ދުނިޔެ

ބޮޑު އެއްވުމަށް ރެޑީ ވަނިކޮށް ރަޝިއާގެ އިދިކޮޅު ލީޑަރު އަވަހާރަކޮށްލައިފި

ނެމްސޮވް އަކީ ރަޝިއާގެ ކުރީގެ ރައީސް ބޮރިސް ޔެލްސިންގެ ވެރިކަމުގައި ބޮޑުވަޒީރުގެ ނާއިބުކަމުގެ މަގާމު ފުރުއްވާފައިވާ ފަރާތެކެވެ. އެއަށް ފަހު އޭނާ މަޝްހޫރުވެ ވަޑައިގެންފައި ވަނީ ޕުޓިންގެ ސިޔާސަތަށް އެންމެ ފާޅުކަން ބޮޑު ގޮތެއްގައި ފާޑުވިދާޅުވާ ރަޝިއާގެ ޕޮލިޓީޝަނަށެވެ.

އުމުރުން 55 އަހަރުގެ ނެމްސޮވް އަވަހާރަކޮށްލާފައި ވަނީ ވެރިރަށް މޮސްކޯގެ މެދުތެރޭ ހިސާބެއްގައި ހިންގަވާފައި އުޅުއްވަނިކޮށް ކާރެއްގައި އައި މީހަކު ދިން ބަޑީގެ ހަމަލާއެއްގަ އެވެ. މި ހަމަލާގައި އޭނާގެ ދުވަސް ދުއްވާލާފައިވާއިރު ވަރަށް ފަހުން ދިން އިންޓަވިއުއެއްގައި ނެމްސޮވް ވިދާޅުވެފައި ވަނީ ޕުޓިންގެ ސަރުކާރުން އޭނާ "މަރާލާނެ" ކަމުގެ ބިރު އެބައޮތް ކަމަށެވެ.

އޭނާ މިހެން ވިދާޅުވެފައި ވަނީ ރަޝިއާ އިން ޔުކްރެއިންގެ ހަނގުރާމަވެރިންނަށް އެއްބާރުލުން ދީގެން ކުރިއަށް ގެންދާ އަސްކަރީ ހަރަކާތަށް ވިދާޅުވަމުން ގެންދަވާ ފާޑުކިޔުންތަކާ ގުޅިގެން ސަރުކާރުގެ ފިއްތުން އޭނާއާ ދެކޮޅަށް އިތުރުވެފައި ވުމުންނެވެ.

ނެމްސޮވް އަވަހާރަކޮށްލިއިރު ޕުޓިންގެ ސަރުކާރާ ދެކޮޅަށް އާދީއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ބޮޑު މުޒާހަރާގައި އިސްކޮށް އޭނާ ބައިވެރިވެ ވަޑައިގަތުމަށް އޮތީ ހަމަޖެހިފަ އެވެ.

އިދިކޮޅު ލީޑަރު އަވަހާރަކޮށްލުމުން އެކަން އެންމެ ފުރަތަމަ ވެސް ކުށްވެރިކުރައްވާފައި ވަނީ ޕުޓިން އެވެ. ޕުޓިންގެ ސަރުކާރުން ބުނަނީ ނެމްސޮވް އަވަހާރަކޮށްލި މައްސަލައިގެ ތަހުގީގު ނިކަން ރަނގަޅަށް ކުރިއަށް ގެންދާނެ ކަމަށެވެ.

އެމެރިކާގެ ރައީސް ބަރަކް އޮބާމާ އާއި ޔޫރަޕްގެ އިއްތިހާދުން ވެސް ވަނީ، ނެމްސޮވް އަވަހާރަކޮށްލުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފަ އެވެ.