ދުނިޔެ

މެކްސިކޯގެ އެންމެ ވަރުގަދަ ޑްރަގް ލޯޑް ހައްޔަރުކޮށްފި

Feb 28, 2015

މަސްތުވާތަކެތީގެ ވިޔަފާރީގައި މެކްސިކޯގައި އެންމެ ނުފޫޒުގަދަ އަދި އެ ގައުމުގެ ސަލާމަތީ ބާރުތަކުން ހައްޔަރުކުރަން ބޭނުންވާ މީހުންގެ ލިސްޓުގެ ކުރީގައި އޮތް ސާވަންޑޯ ގޮމޭޒް (ލަ ޓޫޓާ) ހައްޔަރުކޮށްފި އެވެ.

"ނައިޓްސް ޓެމްޕްލާ" ނަމަކަށް ކިޔާ ޖަމާއަތެއް ހިންގާ ގޮމޭޒް އަކީ ކުރިން ޓީޗަރެކެވެ. އޭނާ މަސްތުވާތަކެތީގެ ވިޔަފާރީގެ ތެރެއަށް ވަދެ އޭނާގެ ބާރު

އާދަޔާ ހިލާފަށް ގަދަވެގެން ގޮސް އޭނާ އަކީ މެކްސިކޯގެ މިޗޯކަން ސްޓޭޓް ކޮންޓްރޯލް ކުރާ މީހާ އެވެ. އޭނާ ހައްޔަރުކުރީ ވެސް އެ ސްޓޭޓްގެ މޮރެލިއާ އިންނެވެ.

ފުލުހުން ބުނީ ގޮމޭޒް ހައްޔަރުކުރީ ހަމަލާ ބަދަލުކުރުމަކާ ނުލައި ކަމަށެވެ. އަދި މީހާ ހައްޔަރުކުރުން ވެގެން ގޮސްފައި ވަނީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނާ ދެކޮޅަށް މެކްސިކޯ ސަރުކާރުން ފަށާފައިވާ ހަނގުރާމާގައި ލިބުނު ވަރަށް ބޮޑު ކާމިޔާބީއަކަށެވެ.

ފުލުހުންގެ ތަރުޖަމާނަކު ވިދާޅުވީ މިއީ އެތައް ދުވަހެއްގެ ޖާސޫސީ މައުލޫމާތާ އެކު ކުރި މަސައްކަތުގެ ނަތީޖާ ކަމަށެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ގޮމޭޒް ހައްޔަރު ކުރުމުގެ ދުވަސްކޮޅެއް ކުރިން ފުލުހުން ވަނީ ގޮމޭޒް ހައްޔަރުކުރި ހިސާބުގައިވާ ބައެއް އިމާރާތްތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ގޮމޭޒްގެ ބައެއް އެހީތެރިން ވެސް ހައްޔަރުކޮށްފަ އެވެ.

ގޮމޭޒް އަކީ 2009 ވަނަ އަހަރު މެކްސިކޯ ފުލުހުންގެ 12 މީހަކު މަރާލި މައްސަލައެއްގައި އެމެރިކާ އިން ވެސް ހައްޔަރުކުރަން ބޭނުންވެފައިވާ މީހެކެވެ.