ބޮލީވުޑް

އައިޝްވާރިޔާގެ ބޮޑު ބްރޭންޑެއް ޕްރިޔަންކާއަށް

Sep 30, 2016

ބޮލީވުޑްގެ މަޝްހޫރު ބަތަލާ އަދި ކުރީގެ ރީތީގެ ރާނީ އައިޝްވާރިޔާ ރާއީ ފުރަތަމަ ދަރިފުޅަށް ބަލިވެއިނދެ ފިލްމުކުޅުމާ ދުރަށް ދިޔަ ނަމަވެސް އޭނާގެ ވިދުން ފަނޑުވާ ގޮތެއް ނުވި އެވެ.

ފަސް އަހަރުގެ ބްރޭކަކަށްފަހު އަލުުން އައިޝްވާރިޔާ ފިލްމު ކުޅެން ފަށާފައިވާއިރު، އޭނާގެ ދެ ފިލްމެއް ރިލީޒްވެ އަދި ތިން ވަނަ ފިލްމު އަންނަ މަހުގެ ތެރޭގައި ރިލީޒްވުމަށް ވަނީ ހަމަޖެހިފަ އެވެ.

އައިޝްވާރިޔާގެ ރީތީ ކަމާއި އޭނާގެ މަގުބޫލު ކަމާހެދި އިންޓަނޭޝަނަލް ބިއުޓީ ބްރޭންޑް ލޯރިއަލްގެ ބްރޭންޑް އެމްބެސެޑަރެއްގެ ގޮތުގައި އޭނާ ހަރަކާތްތެރިވަމުން އަންނަތާ ގާތްގަނޑަކަށް ތޭރަ އަހަރުވެފައިވާއިރު، ލޯރިއަލްގެ ބްރޭންޑް އެމްބެސެޑަރެއްގެ ގޮތުގައި އައިޝްވާރިޔާގެ ބަދަލުގައި ޕްރިޔަންކާ ހަމަޖެއްސުމަށް ވަނީ ނިންމާފަ އެވެ.

އައިޝްވާރިޔާ މިހާ ގިނަ އަހަރުތަކެއް ވަންދެން އެންޑޯސްކޮށްފައިވާ މި ބްރޭންޑުން އޭނާ ވަކިކޮށް ޕްރިޔަންކާ އެ ބްރޭންޑުގެ މޫނުގެ ގޮތުގައި ހަމަޖައްސަން ނިންމީ އޭނާގެ މަގުބޫލުކަން ހޮލީވުޑްގައި ވެސް އިންތިހާ އަށް ބޮޑުވުމާއި އައިޝްވާރިޔާ އަށް ވުރެން ޒުވާން ތަރިއެއް ހަމަޖެއްސުމަށް ބޭނުން ވުމުންނެވެ.

ސްޕޮޓްބޯއީގައި ބުނެފައިވާ ގޮތުގައި ލޯރިއަލްގެ ބްރޭންޑް އެމްބެސެޑަރަކަށް ޕްރިޔަންކާ ހަމަޖައްސަން ނިންމީ އޭނާ އަށް ހޮލީވުޑުން ލިބެމުން އަންނަ ތަރުހީބުގެ ސަބަބުން އޭނާގެ މަގުބޫލުކަން މުޅި ދުނިޔޭގައި ވެސް ދުވަހެއް ދުވަހަކަށް ބޮޑުވަމުން އަންނާތީ އެވެ. އަދި މިހާރު ޕްރިޔަންކާ އެމީހުންގެ ބްރޭންޑް އެމްބެސެޑަރަކަށް ހަމަޖެއްސުމުގެ ގޮތުން ބައްދަލުކޮށް އެކަމާ ގުޅޭގޮތުން މަޝްވަރާވެސް ކޮށް، ބްރޭންޑް އެމްބެސެޑަރަކަށް ހަމަޖެއްސުމުގެ އެންމެފަހުގެ ކަންތައްތައް ނިންމުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށްވެ އެވެ.

ހޮލީވުޑްގެ ފުރަތަމަ ޝޯ "ކުއަންޓިކޯ" އާއި ފުރަތަމަ ފިލްމު "ބޭވޮޗް" އަށްފަހު އިޝްތިހާރުތައް ކުޅެދޭ އަގު ވެސް ޕްރިޔަންކާ ބޮޑު ކޮށްފައިވާއިރު، އެ އަގާއެކު އެނާ މިބްރޭންޑްގެ އެމްބެސެޑަރަށް ހަދަން ތައްޔާރަށް އޮތް ކަމަށް ވެސް ބުނެފައިވެ އެވެ.

މޭކަޕްގެ އެކި ސާމާނުގެ އިތުރުން ހެއާކެއާ އާއި ސްކިން ގިނަ ޕްރޮޑަކްޓްސްތަކެއް ވެސް އުފައްދާ ލޯރިއަލްއިން އިންޑިއާއަށް ކަނޑައަޅާފައިވާ އެމްބެސެޑަރުންގެ ތެރޭގައި ހިމެނެނީ އައިޝްވާރިޔާ އާއި ސޯނަމް ކަޕޫރު އަދި ކެޓްރީނާ ކައިފް އެވެ.

ކޮންމެ އަހަރަކު އެއްފަހަރު ބާއްވާ އެންމެ ބޮޑު ފިލްމު ފެސްޓިވަލް ކާންސްގެ ރެޑް ކާޕެޓްގައި ވެސް އެމްބެސެޑަރުންގެ ގޮތުގައި މިތަރިން ހިނގާލަ އެވެ.