ބޮލީވުޑް

"އެމްއެސް ދޯނީ" ޕާކިސްތާނުގައި ދެއްކުން މަނާކޮށްފި

Sep 29, 2016

ކަޝްމީރުގައި ޕާކިސްތާނުން ދިން ހަމަލާގައި އިންޑިއާގެ ސިފައިންގެ 18 މީހަކު މަރުވުމާއި ގުޅިގެން ޕާކިސްތާނާއި އިންޑިއާގެ ސިޔާސީ މަޝްރަހު ހޫނުވެ، އިންޑިއާގެ ސިޔާސީ ޕާޓީ މަހަރަޝްތުރާ ނަވްނިރްމަން ސޭނާ (އެމްއެންއެސް) އިން ވަނީ ބޮލީވުޑްގައި މަސައްކަތްކުރަމުން އަންނަ ޕާކިސްތާނުގެ އެކްޓަރުން 48 ގަޑިއިރުގެ ތެރޭގައި އެގައުމުން ފުރަން އިންޒާރުދީފަ އެވެ.

އެމްއެންއެސްގެ އިންޒާރާއެކު އިންޑިއާގެ މުމްބައިގައި ތިބި ޕާކިސްތާނުގެ ތަރިން އަނބުރާ ގައުމަށް ގޮސްފައިވާއިރު، އިންޑިއާގެ ވެރިކަން ކުރާ ޕާޓީ އާއި އެމްއެންއެސްއިން އަންނަނީ ޕާކިސްތާނުގެ އެއްވެސް ތަރިއަކަށް ބޮލީވުޑުން ފުރުސަތެއް ނުދޭނެ ކަމަށް ބުނަމުންނެވެ.

ޕާކިސްތާނުގެ ތަރިން އިންޑިއާއިން ބޭރުކުރުމުން އެގައުމުން ވެސް އެކަމާ ނުރުހުން ފާޅުކުރަމުން އަންނައިރު، އިންޑިއާގެ މަޝްހޫރު ކްރިކެޓްކުޅުންތެރިޔާ މެހެންދްރަ ސިންގް ދޯނީގެ ހަޔާތުގެ މައްޗަށް އުފައްދާފައިވާ ފިލްމު "އެމްއެސް ދޯނީ: ދި އަންޓޯލްޑް ސްޓޯރީ" މިހުކުރު ދުވަހު ރިލީޒްކުރުމަށް ހަމަޖެހިފައިވާއިރު މިފިލްމު ޕާކިސްތާނުގައި ރިލީޒްނުކުރާނެ ކަމަށް އެގައުމުގެ ޑިސްޓްރިބިއުޓަރުން މިވަނީ ބުނެފަ އެވެ.

ޒުވާން އެކްޓަރު ސުޝާންތް ސިންގް ރާޖްޕުތް ދޯނީގެ ރޯލު ކުޅެފައިވާ މިފިލްމު ޕާކިސްތާނުގައި ދެއްކުން މަނާކޮށްފައިވާ ކަމަށް އެގައުމުގައި ހިންދީ ފިލްމުތައް ޑިސްޓްރިބިއުޓްކުރާ އައިއެމްޖީސީ ގްލޯބަލް އެންޓަޓެއިންމަންޓްއިން ވަނީ ބުނެފަ އެވެ.

"އެމް އެސް ދޯނީ" ޕާކިސްތާނުގައި ނާޅުވާނެކަން ހާމަކުރަމުން އެކުންފުނީގެ ޗެއާމަން ވަނީ އިންޑިއާ އާއި ޕާކިސްތާނުގެ ދެމެދުގައި މިހާރު ހުރި ކަންބޮޑުވުންތަކުގެ ސަބަބުން މިފިލްމު އެގައުމުގެ ރިލީޒްނުކުރަން ނިންމާފައިވާ ކަމަށް ބުނެފަ އެވެ.

ަޕާކިސްތާނަކީ ހިންދީ ފިލްމުތައް ބޭރުދުނިޔޭގެ ގައުމުތަކުގައި އަޅުވައިގެން ތިންވަނަ އަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ ގައުމެވެ. އެހެންކަމުން ޕާކިސްތާނުގައި މިފިލްމު ނޭޅުވޭނެ ކަމަށް ނިންމުމުން ފިލްމަށް ލިބޭ ޖުމްލަ އާމްދަނީގެ އަދަދަށް އަސަރުކުރާނެ ކަމަށް ލަފާކުރެވެ އެވެ. އަދި ޕާކިސްތާނުގައި ކުރިއަށް އެޅުވުމަށް ހަމަޖެހިފައިވާ ފިލްމުތަކުގެ ލިސްޓުގައި ވެސް މިފިލްމު މީގެކުރިން ހިމަނާފައިވެސް ނުވާ ކަމަށްވެ އެވެ.


ޔޫރީ އެޓޭކަށްފަހު ޕާކިސްތާނުގެ ތަރިން އުޅޭ ހިންދީ ފިލްމުތައް ވެސް އިންޑިއާގައި ރިލީޒްވިޔަނުދޭނެ ކަމަށް ބުނެފައިވާއިރު، އިންޒާރުދޭ ފިލްމުތަކުގެ ތެރޭގައި އަންނަ މަހު ރިލީޒްވާ ފަވަދް ޚާން މުހިންމު ރޯލެއް ކުޅެފައިވާ "އެއި ދިލްހޭ މުޝްކިލް" އާއި ޝާހްރުކް ޚާނާއެކު ބަތަލާ މާހިރާ ފެނިގެންދާ "ރައީސް" ހިމެނެ އެވެ. މިދެފިލްމުގައި ފަވަދް އާއި މާހިރާގެ މަންޒަރުތައް އުނިކުރުމުން ނޫނީ ފިލްމު އިންޑިއާގައި ރިލީޒްނުކުރެވޭނެ ކަމަށް އަންނަނީ ބުނެ އިންޒާރުދެމުންނެވެ.

އިންޑިއާ އާއި ޕާކިސްތާނުގެ މައްސަލަ ހޫނުވުމުން މިމަމަހުގެ 23 ވަނަ ދުވަހު ޕާކިސްތާނުގެ ވަކީލަކު ވަނީ ކަޝްމީރުގެ މައްސަލައިގައި ދެގައުމުން އެއްބަސްވުމަކަށް ނާދެވެނީސް އިންޑިއާގެ އެއްވެސް ފިލްމެއް ޕާކިސްތާނުގައި ރިލީޒްކުރުން ހުއްޓާލުމަށް އެދި ލާހޯރް ހައިކޯޓަށް ޕެޓިޝަނެއް ހުށަހަޅާފަ އެވެ.

މިމައްސަލަ ހުށަހެޅި ޕާކިސްތާނުގެ ވަކީލު ވަނީ މިފަދަ ދަނޑިވަޅެއްގައި ބޮލީވުޑްގެ ފިލްމުތައް ޕާކިސްތާނުގައި ދެއްކުމުން އެގައުމާއި ކަޝްމީރުގެ މީހުންގެ ހިތްތަކަށް އަސަރުކުރާނެ ކަމަށް ބުނެފަ އެވެ.

އެމްއެންއެސްއިން އާދިއްތަ ދުވަހު ވަނީ ޕާކިސްތާނުގެ އެކްޓަރުން އިންޑިއާއިން ބޭރުވާންދިން 48 ގަޑިއިރުގެ ތެރޭގައި އެގައުމުން ބޭރުވެފައިވާ ކަމަށް ބުނެފަ އެވެ.