ބޮލީވުޑް

ޕާކިސްތާނުގެ ތަރިންގެ ދިފާއުގައި ސަލްމާން ތެދުވެއްޖެ

Oct 1, 2016
1

ޔުރީ އެޓޭކަށްފަހު ބޮލީވުޑްގައި ޕާކިސްތާނުގެ އެއްވެސް އެކްޓަރަކަށް ނޫޅެވޭނެ ކަމަށް ބުނެ އިންޑިއާގައި ތިބި ޕާކިސްތާނުގެ ތަރިން އެގައުމުން ބޭރުކޮށްލާފައިވާއިރު، ޕާކިސްތާނުގެ އެއްވެސް ތަރިއަކު އުޅޭ ހިންދީ ފިލްމެއް ރިލީޒްވިޔަ ނުދޭނެ ކަމަށް އިންޑިއާގެ ބޮޑު ސިޔާސީ ޕާޓީއަކުން އަންނަނީ ބުނެ އިންޒާރު ދެމުންނެވެ.

މިމަހުގެ 28 ވަނަ ދުވަހު ރިލީޒްކުރުމަށް ހަމަޖެހިފައިވާ ޕްރޮޑިއުސަރު-ޑައިރެކްޓަރު ކަރަން ޖޯހަރްގެ "އޭ ދިލް ހެ މުޝްކިލް"ގައި ޕާކިސްތާނު އެކްޓަރު ފަވާދު ޚާން މުހިންމު ރޯލަކުން ފެނިގެންދާއިރު، އެފިލްމު އިންޑިއާގައި ރިލީޒްވިޔަ ނުދޭނެ ކަމަށް އަންނަނީ ބުނަމުންނެވެ.

ޓެރަރިޒަމަށް ހިތްވަރުދޭ ގައުމެއްގެ ތަރިންނަށް އިންޑިއާގެ ފިލްމުތަކުން ފުރުސަތު ނުލިބޭނެ ކަމަށް ބުނަމުން އަންނައިރު ޕާކިސްތާނުގެ އެކްޓަރުން އިންޑިއާއިން ބޭރުކޮށްލުމުން އެކަމާ ފިލްމޫ ދާއިރާގެ ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އެގޮތުން ސުޕަސްޓާ ސަލްމާން ޚާން މިވަނީ ޕާކިސްތާނުގެ އެކްޓަރުންނާ މެދު ޓެރަރިސްޓުނާ ދޭތެރޭ ކަންތައްކުރާ އުސޫލުން ނުކުރުމަށާއި އާޓް އާއި ޓެރަރިޒަމް އަޅާ ނުކިޔުމަށް ގޮވާލާފަ އެވެ. ސަލްމާން މިހެން ބުނެފައިވަނީ އިންޑިއަން މޯޝަން ޕިކްޗާ ޕްރޮޑިއުސާސް އެސޯސިއޭޝަނުން އިއްޔެ ޕާކިސްތާނުގެ ތަރިން ބޮލީވުޑްގައި މަސައްކަތްކުރުން މަނާކުރާ ގަރާރެއް ފާސްކުރުމާ ގުޅިގެންނެވެ.

ސަލްމާން ވަނީ އާޓް އާއި ޓެރަރިޒަމަކީ އަޅާ ނުކިޔޭނެ ދޭއްޗަކަށްވާއިރު، ޕާކިސްތާނުގެ ތަރިން ބޮލީވުޑްގައި މަސައްކަތްކުރަން އަންނަނީ އެގައުމުގެ ސަރުކާރުގެ ހުއްދަ އާއެކު ވިސާ ލިބިގެން ކަމަށެވެ.

ސަލްމާންގެ އަމިއްލަ ބްރޭންޑް 'ބީން ހިއުމަން" ގެ ގަހަނާތައް ނެރުމަސް ބޭއްވި ހަފްލާގައި ޕާކިސްތާނުގެ ތަރިންގެ ދިފާއުގައި ސަލްމާން ވާހަކަދައްކާފައިވާތީ ފިލްމު ޑައިރެކްޓަރު އަދި ސެންޓްރަލް ބޯޑް އޮފް ފިލްމު ސާޓިފިކޭޝަންގެ މެމްބަރު އަޝޯކް ޕަންޑިތް ވަނީ ސަލްމާން އަށް ފާޑުކިޔާފަ އެވެ. އަޝޯކް ކުރި ޓްވީޓެއްގައި ވަނީ އަމިއްލަ ގައުމަށް ދެވުނު ޓެރަރިސްޓް ހަމަލާއަކާ ގުޅިގެން އެކަން ކުށްވެރިނުކޮށް ހުރުމަކީ ވެސް އެކަމަށް ދެވޭ ހިތްވަރެއް ކަމަށް ބުނެފަ އެވެ.

މީގެއިތުރުންވެސް ޕާކިސްތާނުގެ ތަރިންގެ ފިލްމު އިންޑިއާގައި ރިލީޒްކުރުމާ އެންމެ ބޮޑަށް ދެކޮޅު ހަމަދަމުން އަންނަ ސިޔާސީ ޕާޓީތަކުގެ ތެރެއިން މަހަރަޝްތުރަ ނަވްނިރްމަން ސޭނާ (އެމް.އެން.އެސް) ރައީސް ރާޖް ތާކަރީ އާ ފޯނުން ގުޅައިގެން ވެސް ސަލްމާން ވަނީ "އޭ ދިލް ހެ މުޝްކިލް" އާއި ޝާހްރުކްގެ "ރައީސް" އަމާންކަމާއެކު އިންޑިއާގައި ރިލީޒްކުރެވޭނެ މާހައުލެއް ގާއިމުކޮށްދޭން އެދިފަ އެވެ.