ބޮލީވުޑް

މަންމައާ ހެދި ސާރާ އަށް ބޮޑު ދެފިލްމެއް ގެއްލިއްޖެ!

Oct 2, 2016

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސައިފް އަލީ ޚާން އާއި އަމްރިތާ ސިންގްގެ ދޮށީ އަންހެން ދަރިފުޅު، ސާރާ އަލީ ޚާން ޑައިރެކްޓަރު ކަރަން ޖޯހަރުގެ "ސްޓޫޑަންޓް އޮފް ދަ އިޔާ 2" އިން ބޮލީވުޑަށް ތައާރަފުވާނެކަމުގެ ވާހަކަތައް ދެކެވެމުން އަންނަތާ ވަރަށް ދުވަސްވެއްޖެ އެވެ.

މިފިލްމުގައި ޒުވާން އެކްޓަރު ޓައިގާ ޝްރޮފާއެކު ސާރާ ބަތަލާގެ ރޯލުން ފެނިގެންދާނެ ކަމުގެ ވާހަކަތައް ދެކެވެނު ނަމަވެސް ބޮލީވުޑާ ގުޅެން އުޅޭ ކަމުގެ އެއްވެސް އިޝާރާތެއް އޭނާ ދީފައެއްނުވެ އެވެ.

އޭގެފަހުން ޑައިރެކްޓަރު މޯހިތު ސުރީ ހޮލީވުޑްގެ ފިލްމު "ދަ ފޯލްޓް އިން އަވާ ސްޓާސް" ގެ އަސްލަކަށް ބަލައިގެން އުފައްދާ ހިންދީ ފިލްމުން އެކްޓަރު ޝާހިދު ކަޕޫރުގެ ކޮއްކޮ އިޝާން ކައްތާރާއެކު ބޮލީވުޑަށް ތައާރަފުވާނެ ކަމުގެ ވާހަކަތަކެއް ވެސް ވަނީ ދެކެވިގެން ގޮސްފަ އެވެ.

މިދެފިލްމުގެ ބަތަލާގެ ރޯލުވެސް ސާރާ އަށް ހުށަހަޅާފައިވާ ކަމަށްވާއިރު، އޭނާ މިއަހަރުގެ މެއި މަހުގެ ތެރޭގައި ޔޫއެސްގެ ކޮލަމްބިއާ ޔުނިވާސިޓީއިން ގްރެޑުއޭޓްވެ އެންބުރި އިންޑިއާ އަށް އައިސް ވަނީ އޭނާގެ ބޮލީވުޑްގެ ކެރިއަރު ބިނާކުރަން ބޭނުންވާތީ އެކަމަށް އޭނާގެ ހުރިހާ ފޯކަސްއެއް ހުސްކޮށްފަ އެވެ.

އެގޮތުން ސާރާ އަށް ހުށަހެޅުން ލިބުނު ދެފިލްމުގެ ކޮންޓްރެކްޓްގައިވެސް އޭނާގެ ފިލްމާއި ކެރިއަރުގެ ހުރިހާ ކަމެއް ބެލެހެއްޓުމުގެ ޒިންމާ ވަކި ޓެލެންޓް މެނޭޖްކުރާ ކުންފުންޏަކާ ހަވާލުކުރަން ޖެހޭނެ ކަމަށް އޮތުމުން އެކަމާ ސާރާގެ މަންމަ ބަތަލާ އަމްރިތާ ހިތްހަމަނުޖެހުމުން ދެފިލްމުވެސް އޭނާ ދޫކޮށްލީ ކަމަށެވެ.

ބުނެވޭ ގޮތުގައި ވަކި ޓެލެންޓް މެނޭޖްކުރާ ކުންފުންޏަކުން ސާރާގެ ފިލްމީ ހުރިހާ ކަމެއް ބަލަހައްޓާ ގޮތަށް އަމްރިތާ އެއްބަސްނުވީ، މިދިޔަ ހަފްތާގައި އޮތް ސާރާގެ ދޮން މަންމަ، މަޝްހޫރު ބަތަލާ ކަރީނާ ކަޕޫރުގެ އުފަންދުވަހުގެ ޕާޓީ އަށް އޭނާ ކުރު ހެދުމެއް ލައިގެން ގޮސް އުޅެނިކޮށް ނަގާފައިވާ ފޮޓޯތަކެއް އާންމުވުމުންނެވެ.

