ބޮލީވުޑް

ޓްވިޓާގައި އެންމެ މަގުބޫލު އޭޝިއާގެ އަންހެނަކީ ދިޕިކާ

Oct 1, 2016

މަޝްހޫރު ބަތަލާ ދިޕިކާ ޕަދުކޯންގެ މިދިޔަ އަހަރު ނިކުތް ހުރިހާ ފިލްމެއް ބޮކްސް އޮފީހުގައި ބޮޑެތި ކާމިޔާބީ ހޯދައި އޭނާ ވަނީ މިވަގުތު ބޮލީވުޑްގައި ތިބި ބަތަލާއިންގެ ތެރެއިން އެންމެ ކާމިޔާބު އެއް ބަތަލާއަށް ވެފަ އެވެ.

ބޮލީވުޑްގެ ކާމިޔާބީ އަށްފަހު ފުރަތަމަ ހޮލީވުޑް ފިލްމު "ޓްރިޕަލް އެކްސް: ރިޓާން އޮފް ޒެންޑާ ކޭޖް" ވެސް މިއަހަރުގެ ތެރޭގައި ކުޅެފައިވާއިރު، އޭނާގެ މަގުބޫލުކަން ދުނިޔޭގައި އަންނަނީ ދުވަހެއް ދުވަހަކަށް ބޮޑުވަމުންނެވެ.

މިދިޔަ މަހުގެ ތެރޭގައި ފޯބްސް މަޖައްލާއިން ނެރުނު ދުނިޔޭގެ އެންމެ ބޮޑު އާމްދަނީ ލިބޭ ބަތަލާއިންގެ ލިސްޓުގެ ދިހަ ވަނައިގައި ވެސް ދިޕިކާ ހިމެނިފައިވާއިރު، އޭނާ މިވަނީ ދުނިޔޭގެ ދެވަނަ އަށް އެންމެ ބޮޑު ސޯޝަލް ނެޓްވޯކިން ސައިޓް ޓްވިޓާގައި އެންމެ މަގުބޫލު އޭޝިއާގެ އަންހެނަކަށް ހޮވިފަ އެވެ.

އެންމެ ގިނަ މީހުންގެ ފޮލޯކުރާ އޭޝިއާގެ އަންހެނަކަށް ދިޕިކާ ހޮވިފައި މިވަނީ އޭނާ ފޮލޯކުރާ މީހުންގެ އަދަދު 16 މިލިއަނަށް އަރާފައިވާތީ އެވެ.

މީގެކުރިން އޭޝިއާގެ އަންހެނަކަށް އެންމެ ގިނަ މީހުން ފޮލޯކުރަމުން އައީ އޭޝިއަން ސެލެބްރިޓީ އަގްނޭޒް މޯ އެވެ. އޭނާ ފްލޯކުރާ މީހުންގެ އަދަދޔ 15.8 މިލިއަނަށް އަރަ އެވެ.

ދެހާސް ހަތްވަނަ އަަހަރު ސުޕަސްޓާ ޝާހްރުކް ޚާނާއެކު "އޯމް ޝާންތީ އޯމް" އިން ބޮލީވުޑަށް ތައާރަފްވި ދިޕިކާ އަކީ އޭނާގެ ވާދަވެރި ތަރިންނާއެި އެހެނިހެން ފަރާތްތަކަށް ވެސް ލާމަސީލި މިސާލެކެވެ. ގިނަފިލްމުތަކެއްގައި ބާރުގަދަކަން ދައްކުވައިދޭ ރޯލުތައް ކުޅެފައިވާ ދިޕިކާގެ ކެރިއަރުގެ އެންމެ މުހިންމު ދުވަސްކޮޅު އޭނާ ވަނީ ޑިޕްރެޝަންގެ ޝިކާރައަކަށްވެފަ އެވެ. ނަމަވެސް އާއިލާ އާއި ގާތްއެކުވެރިންގެ ފަރާތުން ހިތްވަރުލިބި ދިޕިކާ ވަނީ އެކަމުން ސަލާމަތްވެފަ އެވެ.

ކުޑަދުވަސްކޮޅެއްގެ ތެރޭގައި ބޮޑު މަގުބޫލުކަމެއް ލިބުނު ދިޕިކާ އަކީ ބޮލީވުޑްގެ ބަތަލާއިންގެ ތެރެއިން ފޭސްބުކްގައި ވެސް އެންމެ ގިނަމީހުން ފޮލޯކުރާ ތަރި އެވެ.

ސޯޝަލް މީޑިއާގައި ދިޕިކާގެ ފޭނުން އެހާ ގިނައީ އޭނާ އަކީ ގަވާއިދުން ފޭސްބުކާއި ޓްވިޓާ މެދުވެރިކޮށް އޭނާގެ ފޭނުންނާ ގާތްގުޅުމެއް ބާއްވަމުން އަންނަ ތަރި އެކެވެ.