ރާއްޖެ ކުޅިވަރު

ބޮޑު ބަދަލެއް ގެނެވޭނީ ވޮލީގެ އެތެރޭގެ ގޮފިތައް ހަރުދަނާކޮށްގެން: ޗިޗޫ

Oct 1, 2016

ރާއްޖޭގެ ވޮލީބޯޅަ މިހާރު އޮތް ހަރުފަތުން އެހެން ހަރުފަތަކަށް ގޮންގޮސް ބޮޑު ބަދަލެއް ގެނެވޭނީ ވޮލީގެ އެތެރޭގައި ހުރި ގޮފިތައް ހަރުދަނާ ކޮށްގެން ކަމަށާއި އެންމެ ބޮޑު އިސްކަމެއް ދޭނީ އެކަމަށް ކަމަށް ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ގެ ރައީސް ކަމަށް ކުރިމަތިލައްވާފައިވާ ކުރީގެ މަޝްހޫރު ވޮލީ ކުޅުންތެރިޔާ އިސްމާއިލް ރިފާއު (ޗިޗޫ) ބުނެފިއެވެ.

މިރޭ ބާއްވަން ހަމަޖެހިފައިވާ ވީއޭއެމްގެ އިންތިހާބުގެ ކުރިން އަވަސްއާ ވާހަކަ ދައްކަމުން ޗިޗޫ ބުނީ ވީއޭއެމްގެ އެތެރޭގައި ވޮލީއާ ސީދާ ގުޅުން ހުރި ތިން ކޮމިޓީ އެކްޓިވްކޮށް މަސައްކަތް ނުކުރާ ކަމަށާއި، ވޮލީ ބޮޑު ބަދަލަކާ ދިމާލަށް ގެންދިއުމުގައި އެ ތިން ކޮމިޓީ މުހިންމު ދައުރެއް އަދާ ކުރާ ކަމަށެވެ.

"ޓެކްނިކަލް (އެންޑް ޑިވްލަޕްމެންޓް) ކޮމިޝަން ކޯޗާސް ކޮމިޝަން، ބީޗްވޮލީ ކޮމިޝަން. ވޮލީ، ބޮޑު ބަދަލަކާ ހަމަޔަށް ގެންދިއުމުގައި މި ތިން ކޮމިޝަންގެ ދައުރު ވަރަށް މުހިންމު. ތަފާތު އެކި ސަބަބުތަކާ ހެދި އެބަތިބި ވޮލީއާ ދުރުގައި ތިބި މީހުން، މި ކޮމިޓީތައް މެދުވެރިކޮށް އެމީހުންގެ ބައިވެރިވުން ވޮލީއަށް ހޯދައިގެން ބޮޑު ބަދަލަކާ ދިމާލަށް ގެންދެވޭނީ،" ޗިޗޫ ބުންޏެވެ.

މިދިޔަ އަހަރު އިންޓަ ރިޒޯޓް ވޮލީބޯޅަ މުބާރާތުގައި ކުރުނބާ ވިލެޖް ޓީމުގެ ހެޑްކޯޗެއްގެ ގޮތުގައި ހުރި ޗިޗޫ ބުނީ އިންޓަ ރިޒޯޓް ވޮލީބޯޅަ މުބާރާތާއި ގައުމީ އެހެން މުބާރާތްތައް މާކެޓްކޮށް ބްރޭންޑަކަށް ހަދައި އެއިން ބޮޑު އާންމު ދަނީއެއް ހޯދައި ވޮލީގެ ޑިވްލަޕްމެންޓަށް ހަރަދު ކުރާނެ ކަމަށެވެ.

"ފަތުރުވެރި ކަމުގެ ދާއިރާގައި އެތައް ބައިވަރު ކުންފުންޏެއް އެބަ ހަރަކާތްތެރިވޭ. އިންޓަ ރިޒޯޓް މުބާރާތް ބްރޭންޑަކަށް ހަދައި އެފަދަ ކުންފުނިތަކުގެ ބައިވެރިވުން މިކަމަށް އިތުރު ކުރެވިދާނެ. އަދި ކުޅުންތެރިންން ގެއްލުން ނުވާނެ ގޮތަކަށް އެއިން ލިބޭ މާލީ ފައިދާ ޑިވްލަޕްމެންޓަށް ހޭދަ ކުރެވޭނެ،" ޗިޗޫ ބުންޏެވެ.

ޔޫތު ޑިވެލޮޕްމަންޓް ޕްރޮގްރާމް

ވައިޑީޕީ ޕްރޮގްރާމް އަލުން ފެށުމަކީ ޗިޗޫގެ ބޮޑު އުންމީދެކެވެ. ވައިޑީޕީ ޕްރޮގްރާމް ހަރުދަނާ ކަމާއެކު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް ޑިވެލޮޕްމަންޓަށް ހޭދަ ކުރެވޭ ފައިސާ އިތުރުކޮށް ވައިޑީޕީއަށް ބޮޑު ބައެއް ހާއްސަ ކުރަންޖެހޭ ކަމަށް ޗިޗޫ ބުންޏެވެ.