް އެވެ. އެލައިޑުގެ ހިދުމަތުގައި 13 އަހަރު ހޭދަކުރައްވާފައި ވާއިރު، ނަޒްރާ މިވަގުތު ބަލަހައްޓަމުންގެންދަނީ ކްލެއިމްސް ޑިޕާޓްމަންޓުން ފޯރުކޮށްދެމުންދާ ހިދުމަތްތައް ހަރުދަނާކަމާއި އެކު ހިނގާނެ ގޮތަށް ކަންކަން ރާވާ ބެލެހެއްޓުމުގެ މަސައްކަތެވެ.