ދީން

މޫނުކަނޑާނުލައި ދީނުގެ މަގުގައި ސާބިތުވޭ!

Oct 1, 2016

އާއިލާ އަކީ އެމީހަކާއި ލޭގެ ގޮތުން ގުޅިފައިވާ މީހުންނެވެ. އަދި ކައިވެނީގެ ގޮތުން ގުޅިފައިވާ މީހުންނެވެ. އާއިލީ ގުޅުމަކީ ކޮންމެހެން ވެސް ދަމަހައްޓަން ޖެހޭ ގުޅުމެކެވެ. އާއިލާގެ ހުރިހާ މެމްބަރުން އެކަކު އަނެކަކަށް ގުޅުން ބަދަހިކޮށް ހާލުއަހުވާލު ބަލައި އެހީތެރިވެ ހަދަން ވެސް ޖެހޭނެ އެވެ.

އާއިލީ ގުޅުން ދެމެހެއްޓުން ވާޖިބެއްގެ ގޮތުގައި ދީނުގައި އައިސްފައި އޮތީމަ އެވެ.

އެކަކު ގުޅުން ކަނޑާނަމަ އަނެކަކު ގުޅުން ދަމަހައްޓަން މަސައްކަތް ކުރަން ޖެހޭނެ އެވެ. އެކަކު އަނެކަކަށް ކުރެވޭ ކުށްތަކަށް މާފަށް އެދި މާފު ކުރަން ވާނެ އެވެ. އާއިލާގެ ހުރިހާ މީހުން ގުޅިގެން އެކަކު އަނެކަކަށް އެހީތެރިވެގެން މަސައްކަތް ކުރުމަކީ ރިޒުގް ތަނަވަސްވެ އުމުރު ވެސް ދިގުވާ ކަމެކެވެ.

ސަޙީހް މުސްލިމް ގެ 32 ވަނަ ބާބުގެ 6203 ވަނަ ހަދީޘުގެ މާނައިގައި ވެއެވެ. "ރިޒުގު ތަނަވަސްވެ އުމުރު ދިގުވާން އެދޭ މީހާ އާއިލީ ގުޅުން ދަމަހައްޓާށެވެ."

އާއިލީގުޅުން ކެނޑުމަކީ ބޮޑެތި ފާފައިގެ ތެރޭގައި ހިމެނޭ ކަމެކެވެ. އާއިލީ ގުޅުން ނުދަމަހައްޓާނަމަ ބޮޑެތި ބަލިތަކާއި ކުރިމަތިލާންވެސް ޖެހިދާނެ އެވެ. އަދި އެއީ އެމީހަކު ނަރަކަޔަށް ވެއްޓޭނެ ކަމެއްކަމުގައި ވެސް ވެއެވެ.

ސަޙީޙް މުސްލިމް ގެ 32 ވަނަ ބާބުގެ 6199 ވަނަ ޙަދީޡުގެ މާނައިގައި ވަނީ " އާއިލީ ގުޅުން ކަނޑާލާ މީހާ ސުވަރުގެ ނުވަންނާނެ އެވެ."

ނިސާ ސޫރަތުގެ 36 ވަނަ އާޔަތުގެ މާނައިގައި ވަނީ "ތިޔަބައިމީހުން ﷲ އަށް އަޅުކަން ކުރާށެވެ. އަދި އެކަލާނގެއަށް އެއްވެސް އެއްޗެއް ޝަރީކް ނުކުރާ ހުށި ކަމެވެ. އަދި މައިންބަފައިންނަށާއި ގާތްތިމާގެ މީހުންނަށާއި، ޔަތީމުން ނަށާއި މިސްކީނުންނަށާއި، ގާތް އަވަށްޓެރިޔާ އަށާއި ދުރު އަވަށްޓެރިޔާ އަށާއި، ކައިރި އެކުވެރިޔާ އަށާއި، ދަތުރުވެރިޔާ އަށާއި، ތިޔަބައިމީހުންނަށް މިލްކު ވެގެންވާ އަޅުންނަށް ހެޔޮކޮށް ހިތާށެވެ. ހަމަކަށަވަރުން ތިމާގެ މޮޅުކަން ތިމާއަށްފެނި ބޮޑާވެގެން އުޅޭ މީހަކު ކަމުގައި ވެއްޖެ މީހަކުދެކެ ﷲ ލޯބިވެ ވޮޑިގެނެއް ނުވެތެވެ."

