ބޮލީވުޑް

ސަލްމާންގެ ފިލްމުން ފަވަދް ބޭރުކޮށްލީތަ؟

Sep 30, 2016

ބޮލީވުޑްގައި ޕާކިސްތާނުގެ އެކްޓަރުންނަށް ހަރަކާތެރި ނުވެވޭނެ ކަމަށް ބުނެ އިންޑިއާގެ ސިޔާސީ ޕާޓީ މަހަރަޝްތުރަ ނަވްނިރްމަން ސޭނާ (އެމް.އެން.އެސް) އާއި ވެރިކަންކުރާ ބީޖޭޕީއިން އެތަރިންނަށް އިންޒާރު ދީ 48 އަށް ގަޑިއިރުގެ ތެރޭގައި އެގައުމުން ބޭރުކޮށްލާފައިވާއިރު، ޕާކިސްތާނުގެ ތަރިން ހިމެނޭ ފިލްމުތައް ވެސް އިންޑިއާގައި ރިލީޒް ނުކުރެވޭނެ ކަމަށްވެސް އަންނަނީ ބުނަމުންނެވެ.

ޕާކިސްތާނުގެ މަޝްހޫރު އެކްޓަރު ފަވަދް ޚާން ކުރިއަށް ކުޅެން ހަމަޖެހިފައިވާ ފިލްމުތަކުގެ ތެރެއިން ސުޕަސްޓާ ސަލްމާން އުފައްދާ ފިލްމެއްގެ ބަތަލުގެ ރޯލުން އޭނާ ފެނިގެންދާނެ ކަމަށް މީގެ ދުވަސްކޮޅެއް ކުރިން އެ ފިލްމު ޑައިރެކްޓްކުރާ ނިތިން ކައްކަރު ބުނެފައިވާއިރު، އިންޑިއާ އާއި ޕާކިސްތާނާ ދެމެދު އުފެދިގެން އުޅޭ މައްސަލަތަކުގެ ސަބަބުން ފަވަދް މި ފިލްމުން ބޭރުކޮށްފައިވާ ކަމުގެ ވާހަކަތަކެއް އަންނަނީ ދެކެވެމުންނެވެ.

ރަށްފުށުގެ ހިސާބެއްގައި ހިނގާ ލޯބީގެ ހާދިސާތަކެއްގެ މައްޗަށް އުފައްދާ މި ފިލްމުގެ ބަތަލުގެ ރޯލުން ކުޅެން ފަވަދް ސޮއިކޮށްފައިވާ ކަމަށް ޑައިރެކްޓަރު ނިތިން ބުނި ނަމަވެސް އޭނާ އިއްޔެ ވަނީ މި ފިލްމުގެ ބަތަލުގެ ރޯލު ފަވަދް އަށް ހުށަވެސް ނާޅާ ކަމަށް ބުނެފަ އެވެ.

"ފިލްމިސްތާން" ވެސް ޑައިރެކްޓްކޮށްފައިވާ ނިތިން، ފަވަދް އަށް މިފިލްމުގެ ބަތަލުގެ ރޯލު ހުށަހެޅިކަން ދޮގު ކުރަމުން ވަނީ އެފަދަ ދޮގު ވާހަކަތައް ފަތުރަނީ ކޮން ބަޔަކުކަން ނޭނގޭ ކަމަށް ބުނެފަ އެވެ.

އަންނަ އަހަރުގެ ކުރީކޮޅު ޝޫޓިން ފެށުމަށް ހަމަޖެހިފައި އޮތް މި ފިލްމަކީ ސަލްމާން އާއި ފަވަދް އެކުގައި ފެނިގެންދާނެ ފުރަތަމަ ފިލްމަށްވީ ނަމަވެސް ކުއްލި އަކަށް އޭނާ މިފިލްމުން ވަކިކޮށްފައިވަނީ ޕާކިސްތާނުގެ އެއްވެސް އެކްޓަރަކު ހިމަނައިގެން ބޮލީވުޑްގެ ފިލްމެއް އުފައްދާނަމަ އެ ޑައިރެކްޓަރަކާއި ޕްރޮޑިއުސަރުންނަށް ހުރަސް އަޅާނެ ކަމުގެ އިންޒާރު އެމްއެންއެސް އާއި ބީޕޭޕީއިން އިންޒާރުދީފައި ވަނިކޮށެވެ.

އެމްއެންއެސްގެ އިންޒާރާއެކު ފަވަދްވެސް އިންޑިއާއިން ގޮސްފައިވާއިރު، އަންނަ މަހުގައި ރިލީޒްވާ އޭނާގެ ފިލްމު "އެއި ދިލްހޭ މުޝްކިލް" ޕްރޮމޯޓްކުރުމަށް ވެސް ބައިވެރިއެއް ނުވާނެ އެވެ.

ކަޝްމީރަށް ޕާކިސްތާނުން ދިން ހަމަލާގައި އިންޑިއާގެ އާމީގެ 18 މީހަކު މަރުވެ ދެގައުމުގެ ސިޔާސީ މަސްރަހު ހޫނުވެފައިވާއިރު، މާދަމާ ރިލީޒްކުރާ ހިންދީ ފިލްމު "އެމް އެސް ދޯނީ" ޕާކިސްތާނުން ވަނީ ބޮއިކޮޓްކޮށްފަ އެވެ.