ހަބަރު

ހައުސިން ޔުނިޓްތައް ހުއްޓިފައި ހުރީ ސިޔާސީ ހިޔާލުތަފާތުވުމާ ހެދި: ރައީސް

ހުޅުމާލޭ ގައި 1500 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ނުފެށި އޮތީ ސިޔާސީ ހިޔާލު ތަފާތުވުންތަކެއްގެ ތެރޭގައި އެ މަޝްރޫއު ތާށިވެފައި އޮތުމުން ކަަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.

އެ ފްލެޓްތަކުގެ ބިންގާ އެޅުމަށް މިއަދު ހުޅުމާލޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ މިއަދު ފަށާ ފްލެޓްތަކުގެ މަޝްރޫއުގެ އެއް މަގުސަދަކަށް ވާނީ އަތޮޅުތަކުން އައިސް މާލޭގައި އުޅޭ މީހުންނަށް ހެޔޮ އަގުގައި ބޯހިޔާވަހިކަމެއް ހޯދައިދިނުމެވެ. އަދި އެކަމުގެ ސަބަބުން އެފަދަ ފަރާތްތަކަށް އިގްތިސާދީ ގޮތުން ފުރުސަތުތައް ހުޅުވިގެން އަންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"ގެ ދޮރުވެރިކަން ތަނަވަސް ކޮށްދެނީ މާލޭގައި ދިރިއުޅުމަކީ އަގު ބޮޑު ކަމަށްވެފައި އެހެންވެ އަތޮޅު ތެރެއިން އިގްތިސާދީ ފުރުސަތުތަކުގައި ބައިވެރިވަން ތިބި ފަރާތްތަކަށް އެއްވެސް ކަހަލަ ތަފާތު ކަމެއް ނެތި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުމަށް،" ރައީސް ވިދާޅުވި އެވެ.

ހުޅުމާލޭގައި މިއަދު އިފްތިތާހު ކުރި 1500 ފްލެޓުގެ މަސްރޫއުގެ ދަށުން ހުޅުމާލޭގައި 704 ފްލެޓެއް އަޅާނެ އެވެ. އަދި ސަރުކާރުގެ އަމާޒަކީ ފަސޭހަ ނިޒާމެއްގެ ދަށުން ފްލެޓްތައް އެޅޭނެ އިންތިޒާމެއް ހަމަޖެއްސުން ކަމަށް ރައީސް ވިދާޅުވި އެވެ. ހުޅުމާލެ ހިއްކުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް މި މަހުގެ ތެރޭގައި ފަށާނެ އެވެ. ރައީސް ވިދާޅުވި ގޮތުގައި އެ މަޝްރޫއުގެ ސަބަބުން ހުޅުމާލެއަށް މީގެ ކުރިން ލިބިފައި ނުވާ ފަދަ ބޮޑެތި ތަރައްގީތަކެއް އަންނާނެ އެވެ. އަދި ޕްލެޓް އެޅުމުގެ މަޝްރޫއުތަކުގެ އިތުރަށް ބްރިޖް ފަދަ އުމްރާނީ ބޮޑެތި މަސައްކަތްތަކެއް ފެށޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. 

"ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ފެށިގެން ދާއިރު އިތުރު ހުޅުމާލެއެއް އުފެދިގެން ދާނެ. އުފެދިގެން ދިޔާމަ މިތަނަށް އަންނާނީ ހަމައެކަނި މިކަހަލަ 1500 ހައުސިން ޔުނިޓުގެ މަޝްރޫއެއް ނޫން. މިކަހަލަ އެތައް މަޝްރޫއެއް އަންނާނެ،" ރައީސް ވިދާޅުވި އެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިއްކުމުގެ މަސައްކަތް ނިމުމުން ހުޅުމާލޭގައި ގިނައިން އަޅާނީ ސޯޝަލް ހައުސިން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އަދި ވިދާޅުވީ ތަނަވަސްކަމުގެ އަހުލުވެރިންނަށްވެސް ހުޅުމާލޭން ބޯހިޔާވަހިކަން ލިބޭނެ ކަމަށެވެ.

އެ ރަސްމިއްޔާތުގައި ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ގޮތުގައި ޗައިނާ މެޝިނަރީ އިންޖެނިއަރިން ކޯޕަރޭޝަނުން އަޅާ އެ ފްލެޓްތަކުގެ މަސައްކަތް 18 މަސް ދުވަހުގެ ތެރޭގައި ފަށާނެ އެވެ. އަދި ފްލެޓްތަކުގެ ބާކީހުރި 796 ފްލެޓް ހަތަރު އަތޮޅެއްގައި އަޅަން ނިންމާފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.