ބޮލީވުޑް

"ފޯސް 2": އަހަރުގެ އެންމެ ވަރުގަދަ އެކްޝަން ފިލްމަށް ވެދާނެ

Oct 1, 2016
1

ދެހާސް އެގާރަ ވަނަ އަހަރު ނިކުތް ކާމިޔާބު އެކްޝަން ފިލްމު "ފޯސް" ގެ ދެވަނަ ބައި، "ފޯސް 2" ގެ ޓްރެއިލާ ބުރާސްފަތި ދުވަހު މިވަނީ އާންމުކޮށްފަ އެވެ

ލީޑްރޯލުން ޖޯން އަބްރަހަމް އާއި ބަތަލާ ސޮނާކްޝީ ސިންހާ ފެނިގެންދާ މިފިލްމަކީ ފުރަތަމަ ފިލްމާ މުޅިން ތަފާތު ފިލްމެކެވެ. ފުރަތަމަ ފިލްމުގައިވެސް އެކްޝަން މަންޒަރުތައް ހިމެނުނު ނަމަވެސް ދެވަނަ ފިލްމުގެ އެކްޝަން މަންޒަރުތައް ގިނަވެފައި މާފުރިހަމަ އެވެ.

މީގެކުރިން "މަރްދާނީ" ގައި ވެސް ނުބައިބައި ރޯލެއް ކުޅެގެން ކްރިޓިކްސް އާއި ބެލުންތެރިން އިންތިހާ އަށް ތައުރީފުކޮށްފައިވާ ތާހިރް ރާޖް ބާސިން މިފިލްމުގައި ވެސް ފެނިގެންދަނީ ނުބައިބައި ރޯލަކުންނެވެ. މިފިލްމުގައި އޭނާ ފެނިގެންދަނީ ދެ ދުވަހުގެ ތެރޭގައި އިންޑިއާގެ ޕްރައިމަރީ އިންޓެލިޖެންސް އެޖެންސީ، ރޯގެ މެމްބަރުން މަރާލައި މުޅި އިންޓެލިޖެންސް އެޖެންސީ ނައްތާލަން މަސައްކަތްކުރާ މީހެއްގެ ގޮތުގަ އެވެ.

"ފޯސް 2" ގެ ޓްރެއިލާ:

މީގެކުރިން "ފޯސް"، "ރޮކީ ހޭންޑްސަމް" އާއި "ދޫމް" އަދި "ރޭސް 2" ފަދަ އެކްޝަން ފިލްމުތަކުން ފެނިގެން ގޮސްފައިވާ ޖޯން މިވަނީ މިފިލްމުގައި ވެސް މޮޅެތި އެކްޝަން މަންޒަރުތައް ދައްކައިގެން ވިދާލާފަ އެވެ. އަދި މިސިލްސިލާގެ ފުރަތަމަ ފިލްމަށް ވުރެން ހުރިހާ ގޮތަކުން ވެސް މިފިލްމު މާ ވަރުގަދަވާނެ ކަމަށް ވެސް އަންނަނީ ބުނަމުންނެވެ.

ތިންމިނެޓުގެ މިޓްރެއިލާއިން ޖޯންގެ އިތުރުން ސޮނާކްޝީ ވެސް ވަނީ ބޮލީވުޑްގައި އެކްޝަން މަންޒަރުތައް ކުޅެން އެންމެ މޮޅު ބަތަލާއަކީ އޭނާ ކަން ސާބިތުކޮށްދީފަ އެވެ. މީގެއިތުރުންވެސް މިއަހަރުގެ މިހާތަނަށް މޮޅު އެކްޝަން ފިލްމެއް ރިލީޒްވެފައިނުވާއިރު ފިލްމުގެ ޓްރެއިލާއިން އެކަނި މިފިލްމުގައި އެކްޝަން މަންޒަރާއި ތަޅާފޮޅުން ހިމެނޭނެ ވަރު ހާމަވެގެންދެ އެވެ.

ޖޯން މިފިލްމުގައި ކުޅެފައިވަނީ މުމްބައި ޕޮލިސް އޮފިސަރެއްގެ ރޯލެވެ. އަދި އޭނާ އާއި ސޮނާކްޝީ، ތާހިރް ރޯ އެޖެންޓުން މަރާލަން ރާވާ ޕްލޭން އާ ދެކޮޅަށް ތެދުވެ، އެއެޖެންސީ އޭނާގެ އަތްދަށުން ހިމާޔަތްކުރެ އެވެ.

އަބިނޭ ޑިއޯ ޑައިރެކްޓްކޮށްފައިވާ މިފިލްމުގެ މަންޒަރުތައް ނަގާފައިވަނީ ހަންގޭރީގަ އެވެ. އަދި މިސިލްސިލާގެ ފުރަތަމަ ފިލްމުގައި ބަތަލާގެ ރޯލުން ފެނިގެންދިޔަ ޖެނެލިއާ ޑިސޫޒާ މިފިލްމުގައި ހާއްސަ ފެނިލުމަކުން ފެނިގެންދާނެ އެވެ.

މިފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 18 ވަނަ ދުވަހު އެވެ.