އެއްބަޑު އެއްބަފާ އަޚުންނާއި އުޚްތުން އެކަކު އަނެކަކަށް އެހީތެރިވެދީ އެންމެން އެކަތިގަނޑަކަށް ވެގެން އުޅުމަކީ ބައެއް މީހުންނަށް ވަނީ ދަތިކަމަކަށް ވެފައެވެ. ގިނަމީހުން އުޅެނީ ދުނިޔެވީ ކަންކަމުގައި އަވަދި ނެތިއެވެ. އެކަމަކު ދުރުގައި ތިއްބަސް އާއިލީ ގުޅުން ދެމެހެއްޓޭނެ ފަސޭހަ ގޮތްތައް މިހާރުގެ ޓެކްނޮލޮޖީގެ ޒަރީއާއިން ﷲގެ ރަޙްމަތުން ވަނީ ތަނަވަސްކޮށް ދެއްވާފަ އެވެ. އެހެން ކަމުން ފޭސްބުކް ނުވަތަ ވައިބާ ބޭނުން ކޮށްގެން ފެމިލީ ގުރޫޕް ހަދާ ހިޔާލު ބަދަލުކޮށް ޙާލު އަހުވާލު ބަލާ ހަދާމީހުންވެސް އުޅެ އެވެ.

އާއިލީ ގުޅުން ދަމަހައްޓާނީ އެކަކަށް ނުކުރެވޭ ކަންތަށް އަނެކަކު ކޮށްދީގެންނެވެ. އެކަކު އަނެކަކަށް ހަދިޔާ ބަދަލު ކޮށްގެންނެވެ. މިދުނިޔޭގަ އެއްވެސް މީހަކީ މީހުންގެ އެހީތެރިކަމާއި ނުލާ އުޅެވޭނެ މީހެއް ނޫނެވެ. އެހެން ކަމުން ގާތް ތިމާގެ މީހުންނަކީ އެކަކު އަނެކަކަށް އެހީތެރިވާން ތިބެންވާ ބައެކެވެ. އާއިލާގެ ހުރިހާމީހުން އެއްކަމަކުން މޮޅެއް ނުވާނެއެވެ. އެކިމީހުން ގައިގަ ހުންނާނީ އެކި ހުނަރު ތަކެވެ. އެހެންކަމުން އެކަކު އަނެކަކަށް އެހީތެރި ވުމުގައި އެމީހަކުގެ ކިބައިގައި ހުރި ރަނގަޅު ކަންތަކުން އަނެކާ އަށް އެހީތެރިވާންވާނެ އެވެ.

އިސްރާ ސޫރަތުގެ 26 ވަނަ އާޔަތުގެ މާނައިގައި ވަނީ "ގާތްތިމާގެ މީހާ އަށް އޭނާގެ ޙައްގު ދޭށެވެ. އަދި މިސްކީނަށާއި ދަތުރުވެރިޔާ އަށް ވެސް މެއެވެ. އަދި ގިނަގިނައިން އިސްރާފް ނުކުރާ ހުށިކަމެވެ."

އާއިލީ ގުޅުމުގެ ތެރޭގައި މައިންބަފައިންނަށް ހެޔޮކޮށް ހިތުމަކީ އެންމެ އިސްކަންދޭން ޖެހޭ ކަމެވެ. މަންމަ އަށް ހެޔޮކޮށް ހިތުމަކީ ސުވަރުގެލިބޭ ކަމެކެވެ. މައިންބަފައިންނަށް އިޙްތިރާމް އަދާކޮށް ވާހަކަ ދައްކަންވާނީ ރީތި ބަހުންނެވެ.

