ރިޕޯޓް

ފެން ރައްކާ ކުރުމުގެ މުޅިންއާ އުކުޅުތަކެއް

މާލެއިން ފެން ކެނޑުމުން އެމީހަކަށް ޖެހުނު އެއްޗަކަށް ދަނީ ފެން ފުރަމުންނެވެ. ފެން ދޫކުރާ ގަޑިޖެހުމާއެކު ޑަސްބިނެއް ލިބުނަސް ފެން އަޅަ އެވެ. ކޮތަޅެއް ފެނުނަސް ފެން އަޅަ އެވެ. މިހާރު ސޯޝަލް މީޑިއާގައި ދަނީ މިފަދަ ފޮޓޯތައް ޝެއާ ކުރަމުންނެވެ.

މިފަދަ އެއް ފޮޓޯއެއްގައި ފެންނަނީ ކޫލަރެކެވެ. މި ކޫލަރު ހަދާފައިވަނީ ފަސް ލިޓަރު ފެން ފުޅިއެއްގައި އިސްކުރެއް ހަރުކޮށްގެންނެވެ. މި ފޮޓޯތައް ސޯޝަލް މީޑިއާގައި ޝެއާ ކުރަން ފެށުމާއެކު ދަނީ ތައުރީފު އޮހެމުންނެވެ.

"މިއީ ވަރަށް ސަޅި އައިޑިއާއެއް،" ފޭސްބުކްގައި މީހަކު ކޮށްފައިވާ ކޮމެންޓެއްގައި ވެ އެވެ.

ސޯޝަލް މީޑިއާގައި ޝެއާކުރަމުން އަންނަ އަނެއް ފޮޓޯއަކީ ފަސް ލިޓަރުގެ ފެން ފުޅިއެއްގައި މުސްލިމް ޝަވަރެއް ހަރުކޮށްފައި ވަނިކޮށެވެ. މިއީ ވެސް ވަރަށް ސަޅި އައިޑިއާ އެކެވެ. ދެން ހުރި ފޮޓޯގައި ފެންނަނީ މާ އާދަޔާ ހިލާފު ވިސްނުކެވެ. އެއީ ވަށިގަނޑެކެވެ. އެ ވަށިގަނޑުގެ ތެރޭގައި ޑަސްބިން ކޮތަޅު އެޅުމަށްފަހު އެއަށް ފެން އަޅާފައި ހުރެ އެވެ.

މީގެ އިތުރުން އަނެއް ފޮޓޯގައި ފެންނަކީ ޕްލާސްޓިކް ގޮނޑިތަކެކެވެ. އެ ގޮނޑިތައް ބަންޑުން ބޭއްވުމަށްފަހު، ކޮތަޅު އަޅާފައި އެއަށް ފެން އަޅާފައި ހުރެ އެވެ. ކަމެއް ޖެހިއްޖެ ނަމަ އެކަމެއް ކުރާނެ ގޮތެއް ވަރަށް ފަސޭހައިން އުފަންވެ އެވެ. މި ފެންނަނީ އޭގެ ހެއްކެވެ.