ހަބަރު

އެސްޓީއޯގެ ދަށަށް މިފްކޯ ބަދަލު ކުރަން ނިންމައިފި

  • މިފްކޯ އޮތީ 300 މިލިއަން ރުފިޔާގެ އިކުއިޓީއެއްގައި
  • މަސްވެރިންނަށް ދޭން ޖެހޭ ދެ މިލިއަން ރުފިޔާ
  • އެ ފައިސާ ބަޖެޓުން ދޭން ނިންމި

ސަރުކާރުގެ މައި މަސް ކުންފުނި، މިފްކޯ އެސްޓީއޯގެ ދަށަށް ބަދަލު ކުރުމަށް ކެބިނެޓުން ނިންމައިފި އެވެ. އަދި މިފްކޯއިން މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ވެސް ދައުލަތުގެ ބަޖެޓުން އެކީ ދީ ހަލާސްކުރުމަށް ވެސް ކެބިނެޓުން ވަނީ ނިންމައިފަ އެވެ.

އިކޮނޮމިކް ކައުންސިލްގެ ކޯޗެއާ، ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ ވިދާޅުވީ، މިފްކޯއިން އެންމެ ބޮޑު ހަރަދެއް ކުރަން ޖެހެނީ ތެލަށް ކަމަށް ވާއިރު އެސްޓީއޯ އަކީ އެ ވިޔަފާރި ކުރަމުން އަންނަ ކުންފުންޏެއް ކަމަށެވެ. އަދި އެސްޓީއޯގެ ދަށަށް މިފްކޯ ބަދަލު ކުރުމުން އެ ކުންފުނި ހިންގުމުގެ ހަރަދު ކުޑަކުރެވޭނެ ކަމަށް ވެސް ޝައިނީ ވިދާޅުވި އެވެ. އަދި ވިދާޅުވީ މިފްކޯއަށް ކުރިމަތިވި މާލީ މައްސަލަތަކާ ގުޅިގެން މަސްވެރިންގެ އަތުން ކްރިޑިޓަށް މަސްގަނެ، ނުދައްކާ ދެ މިލިއަން ރުފިޔާ އެބަ ހުރި ކަމަށާއި އެ ފައިސާ ބަޖެޓުން މަސްވެރިންނަށް ދީ ހަލާސްކުރުމަށް ކެބިނެޓުން ނިންމެވި ކަމަށެވެ.

"މިއަދުން މިއަދަށް އެ ފައިސާ ދީ ހަލާސްކޮށް، މުޅިން އާ ފެށުމަކުން އެސްޓީއޯގެ ދަށުން އެ ކުންފުނި ރިސްޓަކްޗާކޮށް ހިނގަމުން ދާނީ،" މިނިސްޓަރު ވިދާޅުވި އެވެ.

އިކޮނޮމިކް ކޮމިޓީގެ ޗެއާ އަހުމަދު ޒުހޫރު ވިދާޅުވީ، މިފްކޯ އެސްޓީއޯއިން ހިންގަން ފެށުމުން ދައުލަތުގެ ބަޖެޓުން އެ ކުންފުންޏަށް ދޭން ޖެހޭ ސަބްސިޑީ ވަރަށް ބޮޑަށް ކުޑަކުރެވޭނެ ކަމަށެވެ. އަދި އެސްޓީއޯ ފަދަ ވަރުގަދަ ކުންފުންޏަކުން މިފްކޯ ހިންގަން ފެށުމުން އޭގެ ސަބަބުން މިފްކޯގެ އޮޕަރޭޝަންތައް ވެސް ވަރުގަދަ ވެގެންދާނެ ކަމަށެވެ. އަދި މިފްކޯ އަކީ ބޭރު ފައިސާ ލިބޭ ކުންފުންޏަކަށް ވާއިރު، އެސްޓީއޯއަށް ވެސް އެކަމުން ފައިދާ ކުރާނެ ކަމަށް ވިދާޅުވި އެވެ.

"މިހާރު ވެސް މިފްކޯގެ ބުކްސްއަށް ބަލާއިރު 300 މިލިއަން ރުފިޔާ ނެގެޓިވް އިކިއުޓީއެއްގައި މި އޮތީ. އެހެން ވީމާ އަޅުގަނޑުމެންނަކަށް ނެތް ކުންފުނި ރިސްޓްރަކްޗާ ނުކޮށް ހިންގޭކަށް ވެސް. އެކަން ކުރަން ޖެހެނީ ކުންފުނި ރިސްޓްރަކްޗާ ކުރަން. އެގޮތުގެ މަތިން މި ބަދަލު ގެނައީ،" ޒުހޫރު ވިދާޅުވި އެވެ.

ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ވިދާޅުވީ، މިފްކޯ ހިންގުމުގެ ސަބަބުން މަތި މައްޗަށް ދަރަނި އަންނަމުން ދާ ކަމަށާއި ސަރުކާރުގެ ވިސްނުމަކީ އެކަން ހުއްޓުވުން ކަމަށެވެ. އަދި ބޭރުގެ އެހީއެއް ވެސް މިފްކޯއަށް ލިބެން އަންނަނީ، ރިސްޓްރަކްޗާ ކުރެވިގެން ކަމަށް މުނައްވަރު ވިދާޅުވި އެވެ. އެގޮތަށް މަސައްކަތް ކުރެވިއްޖެ ނަމަ، ބޭރުގެ ފަރާތްތަކުން ވެސް މިފްކޯއަށް އެހީވާން ފައިސާގެ އެހީ ދިނުމަށް ތައްޔާރަށް ތިބި ކަމަށް އޭނާ ވިދާޅުވި އެވެ.