ސަޙީޙް މުސްލިމް ގެ ބާބު 32 ގެ 6181 ހަދީސްގެ މާނައިގައި ވަނީ "މީހަކު މުޙައްމަދު ސައްލަﷲ އަލައިހި ވަސައްލަމް ގެ އަރިއަހުން ތިމަންނަ އެންމެ ހެޔޮކޮށް ހިތަންވީ ކާކަށްހޭ އެހުމުން ހަދީޘުކުރެއްވީ މަންމަ އެވެ. ދެވަނަ އަދި ތިންވަނަ ފަހަރުވެސް ވިދާޅުވީ މަންމަ އެވެ. ދެން ހަތަރުވަނަ ފަހަރަށް ވިދާޅުވީ ބައްޕަ އެވެ. ދެން އެންމެ ކައިރި މީހެކެވެ. އެގޮތަށް ތަރުތީބުންނެވެ."

އިސްރާ ސޫރަތުގެ 23 އަދި 24 ވަނަ އާޔަތުގެ މާނައިގައި ވަނީ "ﷲ އަށް ނޫނީ ތިޔަބައިމީހުން އަޅުކަން ނުކުޅައުމަށާއި، މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ކަނޑައަޅުއްވައި އެންގެވި އެވެ. އެދެމީހުންކުރެ އެކަކު ނުވަތަ އެދެމީހުން ތިބާގެ ގާތުގައި ތިބެ މުސްކުޅިކަމާއި ހަމަޔަށް ފޯރައްޖެ ނަމަ، އެދެމީހުންނަށް އުއްފުވެސް ނުބުނާށެވެ. (އެބަހީ ނުރުހުމުގެ ކިތައްމެ ކުޑަބަހެއްވިޔަސް ނުބުނާށެވެ.) އަދި އެދެމީހުންނަށް އަޑުލައި ނުހަދާށެވެ. އަދި މާތް ބަހަކުން އެދެމީހުންނަށް ބަސްބުނާށެވެ. އަދި އޯގާވެރި ވުމުގެ ގޮތުން ނިކަމެތި ކަމުގެ ފިޔަ، ތިބާ އެދެމީހުންނަށްޓަކައި ތިރި ކޮށްލާށެވެ. އަދި ބުނާށެވެ. އަޅުގެ ވެރިރަސްކަލާކޯ އެވެ. ކުޑަކުއްޖަކު ކަމުގައި މިއަޅާވީ ދުވަހު، އެދެމީހުން މިއަޅާބަލައި ބޮޑުކުރި ފަދައިން އެދެމީހުންނަށް ރަޙްމަތް ލައްވައިފާނދޭވެ."

ލުގްމާނު ސުރަތުގެ 14 ވަނަ އާޔަތުގެ މާނައިގައި ވަނީ "އިންސާނާއަށް އޭނާގެ މައިންބަފައިންނަށް (ހެޔޮކޮށް ހިތުމަށް) ތިމަންރަސްކަލާނގެ ވަޞިއްޔަތް ކުރެއްވީމެވެ. އޭނާގެ މައިމީހާ ބަލިނިކަމެތި ކަމުގެ މައްޗަށް ބަލި ނިކަމެތި ކަމާއިއެކު މާބަނޑުގައި އޭނާ އުފުލި އެވެ. އަދި އޭނާ ކިރު ތުނބުން ވީއްލުން ވަނީ ދެ އަހަރުގައެވެ. (ތިމަންރަސްކަލާނގެ އަމުރު ކުރެއްވީމެވެ.) ތިމަން ރަސްކަލާނގެ އަށާއި ތިބާގެ މައިން ބަފައިންނަށް ޝުކުރު ކުރާށެވެ. އެނބުރި ރުޖޫޢަވުން ވަނީ، ހަމަތިމަންރަސްކަލާނގެ ޙަޟްރަތަށެވެ."