އެޓެލެންޓް މެނޭޖްކުރާ ކުންފުންޏަކީ ޑައިރެކްޓަރު ކަރަންގެ ފިލްމުތަކުގެ މަސައްކަތްވެސް ކުރާ ކުންފުނި ކަމަށްވެ އެވެ. އަދި މޯހިތުގެ ފިލްމު ކުޅެން ސާރާ އެއްބަސްވެ، ފިލްމު ކުޅެން ސޮއިކުރާ ހިސާބަށް ދިޔަ ފަހުން އަމްރިތާގެ ހިތްހަމަނުޖެހުމާ ހެދި އެފިލްމު ދޫކޮށްލީ އެވެ. ޖެހިޖެހިގެން ލިބުނު ބޮޑު ދެފިލްމެއް ސާރާ ދޫކޮށްލުމުން އެކަމާ އެތައް ބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ.

މީގެކުރިންވެސް ސާރާ ބޮލީވުޑާއި ގުޅޭނެ ކަމަށް އަޑުއަރާފައިވީ ނަމަވެސް ކިޔަވަން އުޅުނު ދުވަސްވަރު ތަންކޮޅެއް ފަލަކޮށް ހުރި ނަމަވެސް ގްރެޑުއޭޝަނާ ދިމާކޮށް ސާރާ ވަނީ ބަރުދަން ލުއިކޮށް ވަރަށް ބޮޑުތަން ހިއްކާވެސް ލާފަ އެވެ. އެހިސާބުން ސާރާ ބޮލީވުޑަށް ނިކުންނަން ތައްޔާރުވަމުން އަންނަނީ ކަމުގެ ވާހަކަތައް ދެކެވުނު ނަމަވެސް ކިޔެވުން ނިންމާލައި އެނބުރި އިންޑިއާ އަށް އައިފަހުން ސާރާގެ ހަށިގަނޑަށް ވެސް ބޮޑު ބަދަލެއް ގެނެސް ކުރިއަށް ވުރެން ލޫޅާފަތިވެ ހެދުން އެޅުމުގެ ވައްޓަފާޅިވެސް ބަދަލުކޮށްލާފައިވާއިރު އެކަން ކަމަކީ ކަރީނާގެ ނުފޫޒުން ކުރާ ކަމެއް ކަމަށް އަމްރިތާ ބުނެފައިވާ ކަމަށް ނޫސްތަކުގައިވެ އެވެ.

އަމްރިތާ ގޮތަށް ސާރާވެސް ސާދާކޮށް އިންޑިއާ ހެދުންތައް އެޅުމަށް އޭނާ ބާރުއެޅި ނަމަވެސް މިފަހަކަށް އައިސް ސާރާ ފެޝަނަށް ހިތްޖައްސުވައި ހުޅަނގުގެ ވައްޓަފާޅިއަށް ހެދުން އަޅަން ދަސްކޮށްދީފައިވަނީ ދޮން މަންމަ ކަރިނާ ކުރެން ކަމަށް އަމްރިތާ ބުނެ އެވެ. އަދި ކަރިނާ އާއި ސާރާއާ ދެމެދު ގާތްގުޅުމެއް އޮންނައިރު، ކަރިނާ އާއެކު މާގާތްކޮށް އުޅުމަކީ ވެސް އަމްރިތާ މާ ހިތް އެދޭ ކަމެއް ނޫނެވެ.

ބުނެވޭ ގޮތުގައި ސާރާ މޯހިތުގެ ފިލްމު ކުރިއަށް ދޫކޮށްލުމާއެކު ދިމާވި އެހެން މައްސަލަތަކަކާ ހުރެ އެފިލްމު އުފައްދާ ދަރްމާ ޕްރޮޑަކްޝަނާއި ފޮކްސް ސްޓާ ސްޓޫޑިއޯއިން ވަނީ ކުރިއަށް އޮޮތް ދެއަހަރުގެ ތެރޭގައިވެސް އެފިލްމު ނުއުއްފައްދަން ނިންމާފަ އެވެ. އެގޮތުން އެފިލްމު ބޮލީވުޑަށް ތައާރަފުވާން ހަމަޖެހިފައި އޮތް އިޝާން، ކަރަން އެހެން ފިލްމަކުން ބޮލީވުޑަށް ނެރޭނެ ކަމަށްވެސްވެ އެވެ.