ބައެއްމީހުންނަށް ވާގޮތަކީ މައިން ބަފައިންނަށް އަޅާލާފައި އަނބިމީހާ އަށް އަޅާނުލެވެ އެވެ. ބައެއްމީހުންނަށް އަނބިމީހާ އަށް އަޅާލާފައި މައިން ބަފައިންނަށް އަޅާ ނުލެވެއެވެ. އެކަމަކު އަނބިމީހާ އަށްވެސް އަދި މައިންބަފައިންނަށް ވެސް އެމީހަކަށް ދޭންވާ ޙައްގުތައް ދޭންވާނެ އެވެ. އިސްލާމް ދީނަކީ މެދުމިނުގެ ދީނަށް ވާއިރު މުސްލިމުން ހުރިހަ ކަމެއް މެދުމިނުގައި ބެހެއްޓުމަށް މަސައްކަތް ކުރަން ޖެހޭނެ އެވެ. އަނބިމީހާ އަށް މާބޮޑަށް އަޅާލާފަ މަންމަމެންނަށް ދޭންވާ ހައްގު ނުދެވޭނަމަ އެއީ މެދު މިނުގައި ނުހިފެހެއްޓި ވަކި ފަރާތަކަށް މާބޮޑަށް ބުރަވެވެނީ އެވެ. މެދުމިނުގައި ހިފެހެއްޓޭނީ ﷲ އަށް އިޚްލާސްތެރި ވެގެންނެވެ. ދީނުގައި އަޒުމް ވަރުގަދަކަމާއި އެކު ބާރަށް ހިފަހައްޓައިގެންނެވެ.

އާއިލީ ގުޅުން ދަމަހައްޓަން ޖެހޭނީވެސް ދީނުގައިވާ ހުދޫދުގެ ތެރެއިންނެވެ. މައިންބަފައިން ރުއްސަން ވެސް އަދި އަނބިމީހާ ރުއްސަންވެސް ދީނާއި ޚިލާފް ކަމެއް ކޮށްގެން ނުވާނެ އެވެ. ﷲ ނުރުއްސަވާ ކަމަކަށް މައިން ބަފައިން އަމުރު ކުރިޔަސް އެކަމެއް ކުރާކަށް ނުޖެހޭނެ އެވެ.

ލުޤްމާން ސޫރަތުގެ 15 ވަނަ އާޔަތުގެ މާނައިގައި ވަނީ "އަދި ތިމަންރަސްކަލާނގެ އާއި މެދު، ތިބާ އަށް އެނގުމެއްނުވާ އެއްޗެއް ޝަރީކް ކުރުމަށް، އެދެމީހުން ގަދައަޅައިފި ނަމަ،ފަހެ ތިބާ އެދެމީހުންނަށް (މައިންބަފައިންނަށް) ކިޔަމަން ނުވާށެވެ. އަދި ދުނިޔޭގައި ހެޔޮގޮތުގައި އެދެމީހުންނާއި އެކު އުޅޭށެވެ. އަދި ތިމަންރަސްކަލާނގެ ހަޟްރަތަށް ކިޔަމަންވެ، ރުޖޫޢަވީ މީހުންގެ މަގަށް ތަބަޢު ވާށެވެ. ދެން ތިޔަބައިމީހުން އެނބުރި ރުޖޫޢަވުން ވަނީ ތިމަންރަސްކަލާނގެ ޙަޟްރަތަށެވެ. ފަހެ އޭރުން ތިޔަބައިމީހުން ކޮށްއުޅުނު ޢަމަލު ތަކުގެ ޚަބަރު ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް އަންގަވާ ހުށީމެވެ."